އިމާމުގެ ކަރުގަ ފޮތި އޮޅާފަ "ނިކަން ވީއްލިބަލާށެވެ! ނިކަން ﷲ އަށް ދަންނަވައިގެން ސަލާމަތްވެބަލާށެވެ!" ބުނި މީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 23ސ
އިމާމުގެ ކަރުގަ ފޮތި އޮޅާފަ "ނިކަން ވީއްލިބަލާށެވެ! ނިކަން ﷲ އަށް ދަންނަވައިގެން ސަލާމަތްވެބަލާށެވެ!" ބުނި މީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

ފުރަތަމަ މިދަންނަވަނީ ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު ކަމެއްގެ ވާހަކައެވެ.  

އޭނާ ބުނަނީ އޭނާ ކިޔަވަން މިސްލިމް ސްކޫލަކަށް ދިއަ ކަމަށާއި އެސްކޫލުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި "ކޮމެޑީ" ގެ އެއްވެސް ބައެއް ނުއޮންނަ ކަމަށެވެ. އޭނާ އެބައި ކުޅެން ބޭނުންވެގެން އެދުމުން އުސްތާޛުން ދެކޮޅު ހެދިކަމަށެވެ. އަދި ނަޞޭޙަތެއްގެ ގޮތުން އުސްތާޛަކު "މީހުން ހެއްވަން ތިއަވަރަށް ޝައުޤުވެރިވާއިރު ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޢަޛާބް ޙައްޤުވާ މީހަކަށްވެއްޖެނަމަ ބިރުން ތުރުތުރު އަޅަންޖެހޭނެވަރު ވިސްނޭނެނަމަ މިދުނިޔޭގައި ހުނުން ގިނައެއް ނުކުރާނެއެވެ. އަދި މީހުން ހެއްވަން ވެސް މަސައްކަތެއް ނުކުރާނެ" ކަމަށް ވިދާޅުވިކަމަށެވެ.  

ދެން ބުނީ އެހެންބުނެ ބިރުދެއްކި ނަމަވެސް އަހަރެން މިހާރުވެސް މިކުރާކަމަކީ މީހުން ހެއްވުން ކަމަށެވެ.  

މިވާހަކަކޮޅުން އަޅުގަނޑަށް ވިސްނުނު މާނައަކީ ތިމަންނާ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިނުވާކަމަށް ބުނުމެވެ. އޭނާ އެބަސް އެބުނަނީ ނުސީދާކޮށް ނަމަވެސް ފައުޅުގައި ﷲ ތަޢާލާއަށް ގޮންޖަހާ މީހުންވެސް އެބައުޅެއެވެ.

އަޅުގަނޑުގެ ސުވާލަކީ މީހުން އެބޮޑުފާފަކުރާއިރު ﷲ ތަޢާލާ ޢަޛާބެއް ނުދެއްވަވަނީ ކީއްވެގެންތޯއެވެ؟ އަދި އެފަދަ ބަސްތައް ބުނާ އެއްވެސް މީހަކަށް ވަޤުތުން ކޯފާއެއް ފޮނުއްވެވިކަން އެނގިފައި އެބައޮތްތޯއެވެ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ "ﷲ ތަޢާލާއަށް ގޮންޖަހައި ނުބައި ބަސްތައް ބުނެ ކަންކަން ކުރާއިރުވެސް ޢުޤޫބާތް ނުދެއްވަވަނީ ކީއްވެގެންތޯ؟" ފަދަ ސުވާލުތައް ކިޔުންތެރިން ކުރެއެވެ.  

ޖަވާބުގައި ދަންނަވަން އޮތީ ބައެއް ފަހަރު ވަގުތުންވެސް ޢުޤޫބާތް މިންވަރު ކުރައްވަވައެވެ. އަނެއްބައިފަހަރު ޢުޤޫބާތް ލަސްވެސް ކުރައްވަވައެވެ. އެކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ތިރީގައި އެވަނީ މީގެ 4 އަހަރުވަރުކުރިން އެމެރިކާގައި ހިނގާފައިވާ ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ.   

އެއީ އިރު އިރު އޮއްސި އަނދިރިވެގެން އައި ވަގުތެވެ. ބޮކިތަކުގެ އަލި އެހައި ގަދައެއް ނޫނެވެ. ރަނގަޅަށް އަނދިރި ނުވާތީއެވެ. މަޣްރިބް ނަމާދުން ފައިގައިގެން ގޮސް ޕާކެއްގެ ގޮނޑިއެއްގައި އިމާމަކު އިށީނދެލި ވަގުތެވެ. އެހިސާބުގައިވެސް ބައަކު ފެންނާކަށް ނެތެވެ. 

\ކުއްލިއަކަށް އޭނާގެ ފުރަގަހުން މީހަކު އައިސް ކަރުގައި ހިފިއެވެ. އަދި ސްކާފެއް ފަދަ އެއްޗެއް އޮޅައި ބާރުވެސް ކޮށްލިއެވެ. އެއަށްފަހު ބުންޏެވެ.  "ބިރުގަންނަން ޖެހޭނެ ހަމައެކަނި ފަރާތަކީ ﷲ ކަމަށް ކަލޭ އެބަ ފަތުވާދެމެއް ނޫހެއްޔެވެ؟ އަދި މީސްތަކުން ސަލާމަތްކުރައްވަވަނީ ވެސް ﷲ ކަމަށް އެބަ ބުނަމު ނޫން ހެއްޔެވެ؟ ވީއިރު އަހަރެން ދެކެ ބިރު ނުގަންނަ ނަމަ ނިކަން ވީއްލިބަލާށެވެ! ކަލޭ ސަލާމަތްކުރާނެ ބައަކު ނިކަން ގެނެސްބަލާށެވެ! ނިކަން ﷲ އަށް ދަންނަވައިގެން ސަލާމަތްވެބަލާށެވެ! ކަލޭގެ އެފަދަ ފަތުވާތައް ހުއްޓާލަން އެއްބަސްވާނަމަ ތެދުވާށެވެ. އެއްބަސް ނުވާނަމަ އިށީނދެ އިން ގޮތަށް އިންނާށެވެ. އަހަރެން ކަލޭ ދޫކޮށްލާނީ ނޭވާހާސްކޮށް މަރާލާފައެވެ."

އޭނާ ޙަރަކާތެއްވެސް ނުކުރެއެވެ. ﷲ ތަޢާލާއަށް ވަކީލުކޮށްގެން ގޮނޑީގައި އިންގޮތަށް އިނީއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމާއި ދެކޮޅަށް ފަތުވާ ދޭން ބޭނުން ނުވާތީއެވެ. މަޖުބޫރުވެގެން ނަމަވެސް އެފަދަ ކަމެއް ކުރުމަށްވުރެ މަރުވެ ދިއުން މާރަނގަޅު ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެގޮތުގައި އޭނާ މަރުވި ނަމަވެސް މަރުވެގެންދާނީ ﷲ ތަޢާލާގެ މަގުގައި، އިސްލާމް ދީނުގެ ޙައްޤުގައިކަން ޔަޤީން ކުރެވޭތީއެވެ. މަރުވުމުން ﷲ ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެކަންވެސް ޔަޤީން ކުރެވޭތީއެވެ.  

ﷲ ތަޢާލާގެ މިންވަރު ފުޅުން އެވަގުތު އިވުނީ ދެމީހަކު ބާރަށް ދުވާއަޑާއި ފިސްތޯލައެއް ޖެހި އަޑެވެ. އެމީހަކަށް ޤަބޫލުކުރެވޫނީ އޭނާ ކުރާ ކަންތައް ފެނިގެން ފުލުހުން އޭނާ އާއި ދިމާއަށް އަންނަނީ ކަމަށެވެ. އެހިސާބުން ސަލާމަތްވުމަށްޓަކައި ސްކާފްވެސް ދޫކޮށްލާފައި ދުއްވައިގަތްތަނާ ހިނގަމުން އައި މުސްކުޅިއެއްގެ ގައިގައި ޖެހި އޭނާ ވެއްޓުނީއެވެ.  

ކަންދިމާވިގޮތުން އެއީ ފުލުހެއްގެ ބައްޕައެވެ. ޢާއިލާއިން ބައްޕަ ގޮވައިގެން ގޮސްތިބީ ކަސްރަތަށް ބައްޕަލައްވައި ހިންގުވަންވެގެންނެވެ. ބައްޕަ ވެއްޓުނުތަން ފެނިފައި ދަރިންތައް ދުވެފައި އައިސް ބައްޕަގެ ގައިގައި ޖެހިގަތް މީހާ ވަށައިލިއެވެ. އަދި ފުލުސް ދަރިފުޅަށް އޭނާ އާއިމެދު ޝައްކުކުރެވިގެން އަތުގައި ބިޑިއެޅުވިއެވެ.  

އެހިސާބުން އެމީހާ ތެދުވެގެންގޮސް ފުލުސް މީހާއަތަށް ސްކާފް ދީފައި ކަންތައް ވީގޮތް ކިޔައިދިނެވެ. ފުލުސް މީހާ އޭނާގެ ކަރު ބެލިއިރު އައްސައި ބާރުކުރި ކަމުގެ ފާހަގަތައްވެސް ފެންނަން ހުއްޓެވެ. އަދި ލިބިފައިވާ އަނިޔާގެ ސަބަބުން ވާހަކަ ދައްކަންވެސް ވަނީ އުނދަގޫވެފައެވެ.  

އެހިސާބުން މީހަކަށް ބިރުދައްކައި މަރަން އުޅުނުކަމުގެ ކުށުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ 15 އަހަރުގެ ޖަލު ޙުކުމެއް އިއަވައިފައެވެ.  

މުސްލިމުންނަކީ އެއްވެސް މީހަކަށް ބިރުގަންނަން ޖެހޭނެ ބައެއް ނޫނެވެ. ބިރުގަންނަން ޖެހޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއްވެސް މީހަކު ދެކެ ބިރުގަނެ ޖެހިލުންވާނަމަ އެއީ އީމާންކަމުގެ މައްސަލައެކެވެ. އިސްލާމް ދީނުގައިވާ މަގުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުންނަ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެއެވެ. އެއީ ޝައްކުރަންޖެހެންވީ ކަމެއް ނޫނެވެ. ބޭނުންވަނީ އެވަރުގެ އީމާންތެރި ކަމެވެ. ތަޤްވާވެރިކަމެވެ.  

ހަމައެފަދައިން ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ގޮންޖަހައި ބަސްތައް ބުނާ މީހުން ވީއްލަވައި ބައިތިއްބަވަނީ އިރާދަކުރައްވަވާ ވަޤުތު ޖެހެންދެންނެވެ. ވަޤުތުޖެހުމުން ހިއްޕަވާނެތެވެ. ހިއްޕަވާނީ ކޮން ވަޤުތަކު ކޮން ގޮތަކަށް ކަމެއް ނުއެނގޭނެއެވެ. ހަމަ އެފަދައިން އެމީހަކަށް އެދެއްވަވަނީ ވިސްނައި ތައުބާވުމުގެ ފުރުޞަތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން