ލޮބުވެތި އަޚުންނާ އުޚްތުން. އަޅުގަނޑުމެން އެބަޖެހޭ ބަރަކާތްތެރި ރަމްޟާންމަހަށް ޙަޤީޤީ މާނާގައި އިސްތިޤްބާލް ކުރަން. ރަމްޟާންމަހަށް ހޤީޤީ މާނާގައި އަޅުގަނޑުމެން އެބަޖެހޭ ރަމްޟާންމަހަށް މަރްޙަބާ ކިޔަން. އެގޮތުން ލޮބުވެތި އަޚުންނާއި އުޚްތުން، މިއަދު ޢަޒުމް ކުރަންޖެހޭ ބަރަކާތްތެރި ރަމްޟާންމަސް އެކުއެކުގާ ހެޔޮގޮތުގަ ބޭނުންކުރަން. ވަކިން ހާއްސަކޮށް ފަހުދިހައެއް. ލައިލަތުލް ޤަދްރި ވިލޭރޭގެ ދަހިވެތިކަމުގަ، އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ:
"ހާސް މައްސަރަށްވުރެ، އެއަހާސް މައްސަރަށްވުރެ ލައިލަތުލް ޤަދްރި ވިލޭރޭގެ ހެޔޮކަން ބޮޑޭ. އެރޭގަ ކުރާ ކޮންމެ ހެޔޮކަމަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަމެއް. އެހެންވީމަ އެރޭގެ ހެޔޮކަމުން މަހްރޫމްވެއްޖެ މީހަކަށް މާތް ނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމް ނަން ދެއްވާފައިވަނީ މަހްރޫމެކޭ.
"ލައިލަތުލް ޤަދްރިވިލޭރެއިން މަހްރޫމް ވެއްޖެ މީހަކީ މަހްރޫމެކޭ." އެއީ މަހްރޫމްވެފަ ހުރި މީހެއް، އެއީ ބަދްނަސީބު ވެރިއެކޭ. އަބާއްޖަވެރިވެއްޖެ މީހެކޭ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބާއްޖަވެރި ކުރައްވާނެ މީހަކު ނަސީބުވެރި ކުރައްވާނެ މީހަކު އެރެއިން މަހްރޫމް ނުކުރައްވާނެ އެހެންނޫންތޯ.
ކިހިނެއްތޯ ބުއްދި ޤަބޫލުކުރަނީ ރަމަޟާންމަހުގެ ރޭތައް އެއްކޮށް މުންކަރާތްތަކުގަ ވިޔާނުދާ ކަންކަމުގަ އިސްރާފްކުރުމުގަ ހޭދަކޮށްފަ، އެގޮތަށް ނުބައި ކަންތައްތަކުގަ އިޙްޔާ ކޮށްފަ ހަތާވީސް ވިލޭރެއަށް ފާރަލައިގެން ހުރެފަ، ނުވަތަ ޢަލާމަތްތަކަށް ބަލައިގެން ލައިލަތުލް ޤަދްރި ވިލޭރެކަން ކަށަވަރުކޮށްފަ އެރޭން އެއްހާސް މައްސަރު ދަމައިގަންނަން. މީ ވާނެ ކަމެއްތޯ. ނޫން މަންޤޫލް ކަމެއް ނޫންއެއީކީއެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަތިވެރި ސަވާބާއި ދަރުމަ ދެއްވަނީ ކޮންބަޔަކަށްތޯ. އިޚްލާސްތެރިންނަށް، ތެދުވެރި މުއުމިނުންނަށް. އެބައެއްގެ ޤަޟާޤަދަރުގަ މާތް ﷲ ބާއްޖަވެރިކަން ލިޔުއްވާފަވާ މީހުންނަށް. އެފަދަ މީހަކަށް ވުމަށްލޮބުވެތި އަޚުންނާއި އުޚްތުން މިއަދުން ފެށީގެން މިވަގުތުން ފެށިގެން އަޅުގަނޑުމެން އިޚްލާސްތެރި ވާންޖެހޭ. ﷲ ސުބުޙަނަހޫ ވަތަޢާލާއަށް ކުއްތަންވާންޖެހޭ.
ޢުއްމުލް މުއުމިނީނަ ޢައިޝާ ރަޟިޔަﷲ ޢަންހާ ފަހުދިހއެއްގެ ހާލަތު ބަޔާންކުރެއްވި. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުވަހަކުވެސް އަޅުކަމަށް ތައްޔާރުވެވަޑައި ނުގަންނަވާ ވަރަށް ފަހުދިހައެއްގައި އަޅުކަމަށް ތައްޔާރުވެ ވަޑައިގަންނަވާ. ދުނިޔެ އެއްކޮށް އެއްކައިރި ކުރައްވާފަ އަސްޙާބު ބޭކަލުންނާއި އެކުގައި ޢިއުތިކާފަށް އިށިއިނދެ ވަޑައިގަންނަވާ. ރޭއަޅުކަމުގައާއި ދުވާލު އަޅުކަމުގަ ރޭގަނޑު އަޅުކަމުގަ. އަޅުކަމުގަ ބިޒީވެލައްވާ އެކަލޭގެފާނުގެ އަތުކުރި އޮޅާލައްވާ ކަމަރު ބާރުކޮށްލައްވާ އަނބީންނާވެސް ދުރަށް ޖެހިވަޑައިގަންނަވާ. ރޭގަނޑު އާއިލާގެ މީހުން ނަންގަވާ އަޅުކަމަށް، ސުބްޙާނަﷲ ކޮންފަދަ އުފާވެރި ރޫޙާނީ ވަގުތުކޮޅެއްތޯ. އެއީ އަޅުގަނޑުމެން މިއަދު ޢަޒުމް ކުރަންވީ ކަމަކީ. ޢުއްމުލް މުޢުމިނީން ޢައިޝާ ރަޟިޔަﷲ އަށް ދަސްކޮށްދެއްވަނީ ލައިލަތުލް ޤަދްރިވިލޭރޭގެ އުއްމީދުގާ ދުޢާކުރާށޭ ގިނަގިނައިން.
"ހައްދަވާ ބޮޑުކުރެއްވި އިލާހޭ، އިބަ އިލާހުއީ ފާފަ ފުއްސަވާ ފާފަ ފުއްސެވުމަށް ލޯބިކުރައްވާ އިލާހޭ. މި އަޅާގެ ފާފަ ފުއްސަވާންދޭވެ. "
ލޮބުވެތި އަޚުންނާއި އުޚްތުން. ރަމްޟާންމަހުގަ އެބަޖެހޭ ހުރިހާ ވިޔާނުދާ ކަންތައްތަކުން ދުރުހެލިވާން މަސައްކަތް ކުރަން. ރަމަޟާންމަހުން އެބަޖެހޭ ހުރިހާ ނުބައި ކަންތައްތައް އަޅުގަނޑުމެންގެ ނަފްސާ ދުރުކުރަން އާދަކުރަން. ރަމަޟާންމަހަށް ފަހުގަ ތެދުވެރި އިޚްލާސްތެރިކަމާއެކުގަ އީމާންކަމާއެކުގަ ފައިތިލަ ސާބިތުކުރަން މަސއްކަތް ކުރަން.
ރަމަޟާންމަހުގެ ނިދާގެ އެއްބައި އެހެންނޫންތޯ މީ އައީ. އަނެއްބައިގަ ކީކޭތޯ އަންނަނީ.
"އޭ ނުބައިކަމުގެ އަހުލުވެރިންނޭ، ނުބައިކަންތައްތަކުގަ ވިދިފަ ތިބި މީހުންނޭ، ނުބައި އާދަތައް ހިފިފަ ތިބި މީހުންނޭ، ( އަރަބި) " ހުއްޓާލާށޭ. ރަމަޟާންމަސް އަތުވެއްޖޭ. ތައުބަވާށޭ، ޙައްޤުމަގަށް ރުޖޫޢަވާށޭ، ވިޔާނުދާ ކަންތައްތައް ދޫކޮށްލާށޭ."
އެކަމަކުވެސް ރަމަޟާންމަސް އައީމާ ބައެއްމީހުން އަޅުގަނޑުމެންގެ ބައެއް މީހުންނަކަށް އެއްގިތަކަށްވެސް އެ ޟަމީރު ހެއެއް ނުލެއްވޭ. ވަރަށް ހިތާމަ ހުރިކަމެއް، ލޮބުވެތި ޒުވާނުން، ލޮބުވެތި އަޚުންނާއި އުޚްތުން ހޭލަމާ ހިނގާ. (އަރަބި) ގޯސްކަންތައްތަކުން ދުރުހެލި ވޭތޯ ބަލަމާ ހިނގާ. އަޅުގަނޑުމެންގެ މަޖިލިސްތައް ޣީބަ ބުނުމާ ނެތިމޮށުން، ދެބައޮޑުވުމާ މީސްތަކުންގެ މުސްލޮމުންގެ އަބުރަށް އެރުމާ ދޮގު ވާހަކަ ދެއްކުމާ، މި ވިޔާނުދާ ޢަމަލު ހުއްޓާލަން އެބަ ޖެހޭ. އެއީ އަޅުގަނޑުމެންގެ ތެރޭގަ އޮތް ނުރައްކާތެރި ވަބާއެއް. އަބަދާއަބަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އެނގިގެންނާ ނޭންގި ކުރެވޭ ކަމެއް.
ރަމްޟާންމަހަށް ކީއްވެތޯ ހާއްސަވަނީ. ރަމްޟާންމަހަށް ހާއްސަވަނީ، ސަބަބަކީ ރޯދައިގެ އަސްލު މާނައަކީ ހުއްޓާލުން، ދުރުހެލިވުން، ފާފަތަކުން ނުބައި އާދަތަކުން، ގޯސްކަންތައްތަކުން ދުރުހެލިވުން. އެހެންވީމަ ޣީބަ ބުނުމާ ނެތި މޮށުމާ ދެބައޮޑުވުން، މި ހުރިހާ ނޭއްޤާނީ ޢަމަލުތަކުން އަޅުގަނޑުމެން ދުރުހެލިވާންޖެހޭ. އަޅުގަނޑުމެންގެ ދޫ ރައްކާތެރި ކުރަންޖެހޭ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢްރާޖަށް ގެންދެވި ރޭގަ އެކަލޭގެ ފާނަށް ފެނިވަޑައިގެންނެވީ ބަޔަކު މީހުން، އެބައި މީހުންގެ އަތުގެ ނިޔަފަތިތައް ވަނީ ދަގަނޑުން ތޫނުކޮށް ދިގުކޮށް، އެބައިމީހުންގެ މޫނުގައި އަޅާ ނޮޅާ ލޭ އޮހޮރެމުންދޭ. އެ ވޭނުގާ އެމީހުން ވާތަން ފެނުމުން މާތް ނަބިއްޔާ ޖިބްރީލް ޢަލައިހިއް ސަލާމަށް ދަންނަވަނީ އެއަ ކޮންބައެއްތޯއޭ. ވިދާޅުވަނީ އެއީ މީސްތްކުންގެ މސް ކާ މީހުންނޭ. ސުބްޙާނަﷲ ރަމަޟާންމަހުގަ އަޅުގަނޑުމެން މުއުމިނުންގެ މަސް ކައިގެން އަޅުގަނޑުމެންގެ ރޯދަ ނުގެއްލޭނެތޯ.
ބައެއް ޢިލްމުވެރިން، އިސްވެދިޔަ ޞާލިޙުން ވިދާޅުވަނީ ރަމަޟާންމަސް އެކަންޏެއް ނޫން. ރޯދައަށް ހުރެ މީހެއްގެ ޣީބަ ބުނެފިނަމަ އެ ރޯދަ ޤަޟާ ކުރާށޭ. ވުޟޫވެސް އަލުން އިއާދަ ކުރާށޭ. އެވަރުގެ ނުރައްކާތެރި ފާފައެކޭ މުއުމިނުންގެ ޣީބަ ބުނުމަކީ މުސްލިމުންގެ ޣީބަ ބުނުމަކީ މީހުންގެ މަސް ކެއުމަކީ. އެހެންވީމަ އެ ފާފައިން އަޅުގަނޑުމެން ދުރުހެލިވާންޖެހޭ.
އަލް އިމާމު މުޖާހިދު ރަހިމަހުﷲ ވިދާޅުވަނީ، "ތިމާމީހަގެ ރޯދަ ސަލާމަތްކުރަން ބޭނުންވާމީހާ، އޭނަ ޣީބަ ބުނުމާ ދޮގުހެދުމުން ދުރުހެލި ވާށޭ." ޣީބަ ބުނުމާ ދޮގުހެދުމުން ދުރުހެލިވާށޭ، އޭރުންނޭ އޭނާގެ ރޯދަ ސަލާމަތްވާނީ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އެކުވެރިންނަށް ވިދާޅުވާކަމުގައިވޭ، ރޯދައަށް ތިބެންޏާ މިސްކިތުގައި ތިބެމާ ހިނގާށޭ. ރޯދަދުވަހު ބޭރަށް ނުގޮށްވޭތޯ ބަލަމާ ހިނގާށޭ. މީހަކު ސުވާލުކުރަނީ ދެން ކީއްވެގެންތޯއޭ ރޯދައަށް ހުންނަ އިރުގައި ދެން ގިނަވަގުތު މިސްކިތުގައި އުޅެންވީ، މިސްކިތުގައި ހޭދަކުރަންވީ. ވިދާޅުވަނީ އަހަރެމެން ރޯދަ ސަލާމަތް ކުރަންވެގެންނޭ. ރޯދައަށް ގެއްލުންވާ ގޯސްކަންތައްތަކުން ސަލާމަތް ކުރަންވެގެންނޭ. ދޫ ރައްކާތެރި ކުރަންވެގެންނޭ.
ލޮބުވެތި އަޚުންނާ އުޚްތުން. ނިންމާލުމުގެ ކުރިން އަޅުގަނޑުމެން ހަނދާނަށް އަލުންބަލުން ގެންނަން އެބަޖެހޭ، ރަމަޟާންމަހަށްޓަކާ އަޅުގަނޑުމެން އުފާކުރަންވީ އަދި ހެޔޮ ނިޔަތްގަނެ އިޚްލާސްތެރި ވާންޖެހޭކަން. ރަމަޟާންމަހަށް ތައްޔާރުވާން ޖެހޭކަން. ރަމަޟާންމަސް އޭގެ އެންމެ ފުރިހަމަ މާނައިގާ އަދާކުރުމަށްޓަކާ އަޅުގަނޑުމެން އިޚްލާސްތެރިވެ، ތެދުވެރިވެ، ހިއްވަރާއެކުގައި މަސައްކަތްކުރަން އެބަޖެހޭ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭތޯ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ނަމޫނާއަކަށް ދެއްކި އިސްވެދިޔަ ސަލަފުންގެ ތަޤުވާވެރިކަމާ ޞާލިހުންގެ ހިއްވަރު، ހިއްވަރުލިބިގަނެ، އަޅުގަނޑުމެން އެބޭފުޅުންގެ އިޚްލާސްތެރިކަމުން، އިޚްލަސްތެރިކަން ލިބިގަނެ އަޅުގަނޑުމެން ރަމަޟާންމަސް ހޭދަކުރަން ޖެހޭ. ހުރިހާ ވާޖިބުތަކަށް ރައްކާތެރިވެ ޙަރާމް ކަންތައްތަކުން ދުރުހެލިވާންޖެހޭ. ވަކިން ހާއްސަކޮށް އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވޭ ކަންތައްތަކެއް، މައިންބަފައިންނަށް އިހްމާލުވުން، ރަޙިމުގެ ގުޅުން ކަނޑާފަތިބުން، އަޚްވަންތަކަން ކަނޑާފަ ތިބުން. އެކަންކަމުން އަޅުގަނޑުމެން ސަލާމަތްވެ ރައްކަތެރިވާންޖެހޭނެ.
ލައިލަތުލްޤަދްރި ވިލޭރޭގެ ދަރުމަޔާ ސަވާބުން މަހްރޫމްނުވެ ވޭތޯ، ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ފުރިހަމަ ގޮތުގައި ލިބޭތޯ.
އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފަ ވަނީ
"އެމީހެއްގެ މޫނު ލޯ ވެއްޔާމޮޑެވިއްޖެ، އެމީހަކު ގެއްލި ހަލާކުވެއްޖެ، އެމީހަކު އަބާއްޖަވެރިވެއްޖޭ، ރަމަޟާންމަހާ ބައްދަލުވެ ރަމަޟާންމަސް ފެށިގެން ގޮސް ނިމުނުއިރުގަވެސް އޭނަގެ ފާފަ ނުފުހެވުނު މީހާ. އެކަމަށްޓަކާ ޖިބްރީލްގެފާނު ދުޢާކުރެއްވި އަދި މާތްނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމް އާމީން ވިދާޅުވި.
އެހެންވީމާ ލޮބުވެތި އަޚުންނާ އުޚްތުން، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވެ އެކަލާންގެއަށް ބިރުވެތިވެ، އެކަލާންގެއަށް އިޚްލާސްތެރިވެ، ބަރަކާތްތެރި ރަމަޟާންމަސް އަންނާތީ އެކަމާ އުފާކޮށް އަޅުގަނޑުމެންގެ ހިތްނިޔަތް ޚާލިސްކޮށް ﷲ ތަބާރަކަ ވަތަޢާލާއަށް ދުޢާކޮށް ދަންނަވާ، އެކަލާންގެ ޙަޟްރަތުން ސަވާބާއި ދަރުމަޔަށްއެދި ރޯދަހިފާ ރޯދަމަހުގެ ޚައިރާތާއި ބަރަކާތް ލިބިގަންނަންއެބަޖެހޭ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށާ ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަދި އަޅގަނޑުމެންގެ މައިންބަފައިންނާ އަލުގަނޑުމެންގެ އާއިލާގެ މީހުންނާ އަޅުގަނޑުމެންގެ އަނބދަރީންނާ އަޅުގަނޑުމެންގެ އެންމެހާ އަޚުންނާ އުޚްތުންނަށް މާތް ﷲ ހެޔޮ ތަޢުފީޤު ދެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު
- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން