ޢާއިޝަތު ރަފާޙް ޢަލީ
ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެކެވެ. އެއީ ކީރިތި ޤުރްއާން ބާވައިލެއްވެވި މައްސަރެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾
މާނައީ: "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ. (185)"
އެގޮތުން މި ލިޔުމުގައި މިބަލާލަނީ ރޯދަމަހު ކުރެވޭނެ ބައެއް ހެޔޮ ޢަމަލުތަކަށެވެ.
· ކީރިތި ޤުރްއާން ކިޔެވުން: ރަމަޟަން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން މި މާތް މައްސަރުގައި ކީރިތި ޤުރްއާނުން މަދުވެގެން ޚަތިމެއް ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ.
· ދީނީ ދަރުސްތައް އަޑުއެހުން: ދީނީ ދަރުސްތައް އަޑުއެހުމުގެ ސަބަބުން ދީނީ މަޢުލޫމާތު އޮޅުންފިލާ ދީނަށް އިތުރަށް ލޯބިޖެހިގެން ދާނެއެވެ. އަދި ތިމާއަށް ނޭނގި ހުންނަ އެތައް މަޢުލޫމާތެއް އެނގިގެން ދާނެއެވެ.
· ދީނީ ފޮތްތައް ކިޔުން: ދީނީ ފޮތްތައް ކިޔުމަކީވެސް ދީނަށް އޮންނަ ލޯބި އިތުރުވެގެން ދާނެކަމެކެވެ. އަދި ރަމަޟާން މަހު ހެޔޮ ކަންކަމުގައި މަޝްޢޫލުވެގެން އުޅުމަށްޓަކައި ދީނީ ފޮތްތައް ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ.