ހެކި ނުދެއްކޭނެ ނަމަ ޒިނޭގެ ތުހުމަތު އެޅުވުމުގެ ހުރި ނުބައިކަން ވަރަށް ބޮޑު! ދުނިޔޭގަ ޙައްދުނުޖެހުނަސް ﷲ ތަޢާލާގެ ޙުކުމްފުޅާ ކުރިމަތިލާންޖެހޭނެ ދުވަސް އަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ހެކި ނުދެއްކޭނެ ނަމަ ޒިނޭގެ ތުހުމަތު އެޅުވުމުގެ ހުރި ނުބައިކަން ވަރަށް ބޮޑު! ދުނިޔޭގަ ޙައްދުނުޖެހުނަސް ﷲ ތަޢާލާގެ ޙުކުމްފުޅާ ކުރިމަތިލާންޖެހޭނެ ދުވަސް އަންނާނެ!

އަޅުގަނޑަކީ ދުވަހަކުވެސް ޒިނޭކުރި އަންހެނަކީމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ފިރިހެނުން ވަރަށް ގިނަވުމުން، އަދި އެމީހުންގެ ތެރޭގައި ތަނަވަސަކަންހުރި މީހުންވެސް ތިބުމުން އަޅުގަނޑުގެ ބޮލުގައި ޒިނޭކުރާކަމުގެ ތުހުމަތު އަޅުވައިގެން ބައެއް މީހުން ވާހަކަ ފަތުރައެވެ. އެކަމުގެ ސަބަބުން ލަދުގަންނަން ޖެހޭ ޙާލަތަށްވެސް ކަންކަން ދެއެވެ.

ވީމާ މިކަން ދީނުގައި އޮންނަ ގޮތް ބުނެދެއްވަފާނަންތޯ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެމީހުން އެކުރަނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއްކަމަށެވެ. އަދި މިދުނިޔޭގައި އެމީހުންގެ ގައިގައި ހައްދު ނުޖެހުނަސް އެކަމަށް ކުރިމަތިލާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ. ތިރީގައިވާ ލިޔުމުން އެކަންކަން އެކަންކަން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

މިހާރަކަށް އައިސް ގިނަ ބައަކު ތެދުވެރިކަން ދޫކޮށްލައިފިއެވެ. އެއީ ދެމަފިރިންކަމުގައިވީނަމަވެސްމެއެވެ. އެހެންވެ ޖެހޭ މައްސަލަތަކުގައި ވަރަށް ފަސޭހައިން އެކަކު އަނެކަކަށް ޒިނޭކުރި ކަމުގެ ތުހުމަތު އެބަ އަޅުވައެވެ.

ދާދިފަހުން މީހެއްގެ އަންތބަކު ހިލޭފިރިހެނަކާއިއެކު އެކަހެރިވެގެން އުޅުނު މައްސަލައެއްގައި ފިރިމީހާ އޭނާގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު އެޅުވިއެވެ.

ފުރަތަމަކަމަކަށް ބުނަންޖެހޭނީ އެއަންހެން މީހާ އެކުރީ ހަމަ ވަރަށް ބޮޑު ފާފައެއް ކަމަށެވެ. އެހެނީ ހިލޭ ފިރިހެނަކާއިއެކު އެގޮތަށް އެކަހެރިވެގެން ނުވާނެއެވެ. އެއީ އެއްގޮތަކަށްވެސް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫނެވެ. އަދި މަނާކުރައްވަވާފައިވާ ކަމެކެވެ.

ފާހަގަކޮށްލަން މިއުޅެނީ އެކަންތައް ރަނގަޅަށް ބެލިއިރު އެއަންހެން މީހާ ޒިނޭކޮށްފައެއް ނުވެއެވެ. ވީމާ ދެންވާނީ ކިހިނެއްހެއްޔެވެ؟ އެއީ ބަހުސްކުރެވެން އޮތް ޙުކުމެއް ނޫނެވެ. ކީރިތި ޤުރްއާނުގައި ޙުކުމް ބާވައިލައްވަވާފައިވާ ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އަންނޫރު: 4)

"އަދި އެއުރެންގެ އަމިއްލަ މަފްސްތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ ޙާލު، އެއުރެންގެ އަނބީންނަށް ޤަޛްފްކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ." (އަންނޫރު: 6)

އަނބިމީހާ ކިޔަމަންތެރިކަން އަދާނުކުރާނަމަ އޮތީ ރިވެތި ގޮތުގައި އޭނާ ދޫކޮށްލުމެވެ. އެކަމުން ފިރިމީހާގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ވީމާ ތިމާ ފާފަވެރިވެދާނެ ކަންކަން ނުކުރާށެވެ! އެއިރުން އެކުރެވެނީ އިތުރު ފާފަތަކެވެ. ވީމާ ކިތަންމެ ގަދައަށް ރުޅީ އައިނަމަވެސް އަދި ކިތަންމެ ބޮޑަށް ތުހުމަތު ކުރެވުނަސް 4 ހެކިން ނުދެއްކޭނެ ނަމަ އަނބިންގެ ބޮލުގައި ޒިނޭކުރިކަމުގެ އަޅުވައި ބަސްނުބުނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން