ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާ މީހަކު އެކަންކާމިޔާބުކުރިގޮތާ ޢަމަލުކުރާ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާ މީހަކު އެކަންކާމިޔާބުކުރިގޮތާ ޢަމަލުކުރާ ގޮތް-

އިންސާނުންގެ ސިކުނޑިއަށް އަބަދުވެސް ދާނީ ބުރަކަން ލިބެމުންނެވެ. ޚިޔާލުތަކާ ފިކުރުތަކުން ސަލާމަތްވެވިގެން ހުރުމުގެ ފުރުޞަތު ލިބޭނީ ވަރަށް މަދުންނެވެ. ވަރަށް މަދުފަހަރަކުއެވެ. އެއްކަމަކުން ސިކުނޑި ސަލާމަތްކުރާއިރަށް އަނެއް ކަމެއް ސިކުނޑިއަށް ވަދެގަންނާނެއެވެ. އެއީ އިންސާނުންނަށް އަބަދުވެސް މެދުވެރިވާ ގޮތެވެ. އަދި މެދުވެރިވަމުން ދާނެ ވެސް ގޮތެވެ.

އެހެންކަމާއިއެކުވެސް އަހަރެމެންގެ ސިކުނޑިއަށް ލުއިކަން ހޯދަން އެބަޖެހެއެވެ. ސިކުނޑިއަށް ލުއި ނުކޮށް ނަމާދު ފުރިހަމައަކަށް ނުކުރެވޭނެއެވެ. ނަމާދަށް ހުންނަ ވަގުތުކޮޅު ސިކުނޑިއަށް ލުއި ނުކުރެވޭނަމަ ނަމާދުގައި ކިޔޭ ނުކިޔޭ އެއްޗެއްވެސް ނުއެނގޭނެއެވެ. ބައެއް ހާލަތްތަކުގައި ކުރެވޭ ނުކުރެވޭ ކަންކަން ވެސް ނުއެނގޭ ހިސާބަށް އެބަދެއެވެ. މިހާލަތުގައި ކުރާ ނަމާދު ގާތީ ނަމާދަކަށް ނުވުމެވެ.

އަހަރެން ދަންނަ މީހަކަށް ދިރިއުޅެން ޖެހިފައިވަނީ ވަރަށް ބޮޑެތި މުޞީބާތްތަކާއިއެކުގައެވެ. މާލީ މައްސަލަތަކާއި ޢާއިލީ މައްސަލަތަކުގެ ތެރޭގައެވެ. އެކަންކަމުގެ އިތުރުން ވަރަށް ބަލި މަންމައަކުވެސް ބަލަހައްޓަން ޖެހެއެވެ. އެހުރިހާ ކަންކަމާއިއެކުވެސް އޭނާއަކީ ޤަވާއިދުން ނަމާދުކުރާ މީހެކެވެ.

އެހެންވެ އެއްދުވަހު އޭނާއަށް ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދެވޭތޯ އާއި ޚުޝޫޢަތްތެރިވާންޖެހޭ މިންވަރަށް ޚުޝޫޢަތްތެރިވެވޭތޯ ސުވާލުކުރީމެވެ. އޭނާ ދިން ޖަވާބުން އަހަރެން ދިއައީ ބަސްހުއްޓިގެންނެވެ.

"ޝައިޚްއެވެ. ނަމާދަށް ހަރަމް ބަނުމާއިއެކު ހުރިހާ ފިކުރުތަކެއް އަހަރެން ދޫކޮށްލަމެވެ. އެކަން އަހަރެންނަށް ކުރެވެން ފެށީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްގެންނެވެ. ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށްގެންނެވެ. ވަރަށް ގިނަ ދުޢާކުރިފަހުންނެވެ.

ފުރަތަމަ ކަމަކަށް މިސްކިތަށް ވަނީންސުރެ ސިކުނޑިއަށް އެހެން އެއްވެސް ކަމަކަށް ފުރުޞަތެއް ނުދެމެވެ. ސުންނަތް ނަމާދުކުރުން ނުވަތަ ޛިކުރުކުރުން ހުއްޓައެއް ނުލަމެވެ. އިބިލީސް އައިސް ވަރަށް ގިނަ ވަސްވާސްތައް ދެއެވެ. ނުކުރެވި ހުރި ކަންތައްތަކާއި ނުފުދި ހުރި ކަންތައްތަކާއި އެކަންކަން ފުއްދަން ހުރި ގޮންޖެހުންތައް މަތިން ހަނދާންކޮށްދެއެވެ. ނަމަވެސް އަހަރެންނަށް މިހާރު އެއީ އެއްވެސް މައްސަލައަކަށް ނުވެއެވެ. އަހަރެން ހިތަށް އަރުވަނީ އަހަރެން ހުއްޓި މިހިރީ އަހަރެންގެ ބޭނުންތައް ފުއްދަވައި ދެއްވެވޭނެ، ދެއްވަވާނެ ރައްބުލްޢާލަމީންގެ ކުރިފުޅުމަތީގައި ކަމަށެވެ. ނުފުދި ހުރިކަންކަން ﷲ ތަޢާލާ މިންވަރު ކުރައްވަވާ ވަގުތު ޖެހުމުން ފުއްދަވައި ދެއްވާނެ ކަމަށެވެ. އަދި އެކަންތައްތައް ފުއްދަވައި ދެއްވެވުން އަވަސްކޮށް ދެއްވަވާނީ ނަމާދުގައި ﷲ ތަޢާލާ އާއި ކުއްތަންވީ ވަރަކުން ކަމަށެވެ. އެކަންކަން ހިތް މައްޗަށް ގެނެސް ޚުޝޫޢަތްތެރިކަން އިތުރުކުރަން މަސައްކަތް ކުރުމުން ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށް ދެއްވަވައެވެ."

މީސްތަކުންނޭވެ! އޭނާ އެބުނަނީ ވަރަށް ރަނގަޅު ވާހަކައެކެވެ. އަހަރެމެން ކިތަންމެ ވަރަކަށް ކަން ބޮޑުވެ ތެޅި ފޮޅުނު ނަމަވެސް ކޮންމެ ކަމެއްވެސް ވާނީ އެކަމަކަށް ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ ވަގުތު ޖެހުމުންނެވެ. ވީމާ ނަމާދަށް ހުންނަ ވަގުތަކީ ﷲ ތަޢާލާއަށްޓަކައި ޚާލިޞްކުރާ ވަގުތަށް ހަދާށެވެ. ނަމާދުކޮށް ނިމުމުން އެދޭ ކަންތައްތަކުގެ ވާހަކަތަކުން ދުޢާކޮށް ދަންނަވައި އާދޭސްކުރާށެވެ!

އެގޮތަށް މަސައްކަތްކުރަން ފެށުމުން ﷲ ތަޢާލާ ހުރިހާ ކަމަކަށްވެސް މަގުފަހިކޮށް ދެއްވަވާނެތެވެ. ވީމާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ. ދެން ހުރި ކަންކަމަށް ވިސްނަން ފާށާނީ ނަމާދު ނިމުމުންނެވެ. އެގޮތަށް އަމަލުކުރަން މަސައްކަތް ކުރުމުން އެކަމަށް ހަމަ ކޮންމެ މީހަކަށްވެސް މަގުފަހިކޮށް ދެއްވަވާނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން