މުސްލިމުންނަށް ޙަރާމްކުރެއްވެވި ތަކެތި ﷲ ތަޢާލާ އުފެއްދެވީ މީސްތަކުން ނަރަކައިން ސަލާމަތްކުރައްވަވަންކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މުސްލިމުންނަށް ޙަރާމްކުރެއްވެވި ތަކެތި ﷲ ތަޢާލާ އުފެއްދެވީ މީސްތަކުން ނަރަކައިން ސަލާމަތްކުރައްވަވަންކަން އެނގޭތަ؟: މުފްތީ މެންކް

ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. އިންސާނުންނަށް ކެއުމާއި ބުއިން އަދި ބޭނުންކުރަން ޙަރާމް ކުރައްވަވާފައިވާ ތަކެތި ﷲ ތަޢާލާ އުފެއްދެވީ ކީއްވެގެން ހެއްޔެވެ؟ އަދި ވަރަށް ފަސޭހައިން ލިބޭނެ ގޮތް މެދުވެރިކުރެއްވެވީވެސް ކީއްވެގެން ހެއްޔެވެ؟

އެގޮތުން އޫރުމަސް ކެއުން ޙަރާމްކުރައްވަވާފައި އެއިގައި ނުބީހެންވެސް އަންގަވާފައި އޫރު އުފެއްދެވީ ކީއްވެގެންތޯވެސް ސުވާލުކުރެއެވެ.

ބުނަން ހެއްޔެވެ؟ އޫރު ނުއުފެއްދެވިނަމަ، އޫރުމަސް ކާން ނުލިބޭނަމަ އޫރުމަސް ނުކެއުމުން ލިބެން އޮތް ޘަވާބު ލިބޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ ﷲ ތަޢާލާ އަހުރެމެންނަށް އެދެއްވަވަނީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނުކެއުމުން ލިބެން އޮތް ޘަވާބު ލިބިގަތުމުގެ ފުރުޞަތެވެ.

ދެންވެސް ވިސްނައިލާށެވެ! ޒިނޭކުރުމަކީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ކަމުގައި ލައްވަވާފައި އަންހެނުން އުފައްދަވާފައިވުމަކީ ޒިނޭކުރަން އޮތް ސަބަބެއް ކަމަށް ބަލައިފިނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ހަމައެފަދައިން ދެން ފިރިހެނުންވީ އަންހެނުން އުފެއްދެވީތީ ޝަކުވާކުރަން ހެއްޔެވެ؟ ނޫނީ އަންހެނުންވީ ފިރިހެނުން އުފެއްދެވީތީ ޝަކުވާކުރަންހެއްޔެވެ؟

ދެޖިންސުން އިންސާނުން ނުއުފެއްދެވިނަމަ ދަރިފަސްކޮޅު ދެމިގެން އަންނާނީ ކިހިނަކުންހެއްޔެވެ؟ އަދި ކައިވެނިކޮށްގެން ހޯދެން އޮތް އަރާމާއި އުފާ ޙާޞިލުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

ﷲ ތަޢާލާ ވަނީ ބެލުންތައް ތިރިކުރަން އަމުރުފުޅުކުރައްވަވާފައެވެ. އާދައާ ޚިލާފަށް ރީތި މީހުން ވެސް ވަނީ އުފައްދަވައިފައެވެ. ބެލުންތައް ތިރިނުކޮށްފައި ރީތި މީހުން އުފެއްދެވީތީ ޝަކުވާކުރެވޭނެ ހެއްޔެވެ؟

އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫނެވެ. ކޮށްގެންވާނެވެސް ގޮތެއްވެސް ނޫނެވެ. ﷲ ތަޢާލާ އަހުރެމެން އިމްތިޙާން ކުރައްވަވަނީއެވެ. ސުވަރުގެ އެދޭމީހާއަށް އޮތީ ފާސްވުމެވެ. ފާސްނުވިނަމަ އެމީހަކަސްވާނެ ގޮތްވެސް ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެމީހަކު ބޭނުން ގޮތެއް އެމީހަކު ލިބިގަންނާށެވެ! އެކަން ﷲ ތަޢާލާވަނީ މީސްތަކުންގެ އިކްތިޔާރަށް ދޫކުރައްވަވައިފައެވެ.

މިގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބަކީ މުސްލިމުންނަށް ޙަރާމްކުރެއްވެވި ތަކެތި ﷲ ތަޢާލާ އުފެއްދެވީ މީސްތަކުން ނަރަކައިން ސަލާމަތްކުރެއްވެވުމަށެވެ. އެކަން ޙާޞިލުކުރެވޭނީ ޙަރާމްކުރެއްވެވި ކަންކަން ނުކުރުމުންނެވެ.

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން