މިފަދައިން ކުޑަ ދަރިފުޅު ތަރުބިއްޔަތު ކުރެވިއްޖެނަމަ އުފަލުން ނުރޮވޭނީ ކޮން ބެލެނިވެރިއަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިފަދައިން ކުޑަ ދަރިފުޅު ތަރުބިއްޔަތު ކުރެވިއްޖެނަމަ އުފަލުން ނުރޮވޭނީ ކޮން ބެލެނިވެރިއަކަށްތަ؟

ވަރަށް ކުރުކުރު ވާހަކަކޮޅެއް ހާމަކޮށްލާނަމެވެ. ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ސިއްސައިގެންދާނެވަރުގެ މުހިންމު ވާހަކަކޮޅެކެވެ. އެންމެ 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުޑަކުޑަ ކުއްޖެއްގެ ވާހަކައެވެ. 

ކުޅެން އުޅުމުގެ ތެރޭގައިވެސް ނޫންނަމަ އެކަނި ހުރެ ކުރެވޭ ކަމަކުން ނަމަވެސް ގައިގެ ތަނަކަށް ތަދުވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އެތަނުގައި އަތްއަޅައިގެން އިނދެ އަލްހަމްދު ކިޔަވައި 3 ފަހަރު ފުމެލާފައި ބުނެއެވެ. "މާތް ﷲ ޝިފާ ދެއްވަވާނެއެވެ. އިން ޝާ ﷲ." ވިއްދައިގެން ބުނެލާނެއެވެ. މިހާރުވެސް ކޮއްކޮއަށް ފަސޭހަވެއްޖެއެވެ." އަދި އެހެން ކުއްޖަކަށް ކަމެއް ދިމާވިނަމަވެސް ދުވެފައިގޮސް ހަމައެގޮތަށް ކަންތައް ކުރެއެވެ.

އެއިގެ އިތުރުން ގޭގެ އެއްވެސް ކުއްޖަކުވިޔަސް ބޮޑުމީހަކުވިޔަސް ބަލިވެއްޖެކަން އެގޭއިރަށް ގޮސް ހަމައެގޮތަށް ކަންތައް ކުރެއެވެ. އަދި ދެއަތް އުފުލައިގެން ހުރެ ދުޢާވެސް ކުރާނެއެވެ. އަދި ބުނާނެއެވެ. "މާތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގަދަވާނެއެވެ." 

މިކަމުން އަންގައިދެނީ ކުއްޖާ ﷲ ތަޢާލާއަށް ކުރާ އިތުބާރެވެ! އެ ޢުމުރުގައިވެސް ކުއްޖާގެ ހިތުގައި ﷲ ތަޢާލާއަށާއި ކީރިތި ޤުރްއާނަށް އޮތް ލޯތްބެވެ. އޮތް ޔަޤީންކަމެވެ. ބަލި ފަސޭހަވަނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ކުއްޖާއަށް ވިސްނޭކަމެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިންގެ ހިތުގައި ﷲ ތަޢާލާއަށާއި ކީރިތި ޤުރްއާނަށް ލޯބި ޖައްސުވަން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ތިބާގެ ދަރިފުޅު މިފަދައިން ތަރުބިއްޔަތުކުރުމަކީ ނުކުރެވޭނެ ކަމަކީ ހެއްޔެވެ؟ މިފަދައިން ތަރުބިއްޔަތުކުރެވިއްޖެނަމަ އުފަލުން ނުރޮވޭނެ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން