މީހަކު ކުރާ އެންމެ 2 ރަކްޢަތް ނަމާދެއްވެސް ޤަބޫލުފުޅުކުރައްވަވައިފިނަމަ އެހިސާބުން އެމީހަކަށް އެވަނީ ފުދި އިތުރުވެފަ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މީހަކު ކުރާ އެންމެ 2 ރަކްޢަތް ނަމާދެއްވެސް ޤަބޫލުފުޅުކުރައްވަވައިފިނަމަ އެހިސާބުން އެމީހަކަށް އެވަނީ ފުދި އިތުރުވެފަ!: ޝައިޚް ނިމާލް

އިބްން ޢުމަރު ރަޟިޔަﷲ ޢަންހް ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނު ކުރައްވަވާ ހުރިހާ ނަމާދުތަކެއްގެ ތެރެއިން އެންމެ 2 ރަކްޢަތް ނަމާދެއް ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައިފިކަން އެނގިވަޑައިގެންފިނަމަ ތިމަންކަލޭގެފާނަށް ފުދިވަޑައިގަތީއެވެ. 

އެހެނީ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ތަޤްވާވެރިންގެ ކިބައިންނެވެ. 

އަޅުގަނޑުމެން ބާލިޣްވީންސުރެ އެބަ ނަމާދުކުރަމެވެ. 50. 60، 70 އަހަރުވެގެންދާއިރު ކިހާބައިވަރު ނަމާދުތަކެއް ކުރެވޭނެ ހެއްޔެވެ؟ އަމިއްލަ ނަފްސާއި ކުރަންޖެހޭ ސުވާލަކީ ހަމަ އެންމެ ނަމާދެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރެވިއޖެހެއްޔެވެ؟ 

އަޅުގަނޑުމެން ކޮންމެ ނަމާދެއްވެސް ކުރަން މަސައްކަތްކުރަންވީ އެނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށެވެ. ވީމާ ނަމާދުކުރަމުންގެންދަންވީ އެކަމަށް އުންމީދުކުރެވޭނެ ފެންވަރުގައެވެ. އަޅުގަނޑުމެންގެ ހުރިހާ ވެސް އުންމީދަކަށްވާނޖެހޭނީ އަޅުގަނޑުމެން ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ.

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން 

ހިތާމައަކީ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރެވޭ ކަމެވެ. ނަމާދުން ބޭރު ޚިޔާލުތައް ކުރަމުން ނަމާދުކުރެވޭކަމެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ އިމާމް މީހާ ނަމާދުގައި އެއްރުކުނުން އަނެއް ރުކުނަށް ނަްްލްވާހިނދުކިޔާ ތަކްބީރު އަޑު އިވޭތީ ފަހަތުން އެގޮތަށް ޙަރަކާތް ކުރުމަކުން އެއީ ނަމާދަކަށް ނުވާނެއެވެ. 

ޢާންމުކޮށް ނަމާދުކުރާމީހަކު ނަމަ ނަމާދުގައި ކުރާ ޙަރަކާތްތަކަށް ހުންނާނީ ވަރަށް ބޮޑަށް އާދަވެފައެވެ. އެފަދަ މީހުންނަށް ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދިންނަމަވެސް ނަމާދުގައި ކުރާ ޙަރަކާތްތައް ކުރެވިދާނެއެވެ. ވިސްނާލަންވީ ހަމަ ކުރިން ބުނެވުނު ކަންތަކަށެވެ. ސިކުނޑި ނުވަތަ ވިސްނުން ނަމާދުން ބޭރުގައި ބަހައްޓައިގެން ގުނަވަންތަކުން ޙަރަކާތްތަކެއް ކުރުމަކުން އެއީ ނަމާދުކުރުން ކަމަށް ނުވާނެކަމެވެ. 

ވީމާ ކުރާ ކޮންމެ ނަމާދަކީވެސް ފުރިހަމަ ގޮތުގައި ކުރެވޭ ނަމާދަކަށް ހަދަން މަސައްކަތްކުރާށެވެ. ކުރި ނަމާދު ނަމާދަކަށްވާނީ އެއިރުންނެވެ.

 

 

މިއަދު އޮންލައިން