ތިބާއަށް ދުނިޔޭގައި އުޅެވިފައިވަނީ 80 އަހަރު ކަމަށް ބަލާށެވެ! ތިބާއަކީ މުޅި ޢުމުރުގެ ހުރިހާ އަހަރުތަކެއްގެ ރަމަޟާން މަސްތަކުގައި ބައްދަލުކުރި ލައިލަތުލްޤަދްރި ވިލޭރޭތައް ލިބިގަންނަން މަސައްކަތްކޮށް އަދި އުމުރުގެ ހުރިހާ ދުވަހަކު ﷲ ތަޢާލާއަށް އަޅުކަންކޮށްފައިވާ މީހަކު ކަމުގައިވީނަމަވެސް ޤިޔާމަތް ދުވަހު އަތުގައި އެއްވެސް ހެޔޮކަމެއް ނެތި ހުސްއަތާ ހުންނަން ޖެހިދާނެ މީހަކަށްވެދާނެއެވެ.
އެއީ ތިބާ ޖުވާކުޅުމާއި ޒިނޭކުރުމާއި ބަނގުރާބުއިމާއި ވައްކަނުކުރުމާއި މިފަދަ ބޮޑެތިވެގެންވާ ފާފަތަކަށް އަރައިގެންފައިވާތީއެއްވެސް ނޫނެވެ.
ނިކަން ވިސްނައިލަބަލާށެވެ. މީހަކު ދުނިޔޭގައި ހުރީ 80 އަހަރުއެވެ. ޢުމުރުން 20 އަހަރުން ފެށިގެން ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރެއެވެ. އެހެންވެ އޭނާއަށް ވަނީ 60 އަހަރުގެ ރަމަޟާން މަހުގައި އެކަމަށް މަސައްކަތްކުރެވިފައެވެ. ވީމާ އަހަރެމެން މިޖަހާ ޢާންމު ހިސާބުން ބެލިނަމަވެސް އޭނާއަށް އެވަނީ 60،000 މައްސަރުގައި އަޅުކަންކުރިކަމުގެ ޘަވާބާއި ދަރުމަ ޙާޞިލުކުރެވިފައެވެ.
އެހެނަސް އެމީހާއަކީވެސް އެއްވެސް ހެޔޮކަމެއް ނެތި ހުސްއަތާ މަޙްޝަރުގެ ބިމުގައި ހުންނަން ޖެހޭ މީހަކަށްވެދާނެއެވެއެވެ.
ސަބަބު މިއޮތީއެވެ. އެއީ އޭނާގެ ދުލުން އެހެން މީހުންނަށް ބުނެފައިވާ ނުބައި ބަސްތަކުގެ ސަބަބުންނެވެ. އެމީހުންނަށް ބަދަލުދޭންޖެހުމުންނެވެ. ވީމާ ބަރަކާތްތެރި ރަމަޟާން މަސް އައުމާއިއެކު ދޫރައްކައުތެރިކުރަންދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ. ނޫންނަމަ މިބަޔާންކުރި ފަދަ ދެރަ ނިކަމެތި ޙާލަތެއް ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެއެވެ. ދުނިޔޭގައި ގަދައަޅައިކުރި ހުރިހާ މަސައްކަތްތަކެއް ޤިޔާމަތް ދުވަހު ފޭލްވެއްޖެ މިހާގެ ޙާލަކީ ކޮންފަދަ ނިކަމެތި ޙާލަތަކަށްވާނެ ހެއްޔެވެ؟
ދުނިޔޭގައިހުރެ ގަދައަޅައި މަސައްކަތްކުރީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. ނަމަވެސް ދުނިޔޭގައިވެސް ތިމާއަށް އެއްވެސް ފައިދާއެއް ނުލިބޭނެ ފަދަ ތާކުންތާކުނުޖެހޭ ޢަމަލެއް ކުރެވިފައި އޮތުމުން ނަރަކައަށް ވަންނަންޖެހޭނެއިރު ކުރާނެ އަސަރާއިމެދު ވިސްނައިލާށެވެ! މިއީ އެކަން ވިސްނައި އިޞްލާޙްކުރަން މަސައްކަތްކުރަން ފަށަން އެންމެ ރަނގަޅު ދުވަސްތަކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން