ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)[1] މާނައީ: "ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ اللّٰهُ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ." ވީމާ، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.
އިސްވެދިޔަ ޙަދީޘުން ލިބޭ ޢިބްރަތަކީ، ރޯދަވެރިޔާ އަޚްލާޤު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނޭ ކަމެވެ. އެހާރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށެވެ. މާތް الله ވަޙީކުރައްވާފައިވެއެވެ. ---- މާނައީ: "ކޮންމެ نَفْس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نَفْس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نَفْس އެއް ކުޅަކަމެއް حَاضِرُ ކުރައްވާފައިވާތީ، ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نَفْس އެއް ކުޅަ ނުބައިކަމަކާއި، އެ نَفْس އަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. الله، އެކަލާނގެ عِقَاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. الله އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."
ރޯދައަކީ އިސްވެ ދެންނުވުނު ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (اَلصِّيَامُ جُنَّةٌ إِذَا كَانَ أَحَدُكُمْ صَائِمًا فَلَا يَرْفُثْ، وَلَا يـَجْهَلْ، فَإِنِ امْرُؤٌ قَاتَلَهُ، أَوْ شَاتـَمَهُ، فَلْيَقُلْ: إِنِّيْ صَائِمٌ، إِنِّيْ صَائِمٌ)[2] މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ، ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތައް ކުޅައުމަށް ނުވަތަ އަރައިރުންވެ ޖަދަލުކުރާނަމަ، ފަހެ ތިބާބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ."
މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެވެ! މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ.
[1] أخرجه البخاري
[2] أخرجه أبو داود (٢٣٦٣) ومالك (٨٦٠)