ރުޤްޔާކުރުމަށްބަލާއިރު އެކަން ބިނާވެގެން އަންނަނީ ޙަޤީޤަގުގައި އެމީހެއްގެ ތަޖްރިބާއަށް! ދެން رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘް ކުރައްވާފައިވަނީ ޝިރުކު ނުވަންނަކަމަށް ވަނީނަމަ އޭގެތެރެއަށް ރުޤްޔާކުރުމުގެ ތެރޭގައި ޝިރުކު ނުވަންނަކަމަށްވަނީނަމަ ހަމަ އެމީހެއްގެ ތަޖްރިބާއިން ކުރިއަށްގެންދާށޭ،
މާނަޔަކީ މިސާލަކަށް ބައެއްމީހުން ބުނެފާނެ ބޮލުގައި ރިއްސާކަމަށް ވަނީނަމަ ދިހަ ފަހަރަށް އާޔަތުލް ކުރުސި ކީމައި ރަނގަޅުވާނޭ. އެއީ އޭނައަށް އެކަން ތަޖްރިބާ ކުރެވިފައި ހުރީމަ އޭނާގެ ތަޖްރިބާގެ އަލީގައި އެގޮތަށް ބުނަނީ، އެހެންވެއްޖެއްޔާ އެގޮތަށް ކަންތައް ކުރުމަކީ މައްސަލައެއްނޫން. ދިހަފަހަރު އާޔަތުލް ކުރުޝީކިޔެވުމަކީ އެއީ އޭގެ ތެރޭގައި ޝިރުކު ހިމެނޭ ކަމެއް ނޫން. އެހެންވީމައި ރުޤްޔާކުރުމަށްޓަކައި އެކުރާ ކަންތައްތަކުގެ ތެރޭގައި ޝިރުކު ނުހިމެނޭ ކަމަށް ވަނީނަމަ އެކަން މަނާކުރާނެ އެއްވެސް ހައިސިއްޔަތެއް ނެތް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ހަމަ އެއާއިއެކު ވިސްނާލުން ވަރަށް މުހިނަމު ކަމެއްވެސް އެބައޮތެވެ. އެއްވެސް ޢިލްމެއް އަދި ތަޖުރިބާއެއް ބުނާ ވާހަކަތައް ޤަބޫލުކުރުމާއި އަދި އެންމެ ކުޑަމިނުން އެއީ ކާކު ބުނިބަހެއްކަން ޔަޤީންނުވާ މީހުން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓްތަކަށް ބަލައި ޤަބޫލުކޮށްގެން ކަންކަން ކުރުން ޝައިޚް އެވިދާޅުވި ބަސްފުޅުގެ ތެރޭގައި ހިމެނިގެނެއް ނުދެއެވެ. ވީމާ ޤަބޫލުކުރަންވާނީ ޝައިޚް އެވިދާޅުވާފަދަ ޝަރުޠު ހަމަވާ މީހުން ބުނާ ވާހަކަތަކެވެ.