ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ރަމަމާން މަސް އައުމުން ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާތީ ފާފަކުރުމުގެ ދޮރުތައް ބަންދުވީކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތްކަމެއް ނޫނެވެ. ފާފަކުރުމުން ދުރުހެލިވެ ހުރެވޭނީ އެމީހަކު އެކަމަށް މަސައްކަތްކުރުމުންނެވެ. އިން ޝާ ﷲ
ރޯދަވެރިންނަށް ލައްވަވާ އެންމެ ބޮޑު އެއް ރަހަމަތަކީ އޭނާ ބަނޑުހައިވެގެން ހުންނަންޖެހޭ ކަމެވެ. މީހަކު ބަނޑުހައިވެގެން ހުންނަނަމަ އެންމެ ބޮޑަށް ބޭނުންވާނީ ކާއެތިކޮޅެކެވެ. ވީމާ ފާފަތަކަށް އަރައިގަންނަން ބޭނުންވުން ކުޑަވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ބޭނުންވެސް ވާނެއެވެ.
ސަބަބަކީ ﷲ ތަޢާލާ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އެޅުއްވެވި ނަމަވެސް އަހަރެމެންގެ ހަށިތަކުގައި ލޭ ދައުރުކުރާ ފަދައިން ދައުރުކުރާ ޝައިޠޯނުންތައް ދައުރުކުރާނެއެވެ. ނަމަވެސް ބާރުކުޑަވާނެއެވެ. ވަސްވާސްދީ ފާފަތައް ކުރަން ބާރުއެޅުވުންވެސް ކުޑަވާނެއެވެ.
އެހެން މަސްތަކަށް ވިސްނާށެވެ! އަބަދު ކައިގެން ބަނޑުފުރައިގެން ތިބޭ މީހުން ފާފަތަކަށް އަރައިގަންނަން ބޭނުންވުން އިތުރުވާނެއެވެ. ނަމަވެސް ކާން ނުލިބި ހައިހޫނުކަމުގައި ހުންނަ މީހާ ފާފަތަކަށް އަރައިގަތުން މަދުވާނެއެވެ. އެއީ އޭނާގެ ހުރިހާ ސަމާލުކަމެއް ހައިހޫނުކަމާއި ގުޅިފައިވާތީއެވެ.
މީސްތަކުންނޭވެ! އެހެން މަސްމަހުގައި އަޅުކަން ނުކުރާހައި ގިނައިން ރަމަޟާން މަހު މީސްތަކުން އަޅުކަން ކުރަން ޝައުޤުވެރިވަނީވެސް މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. މިރޭ އަހަރެން ފާހަގަކުރަން ބޭނުންވާ ކަމަކީ ރަމަޟާންމަހު ވީހާ ގިނައިން އަޅުކަންކުރަން ތިއަ ބޭނުންވާ ފަދައިން އެނޫން މަސްތަކުގައިވެސް ބޭނުންވާ މީހަކަށްވުމުގެ މުހިންމު ކަމެވެ.
ވީމާ ރޯދަމަސް ނިމުމުން ޝައިޠޯނާގެ ފަހަތުން ދުވާ މީހަކަށް ނުވާށެވެ. އެގޮތުައި ދެމިހުރުމަށްޓަކައި އެންމެ މަދުވެގެން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަމުން ގެންދާށެވެ. އެއިރުން ތިބާގެ އީމާންކަން ދާނީ ތާޒާވަމުންނެވެ. ފާފަތަކަށް އަރައި ނުގަނެ ހުންނަން ހިތްވަރުލިބުން އިތުރުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން