މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 ފެސިގެން ކުރިއަށްދަނީއެވެ. ދާދި އަވަހަށް ފަހު ދިހައިގެ ދުވަސްތަކާއި ރޭތައް ފެށިގެންދާނެއެވެ. ފަހު ދިހައަށް މިހާރުންސުރެން ފަށައިގެން ތައްޔާރުނުވެ ހުރެއްޖެނަމަ ފަހު ދިހަ ލިބިގަތުމަކީ ކުރަން ފަސޭހަ ކަމަށްނުވެދާނެއެވެ.
އެހެންކަމުން ކުރިއަށް ދުވަސްތަކުގައި ފަހުދިހަ ލިބިގަންނަން ޢަމަލުކުރަން އޮތް ގޮތުގެ ވާހަކަތައް ގެނެސްދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ
އަންހެނުންނަކީ އަޅުކަންކުރުމުގައި ހީވާގި ބައެކެވެ. ނަމަވެސް ކަންތައް ދިމާވާ ގޮތަކުން ފަހުދިހައިގެ ދުވަސްތަކަކީ ޙައިޟުގެ ޙާލަތުގައި ހުންނަން ޖެހިދާނެ ދުވަސްތަކަކަށްވާނެ އަންހެނުންވެސް ތިބޭނެއެވެ. އެހެންވެ ބައެއް ކަނބަލުން މިހާރުވެސް ގެންދަވަނީ ސުވާލުކުރައްވަމުންނެވެ. ޙައިޟުގެ ޙާލަތުގައި ފަހުދިހައާއި ބައްދަލުކުރަން ޖެހިއްޖެނަމަ ޘަވާބު ހޯދަން ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުންނެވެ.
މާޔޫސްވެ ނުލައްވާށެވެ! ތިރީގައިވާ ލިޔުމުން ވަރަށް ގިނަކަންކަން އޮޅުންފިލާނެއެވެ. އިން ޝާ ﷲ :
ޙައިޟުވެރިޔާ ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، އިޢްތިކާފަށް އިނުމާއި، ޠަވާފް ކުރުމާއި، މިސްކިތުގައި އިޢްތިކާފަށް އިނުން ފިޔަވާ އެހެން ހުރިހާ އަޅުކަމެއް ކުރެވޭނެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޙްޔާ ކުރައްވާ ކަމުގައި ވާރިދުވެގެން ވެއެވެ.
روىالبخاري ( 2024 ) ومسلم ( 1174 ) عنعائشةرضياللهعنهاأنهاقالت : كانالنبيصلىاللهعليهوسلمإذادخلالعشرشدمئزرهوأحياليلهوأيقظأهله
ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ރަމަޟާން މަހުގެ ފަހު ދިހަ ވަދެއްޖެނަމަ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އިޒާރުކޮޅު ބާރު ކުރައްވައެވެ. އަދި ރޭތައް އިޙްޔާ ކުރައްވައެވެ. އަދި އަހްލުވެރިންނަށް ގޮވާ ނަންގަވައެވެ."
ރޭގަޑު އިޙްޔާ ކުރުމުގައި ހުރިހާ ވައްތަރެއްގެ ހެޔޮ ކަމެއް ހިމެނިގެން ވެއެވެ. ހަމައެކަނި އަޅުކަމެއް ނޫނެވެ.
އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވިއެވެ. ރޭގަނޑު އިޙްޔާ ކުރުމުގެ މާނަ އަކީ ކިޔަމަން ގަތުމުގައި ހޭލާ ހުރުމެވެ.
އިމާމް ނަވަވީ ރަޙިމަހުﷲ- ވިދާޅުވިއެވެ. ރޭގަނޑު އިޙްޔާ ކުރުމުގެ މާނައަކީ ނަމާދާއި އެނޫންވެސް ހެޔޮ ކަންތަކުގައި ރޭގަނޑުގެ ވަގުތު ތައް ހޭދަ ކުރުމެވެ.
ޢައުނުލް މަޢްބޫދުގައި އައިސްފައިވެއެވެ. ރޭގަނޑު އިޙްޔާ ކުރުމުގެ މާނައަކީ ނަމާދު ކުރުމާއި ޛިކްރު ކުރުމާއި ގުރްއާން ކިޔެވުން ފަދަ ކަންތަކުގައި ރޭގަނޑުގެ ވަގުތުތައް ހޭދަ ކުރުމެވެ.
ލައިލަތުލް ގަދްރި ވިލޭރޭ ކުރާން އޮތް އެންމެ ހެޔޮ ޢަމަލަކީ ގިޔާމުއްލައިލި އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (منقامليلةالقدرإيماناًواحتساباًغفرلهماتقدممنذنبه) رواهالبخاري ( 1901 ) ، ومسلم ( 760).
ޙައިޟުވެރިޔާ އަށް ނަމާދު ނުކުރެވުނު ކަމުގައިވީނަމަވެސް އެނޫން ހެޔޮ ޢަމަލުތައް ކުރުމުން ރޭތައް އިޙްޔާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އެގޮތުން ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި:
1. ގުރްއާން ކިޔެވުން.ޙައިޟުގެ ދުވަސްވަރު ގުރްއާން ކިޔެވުމާ ބެހޭ ގޮތުންޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި މައްސަލައެކެވެ. އެގޮތުން:
1- ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ. މިސާލަކަށް ( رَبَّنَاآتِنَافِيالدُّنْيَاحَسَنَةًوَفِياْلآخِرَةِحَسَنَةًوَقِنَاعَذَابَالنَّارِ)ސޫރަތުލް ބަޤަރާ 201 .
2- ހ- އިމާމް މާލިކްرحمهاللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދުرحمهاللهގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمهالله އަދި އިމާމް ޝައުކާނީ رحمهالله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ.
ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ.
މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅުއިތުރުގޮތްކަމުގައިފެނެއެވެ. މިސާލަކަށް ހިތުންދަސްކުރާމީހެއް ހަދާނުންނެތިދާނެކަމަށްޓަކައި އަދި ކިޔަވާކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ.
ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ:
"اِفْعَلِيمَايَفْعَلُهُالحَاجغَيْرَأَنْلَاتَطَوفيفِيالْبَيْتِحَتَّىتَطَهِّرِي"
މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ." އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ.
2. ޛިކުރު ކުރުން. އެގޮތުން ތަސްބީޙާ (ސުބްޙާނަﷲ)، ތަހްލީލު (ލާއިލާހަ އިއްލަﷲ)، ތަޙްމީދު (އަލްޙަމްދުލިﷲ)، އިސްތިޣްފާރު (އަސްތަޣްފިރުﷲ) ފަދަ ޢިބާރާތް ތައް ބޭނުން ކުރެވިދާނެއެވެ.
3. ދުޢާ ކުރުން. ދެދުނިޔޭގެ ބާއްޖެވެރިކަން ދެއްވުން އެދި ގިނަގިނަ އިން ﷲ ގެ ޙަޟްރަތުގައި ދެންނެވުން މޮޅު އިތުރު ވެގެން ވެއެވެ. އެންމެ ހެޔޮ އަޅުކަމަކީ ދުޢާ ކުރުމެވެ. އަދި ދުޢާ އަކީ މުސްލިމުންގެ ހަތިޔާރު ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
މިނޫންވެސް އެތައް ހެޔޮ ޢަމަލެއް ކުރުމުގެ ފުރުޞަތު ޙައިޟުވެރިޔާ އަށް ވަނީ ހުޅުވިފައެވެ. ވީމާ، ފަހު ދިހައިގެ ދުވަސްވަރުގައި ޙައިޟުވުމުން އެކަމާ ހިތާމަ ކޮށް ދެރަވާކަށް ނުޖެހެއެވެ. އަދި ޙައިޟުވެދާނެތީ އެކަން ވިޔަ ނުދޭން ބޭސް ބޭނުން ކުރާކަށްވެސް ނުޖެހެއެވެ. ޙައިޟުގެ ދުވަސްވަރުގައި ބައެއް ކަހަލަ އަޅުކަންތައް ކުރުން މަނާ ކަމުގައި ވީނަމަވެސް، އެހެން ހެޔޮ ޢަމަލުތައް ކުރުމުގެ ދޮރުވަނީ ހުޅުވިފައެވެ. މާތް ﷲ ގެ ރަޙްމަތް ތަނަވަސް ވެގެން ވެއެވެ. މާތް ﷲ އަޅުގަޑުމެން އެންމެންނަށް ހެޔޮ ޢަމަލު ކުރުމުގެ ތައުފީގު ދެއްވާށި. އާމީން. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް