ރޯދަ ދޫކުރެވޭނެ މީހުންނާ އެމީހުން ވިސްނުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ރޯދަ ދޫކުރެވޭނެ މީހުންނާ އެމީހުން ވިސްނުން މުހިންމު ބައެއް ކަންކަން-

އެއްވެސް މީހަކަށް ތަކްލީފަކަށްވާނެ އެއްވެސްކަމެއް ދީނުގައި ނުވާކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެހެންވެ ކޮންމެ ކަމެއްގައިވެސް ލުއި ގޮތްތައްވެސް ވަނީ މިންވަރުކުރައްވަވައިފައެވެ.  

މިޘާލަކަށް ރޯދަ ހިފުން ތަކްލީފަކަށްވާ ޝަރުޢީ ޙާލަތެއްގައިވާނަމަ އެމީހަކު ރޯދަ ނުހިފައި ދޫކޮށްލަންވީއެވެ. ނަމަވެސް ފަހުން ޤަޟާކުރާ ގޮތަށެވެ. އެމީހަކީ ދުވަހަކުވެސް ރޯދަ ނުހިފޭނެ މީހަކުނަމަ ފިދުޔަދޭންވީއެވެ. މިކަންކަމުން އެނގެނީ ތަކްލީފަކަސްވާނެ އެއްވެސް ކަމެއް ދީނުގައި ނެތްކަމެވެ.  

ރޯދައަކީ ނަމާދަށްފަހު އޮތް އެންމެ މަތިވެރި އަޅުކަމެވެ. އެއް އަޅުކަމަކަށް އެންމެ ގިނަ ސަވާބު ދެއްވަވާ އަޅުކަމެވެ. އެހެންކަމުން މުސްލިމުންގެ ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަން ދޭ އަޅުކަމަކަށްވެފައި އޮންނަނީވެސް ރޯދަ ހިފުމެވެ.  

ރޯދަ ނުހިފައި ދޫކުރުން ހުއްދަވެގެންވަނީ 4 ކަމެއް މެދުވެރިވެގެންނެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އަދި ފުރަތަމަ ކަމަކީ ޙައިޟުވުމާއި ނިފާސްކަމުގެ ލެއިން ޠާހިރު ނުވެ އިންނަން ޖެހުމެވެ.  

ޙައިޟުވެރިން ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ޙައިޟުގެ ލެއިން ސަލާމަތްވުމުން ވީހައި އަވަހަކަށް ހިނައިގަންނަން ޖެހޭނެއެވެ. މިސާލަކަށް ފަޖުރުލުމުގެ ކިތަންމެ ކުޑަ ވަގުތު ކޮޅެއް ކުރިން ހައިޟުގެ ލެއިން ސަލާމަތް ވެވުނު ނަމަވެސް ހިނައިގަންނަން ވާނެއެވެ. ހައިޟުގެ ލެއިން ސަލާމްވެވުނު ވަގުތު ފަސްކަމުން ފަޖުރުލުމުގެ ކުރިން ހިނައި ނުގަނެވުނު ނަމަވެސް ރޯދައަށް ހުންނަން ޖެހޭނެއެވެ.  

މިސާލަކަށް އަހަރެމެންނަށް އުޒުރު ދެއްކިދާނެއެވެ. އަންހެނާއަށް ހައިޟުގެ ލެއިން ސަލާމަތްވެވުނު ވަގުތާއި ހައިޟުގެ ލެއިން ސަލާމަތްވެވުނުކަން އޭނާއަށް އެނގުނު ވަގުތު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަން ޤަބޫލުކޮށް ބިރުވެތިވާން ޖެހޭނެއެވެ. އެހެންކަމުން އެންމެ ރނގަޅު ގޮތަކީ މިސާލަކަށް އެރޭ ޙައިޟުގެ ލެއިން ސަލާމަތްވެވޭނެކަމުގެ އުންމީދެއް އޮތް ނަމަ ބަލަމަމުން ގެންދިއުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ.  

ރޯދަ ނުހިފައި ތިބެވޭނެ ދެވަނަ ބައަކީ ބަލި މީހުންނާއި ދަތުރުވެރިންނެވެ. އެމީހުންގެ މައްޗަށް އެ ހާލަތުގެ ސަބަބުން ރޯދަހިފުމަކީ ތަކްލީފަކަށްވާނަމަ ރޯދަ ހިފުން ވާޖިބެއް ނޫނެވެ. ރޯދަ ނުހިފައި ދޫކޮށްލުމަށްފަހު ފަހުން ޤަޟާ ކުރުމުގެ އިޚްތިޔާރު އެމީހުންނަށް ލިބިގެންވެއެވެ. މިކަމުގައި ވެސް އެންމެ މުހިންމީ އެމީހެއްގެ އިޚްލާޞްތެރިކަމެވެ. ރޯދަ ހިފުމުން އެމީހަކަށް ގެއްލުމެއް ލިބިދާނެ ނަމަ ރޯދަ ހިފުމެއް ނެތެވެ. އެކަން ކަނޑައަޅާނީ އެމީހަކާއި ޑޮކްޓަރުންނެވެ.  

މިސާލަކަށް އިނގިއްޔެއް ކެނޑިގެން ބޭސްކާން ރޯދަ ނުހިފައި ހުންނާކަށް އަހަރެން ނުބުނާނަމެވެ. ނަމަވެސް ހުން އައުން ފަދަ ގިނައިން ދިޔާ އެއްޗެތި ބޯން ޖެހޭ ޙާލަތެއްގައި އެއްގޮތަކަށްވެސް ރޯދަ ހިފައިގެން ނުވާނެއެވެ.  

ހަކުރު ބަލި ފަދަ ދާއިމީ ބަލިތަކުގައި އުޅޭ މީހުން ލަފާ ހޯދުން ރަނގަޅީ މުސްލިމް ޑޮކްޓަރެއްގެ ކިބައިންނެވެ. އެހެނީ ރޯދަ ހިފުމުގެ މުހިންމުކަމާއި ބަލީގެ ޙާލަތާއި ދެކަންތައް އޭނާއަށް އެނގޭނެތީއެވެ. ރޯދަ ނުހިފާ މުސްލިމް ނޫން ޑޮކްޓަރަށް މި ދެ ކަންތަކެއް ނުއެނގޭނެއެވެ. އެހެންކަމުން މިހާލަތުގައި އެންމެ ރަނގަޅު ފަތުވާއެއް ދެވޭނީ މުސްލިމް ޑޮކްޓަރުންނަށެވެ.  

ރޯދަ ހިފަން ނުޖެހޭނެ 3 ވަނަ ބައަކީ މާބޮޑަށް މުސްކުޅިވުމާއި ދާއިމީ ގޮތެއްގައި ޙާލު ބޮޑު  ބައްޔެއްގައި އުޅެން ޖެހިފައިވާ މީހުންނެވެ. މިސާލަކަށް ހަކުރުބަލީގެ ސަބަބުން ގިނަ އިރު ނުކައި ނުހުރެވޭނެ މީހުންނާއި އެނދުމަތިވެފައިވާ މީހުންނެވެ.  

ހަތަރުވަނައީ މާބަނޑު އަންހެނުންނާއި ދަރިންނަށް ކިރުދޭ މައިންނެވެ. މިކަމުގައިވެސް އަހަރެން ބުނާނީ ޞިއްޙަތު ރަނގަޅު، ޒުވާން އަންހެނުން، ތިމަންނައަކީ ޝަރުޠު ހަމަވާ މީހަކަށްވާތީ ރޯދަ ނުހިފައި ތިބެގެން ނުވާނެ ކަމަށެވެ. ރޯދަ ނުހިފައި ތިބެން ޖެހޭނީ އެކަމުގެ ސަބަބުން ތަކްލީފް އުފުލަން ޖެހޭ ނަމައެވެ. އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭނަމަ ރޯދަ ދޫކޮށްލުން ރަނގަޅު ކަމަކަށް ނުބުނާނަމެވެ. ނަމަވެސް އެކަމުގައި ﷲ ތަޢާލާ ވަނީ އަންހެނުންނަށް އިޚްތިޔާރު ދެއްވަވައިފައެވެ.  

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ފިދުޔަ ދިނުމެވެ. ފިދުޔަ ދިނުމުގައި އަހަރެން ބުރަވާނީ އެމީހަކު ދިރިއުޅޭ ޤައުމެއްގައި މީހަކަށް ކާން ދެވޭނެ މިންވަރަށް ޚަރަދު ކުރުމަށެވެ. މިސާލަކަށް އެމެރިކާގައި ދިރިއުޅޭ މީހަކު އަދަދު ބަލަންވާނީ އެމެރިކާގެ ނިޞްބަތުންނެވެ. އެމެރިކާގައި އެންމެ އާދައިގެ ކެއުމެއް މިދެވެނީ  8 ޑޮލަރު ނުވަތަ 10 ޑޮލަރަށެވެ. އެހެންކަމުން ޕާކިސްތާނަށް ކުރާ ދަތުރެއްގައި 2 ޑޮލަރަށް ކާން ދިނުމަކީ އަހަރެން ޤަބޫލުކުރާ ކަމެއް ނޫނެވެ. ޕާކިސްތާނުގައި ކާން ދިން ނަމަވެސް އެމެރިކާގައި ހޭދަކުރާ އަދަދަށް މީހަކަށް ހޭދަކުރަންވާނެއެވެ. މިކަމުގައި ޚިޔާލު ތަފާތުވެދާނެއެވެ. އަހަރެން މިބުނީ އަހަރެން ޤަބޫލުކުރާ ގޮތެވެ.  

އަންހެނުންނަށް ދޭން ބޭނުން ނަޞޭހަތެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ރޯދައަށް ނުހުރުވެނު ނަމަވެސް ޙެޔޮ އަމަލުތައް ކުރުން ދޫކޮށް ނުލާށެވެ. ޛިކްރު ކުރުން ފަދަ ކަންކަން ވީހައި ގިނައިން ކުރާށެވެ. ދެވަނަ ނަޞޭހަތަކީ ރަމަޟާންމަހަކީ ބަދިގޭގައި ހޭދަކުރާ މަހަކަށް ނުހަދާށެވެ. ޢާއިލާ އާއި މަޝްވަރާކޮށްގެން އަޅުކަން ކުރަން ވަގުތު ލިބޭ ގޮތަށް ކަންކަން ރާވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން