ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބައަކަށް މުޅިންހެން ކުރެވެނީ ދުނިޔަވީ ފައިދާއަށާއި ހިތްހަމަޖެހުމަށް ކުރަން ބޭނުންވާ ކަންކަމެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ ކަންކަމުގައި ތައްޔާރުވެ އެކަންކަން ކުރީ ކިތައް ޢާއިލާއިން؟ ކިތައް މީހުން ބާވައެވެ!
ވިދާޅުވާށެވެ! އެއަށްފަހު ޖަވާބު ދެއްވާށެވެ!
ތިމާގެ ބެލެނިވެރިކަމުގައި ތިބޭ މީހުންނަށް ދީން އަންގައި ދިނުމާއި އަދި އާއިލާގެ މީހުންނަށް ދީން އަންގައިދިނުމަކީވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. އެކަމަކީ އާޚިރަތް ދުވަހުން ސުވާލުކުރެވޭނެ އަދި ތިމާ ޒިންމާ އުފުލަންޖެހޭނެ ކަމެކެވެ.
އިސްލާމް ދީން މަތިވެރިކުރުމަށް ޢާއިލީ ފެންވަރުގައި ވެސް މަސައްކަތްތައް ކުރަންޖެހެއެވެ. އެ މަސައްކަތް އެންމެންވެސް ކުރަން ޖެހޭނެއެވެ.
ދީނުގެ ކަންކަމަށް މަޝްވަރާކުރުމަކީ ޢާއިލީ މަސްއޫލިއްޔަތެކެވެ. ނަމަވެސް މިއަދު އެ މަސްއޫލިއްޔަތު އަދާކުރުމުގައި ގިނަ ބައަކު އަންނަނީ އިހްމާލްވަމުންނެވެ. ދިނުގެ ކަމަކާއިމެދު އެއްވެސް ސުވާލެއް އުފެދޭނަމަ އެކަމަކަށް ޢާއިލީ ފެންވަރުގައިވެސް މަޝްވަރާކުރަން ޖެހޭނެ އެވެ. އެވަރުން އޮޅުން ނުފިލައިފިނަމަ އޮތީ ޢިލްމުވެރިންނާއި ސުވާލުކުރުމެވެ.
ނަމަވެސް މިހާރަކަށް އައިސް އަހަރެއް ފާއިތުވެގެންދާއިރުވެސް ދީނުގެ ކަމަކާއިމެދު އާއިލާގެ ެމދުގައި ސުވާލެއްކޮށް މަޝްވަރާ ކުރަނީ ކިތައް އާއިލާއިން ކަމާއިމެދު ސުވާލު އުފެދެއެވެ.
ދީނުގެ ކަންކަމަށް މަޝްވަރާ ނުކުރި ނަމަވެސް ޢާއިލާތަކުގެ ފެންވަރުގައާއި އޮފީސް މާހައުލުގައި އަދި އެނޫންވެސް ތަންތަނުގައި ދުނިޔަވީ، މާއްދީ ކަންތައްތަކަށް މަޝްވަރާ ކުރަމުން ގެންދެއެވެ. އެކަންތައްތައް ކުރިއަރުވާނެ ގޮތްތަކުގެ މައުލޫމާތު ބަދަލުކުރަމުން ގެންދެއެވެ.
ތިމާ އީމާންވެ ހެޔޮ އަމަލުތައް ކުރުމަކުން އެކަނި ނުފުދެއެވެ. އެމީހކަށް ވީވަރަކުން އިސްލާމް ދީން މަތިވެރިކުރުމަށް ޚިދުމަތޔްކުރަންޖެހެއެވެ. އެގޮތުން ޢާއިލާގެ މީހަކު ރަނގަޅު ނޫން ކަމެއް ކުރާ ނަމަ އެމީހަކު ރުޅި ނުއަންނާނެ ގޮތްތަކަށް ވިސްނައިގެން އެމީހަކަށް ނަޞޭޙަތްދީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަންޖެހޭނެއެވެ.
ރަމަޟާން މަސް ފެށިގެން މިއައިއިރު އަމިއްލަ ގޭތެރޭގައި ދީނީ ކަމަކާއިމެދު ވާހަކަ ދައްކައިލެވުނީ ކިތައް ގޭގައި ކިތައްފަހަރު ކަމާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލުން ރަނގަޅުވާނެ އެވެ. އަދި އަމިއްލަ ގޭތެރޭގައާއި އާއިލާގެ އެންމެން އެކުގައި ތިބެގެން ދީނީ ކަންކަމަށް މަޝްވަރާކުރަން ޖެހޭނެ އިރު އެފަދަ ބައްދަލުވުންތަކުގައި ދީނީ އިލްމުވެރިއަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.
އިސްލާމް ދީން ނަގަހައްޓައި މަތިވެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށްވުރެ މާގިނަ މަސައްކަތްތައް އިސްލާމް ދީން ނިކަމެތި ކުރުމަށްޓަކައި އިސްލާމް ދީނާއި ދެކޮޅަށް ކުރަމުން ގެންދެއެވެ. އެހެންކަމުން އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ފެތުރުމަކީ އެންމެންގެ މަސްއޫލިއްޔަތަކަށް ހަދަން މިވަނީ ޖެހިފައެވެ.
އިސްލާމް ދީނާއި ދެކޮޅަށް ކިތަންމެ ގިނަ ބައަކު މަސައްކަތްކުރި ނަމަވެސް މާތްﷲ އިސްލާމް ދީން ހިމާޔަތް ކުރައްވަވާނެތެވެ. އިސްލާމް ދީނަށާއި ކީރިތި ޤްރްއާނަށް އެއްވެސް ބަދަލެއް ނުގެނެވޭނެ އެވެ. ނަމަވެސް އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން ތިމާ އަމިއްލައަށް މަސައްކަތް ނުކުރާ ނަމަ އެމީހެއްގެ ކިބައިގައި އިސްލާމް ދީން ނުއޮންނާނެ އެވެ. އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަންވީ އެ ސަބަބަށްޓަކައެވެ.
ވީމާ އިސްލާމް ދީން މަތިވެރކުރުމަށްޓަކައި އެމީހަކަށް ވެވުނު ވަރަކުން އިސްލާމް ދީނަށް ޚިދުމަތް ކުރަން ޖެހޭނެއެވެ.
ކީރިތި ޤްރްއާން ބަދަލުކޮށްގެން ޗާޕުކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ ބަހަމުންނެވެ. އެލިޔުންތައް ފަތުރަން މަސައްކަތްކުރެއެވެ. ނަމަވެސް އެކަންކަން ކާމިޔާބު ނުވަނީ އިސްލާމް ދީނަށް ޚިދުމަތްކުރާ ބައަކު ތިބުމުންނެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އިސްލާމް ދީނަށް ޚިދުމަތްކުރާ މީހަކަށް ވުމަށް ގޮވާލަމެވެ.
- ޝައިޚް އަޙްމަދު ފަހްމީ ދީދީ
ދެން ނިކަން ވިދާޅުވެ ބައްލަވާށެވެ! ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ކޮންމެހެން ކުރަންޖެހޭ އެއްވެސް ކަމެއް ކުރެވުނު ހެއްޔެވެ؟ މައްސަލައެއް ނެތެވެ. ނުކުރެވި އޮތީއެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ޝައިޚް ވިދާޅުވެފައިވާ ފަދައިން އަމަލުކުރެވޭތޯ ބަލާށެވެ!