މިކަންކަމަށް ސަމާލުކަންދީގެން އަމަލުކޮށްފިނަމަ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
މިކަންކަމަށް ސަމާލުކަންދީގެން އަމަލުކޮށްފިނަމަ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ! އިން ޝާ ﷲ

ރަމަޟާން މަހާއި ކުރިމަތިލާފައިވާއިރު ކޮންމެ މުސްލިމްކުވެސް ބޭނުންވާނެ އެއްކަމަކީ ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެހެންކަމުން އެފަދަ ބަދަލެއް ގެންނަން ބޭނުން މީހާ މި 5 ކަންތަކަށާއި އެ 5 ކަންތަކާއި ގުޅިފައިވާ ކަންކަމަށް ފުންކޮށް ވިސްނައި ފިކުރުކޮށްފިނަމަ ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. އެކަމުގެ ސަބަބުން ޙަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެއެވެ. އިން ޝާ ﷲ 

ފުރަތަމަކަމަކީ ހަމަ އެކަނި އީމާން ވެއްޖައިން ކަމަށް ބުނުމަކުން ނުފުދޭނެ ކަމެވެ. އީމާން ކަމާއި އިސްލާމް ކަމުގެ ރުކުންތަކަށް އަމަލުކުރަން ޖެހޭނެ ކަމެވެ. އެ މަގުގައި ސާބިތުވެ ތިބެން ޖެހޭނެ ކަމެވެ. 

ދެވަނަ ކަމަކީ ﷲ ތަޢަލާއަށް ވަކީލުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ. ރިޒްޤު ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކުން އެއްވެސް  އެހީތެރިކަމަކަށް ބޭނުން ނުވާނެ ކަމެވެ. އަހަރެމެންނަށް ދެއްވަވާނީ ﷲ ތަޢާލާ  ކަނޑައަޅުއްވަވާފައިވާ މިންވަރެއް ކަމެވެ. އެ މިންވަރަށް ވަކީލުކޮށް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ އިންތަކުން ކަންކަން ލިބިގަތުމަށް މަސައްކަތް ކުރުމެއް ނެތްކަމެވެ. 

ތިންވަނަކަމަކީ އަހަރެމެން މުސްލިމުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެ ބައެއް ކަމެވެ. ޞަދަޤާތްކުރުމާއިއެކު ދުލުން ހެޔޮ ބަސްތައް ބުނެ އެހެން މީހުންނަށް އެހީތެރިވެދޭ ބައަކަށްވާން ޖެހޭނެ ކަމެވެ. މީސްތަކުންގެ ބޭނުންތައް ދެނެގަނެ އެ ބޭނުންތައް ފުއްދައިދޭ ބައަކަށްވެސް ވާން ޖެހޭނެ ކަމެވެ. މިކަންކަން ފުރިހަމަ ނުކޮށް ހަމަ އެކަނި އަޅުކަން ކުރުމަކުން ނުފުދޭނެ ކަމާއި އަޅުކަން ކުރުމާއިއެކު މިކަންކަންވެސް ފުރިހަމަކުރަން ޖެހޭނެ ކަމެވެ.   

4 ވަނައީ ﷲ ތަޢާލާ ވަނީ އަހަރެމެންނާއިއެކު ކުއްތަންވެވޮޑިގެންކަން ޤަބޫލުކުރުމެވެ. އަހަރެމެން ދުޢާ ކުރުމުން އެ ދުޢާ އިޖާބަ ކުރައްވަވާނެކަން ޔަޤީންކުރުމެވެ. 

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އަޅުކަން ކުރުމުން ފުދުނީ ކަމަށެވެ. ފާފައަކަށް އަރައި ނުގަނެ ހުރުމުން ފުދުނީ ކަމަށެވެ. ﷲ ތަޢާލާއަށް ދުޢާ ނުކުރި ނަމަވެސް އެމީހަކު އެދޭހައި ކަންކަމެއް ދާނީ ފުރިހަމަވަމުން ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަރެމެންނަކީ ގިނަގިނައިން ދުޢާކުރާ ބައަކަށް ވާން ޖެހެއެވެ. ކަންކަމަށް އެދި އާދޭސް ދަންނަވާ ބައަކަށް ވާން ޖެހެއެވެ. 

5 ވަނައީ ޣީޞަ ބުނެގެން ނުވާނެކަން ޤަބޫލުކޮށް ޣީބަ ނުބުނުމެވެ. 

ޣީބަ ބުނުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދެ މީހަކު ބައްދަލުވެ ވާހަކައެއް ދައްކާނަމަ ދެމީހުންގެ އަމިއްލަ ވާހަކަތަކަށްވުރެ ގިނައިން ދައްކާނީ އެހެން ކޮންމެވެސް މީހެއްގެ ވާހަކަތަކެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. 

ހަމަ އެއާއިއެކު މީސްމީހުންނަށް ޝައްކުކޮށް ފާރަ ނުލާށެވެ. ބައެއް ހީތަކަކީ ފާފައެކެވެ. ޖާސޫސްކޮށްގެން ކަންކަން ހޯދަން މަސައްކަތް ނުކުރާށެވެ. އަހަރެމެންނަށް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. ފާފަފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭ މީހުންގެ ފާފަތައް ގިނަގިނައިން ފުއްސަވައި ދެއްވަވާ ރަޙީމްވަންތަ ﷲ އެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކީރިތި ޤްރުއާނުން އެނގެންއޮތް މި 5 ކަންތަކުގައި އެވަނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ވަރަށް ގިނަ އިރުޝާދުތަކެވެ. ވީމާ މިފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކޮށްފި މީހަކަށް ރަނގަޅު މަގު ފެނިގެންދާނެއެވެ. ޢިބްރަތް ޙާޞިލުކުރުމަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމާއި ފާފައަކަށްވާނެ އެއްވެސް ކަމެއް ނުކޮށް ހުންނަން މަސައްކަތްކުރުމެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން