ކޮންމެ އަޅުކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަޢޫޛް ކިޔަންވާނެ އެވެ. ބޭނުމަކީ ޝައިޠާނާގެ ވަސްވާސްތަކުންނާއި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދުމެވެ.
މިވާހަކަ މިބުނެލީ ރަމަޟާން މަހަކީ މުސްލިމުން އެންމެ ގިނައިން އަޅުކަން ކުރާ މަސްކަމަށްވާތީ ކުރާ އަޅުކަމުގެ އެންމެ މަތިވެރި ސަވާބު ލިބިގަތުމަށް މަގުފަހިކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ހަނދާންކޮށްދިނީއެވެ.
ކޮންމެ ހެޔޮ ޢަމަލެއް ކުރަން މަސައްކަތްކުރިނަމަވެސް އެކަމަކަށް ޝައިޠޯނާ ހުރަސްއަޅާނެއެވެ. ތަޤްވާވެރިއަކު ކުރަން އުޅޭ ހެޔޮކަމެއް ނުހުއްޓުވޭނެއެވެ. ނުހުއްޓުވޭނެކަން ޝައިޠޯނާއަށް އެނގޭތީ ކުރާނެ ކަމަކީ ވަސްވާސްތައް ދީގެން ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ދުރުކުރުވުމެވެ.
ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކޮށް ޛިކުރުން ގިނަކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް އަޢޫޛްކިޔުން ގިނަކުރާށެވެ! އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނީވެސް ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރެވިގެންނެވެ. ނޫން ނަމަ އެމީހަކަށް ޛިކުރެއް ނުކުރެވޭނެއެވެ. ދުލުން ޛިކުރުތައް ކިޔަމުން ގެންދާއިއރު ހިތުގައި އެހެން ކަންތައްތަކެއް އެނބުރެމުން އެދަނީ މިބަޔާންކުރި ސަބަބަށްޓަކައެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްނުވެވޭތީއެވެ.
--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން