ރޯދަވީއްލާއިރު ކާތަކެތީގެ ރަހަ އާދައާ ޚިލާފަށް މީރުކަމުގަ އިޙްޞާޞް ކުރެވޭ ސަބަބަށް އެކަނި ވިސްނައިލިޔަސް އަގުހުރި ފިލާވަޅެއް ލިބިގެންދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރޯދަވީއްލާއިރު ކާތަކެތީގެ ރަހަ އާދައާ ޚިލާފަށް މީރުކަމުގަ އިޙްޞާޞް ކުރެވޭ ސަބަބަށް އެކަނި ވިސްނައިލިޔަސް އަގުހުރި ފިލާވަޅެއް ލިބިގެންދާނެ!: މުފްތީ މެންކް

ސްޕަމާކެޓުތަކުގައި ސޭލް އެޅުވުމުން ވީހައި ގިނަ ތަކެތި ގަނެ ގޭތެރެ ފުރައިލަމުއެވެ. އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންކުރާނެ ވަރަށްވެސް ތަކެތި ގަންނަމުއެވެ. ރަމަޟާން މަހުގެ މިސާލަކީވެސް ހަމަ އެއީއެވެ. ﷲ ތާޢާލާ ވަނީ ރަމަޟާން މަހު ހިފާ ރޯދައިގެ އިތުރުން ކުރާ ކޮންމެ އަޅުކަމެއްގެ ސަވާބުވެސް އެތައް ގުނައަކަށް އިތުރު ކުރައްވަވައިފައެވެ. ވީމާ ވީހައި ގިނައިން ހެޔޮ އަމަލުތައްކޮށް ވީހައި ގިނަ ސަވާބާއި ފައިދާ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. 

ބައެއް މީހުންނަކީ ޢާންމު ދިރިއުޅުމުގައި ބައެއް ތަކްލީފްތަކާއިއެކު އުޅެން ޖެހިފައިވާ މީހުންނެވެ. އެހެން ކަމާއިއެކުވެސް ރަމަޟާން މަހު އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާނަމަ ވަރަށް ގިނަ ކަންކަން ލުއިވެގެންދާކަން ފާހަގަކުރެވޭނެއެވެ. ތަކްލީފް އުފުލަން ޖެހުނު ނަމަވެސް އެ ތަކްލީފްތައް އެހެން މަސްމަހަށްވުރެ ކުޑަކަން ފާހަގަކުރެވޭނެ އެވެ. ހިތްހަމަޖެހުން ބޮޑުކަންވެސް ފާހަގަކުރެވޭނެއެވެ. އެއީ ރަމަމާން މަހުގައި ﷲ ތައާލާ ލައްވަވާފައިވާ ބަރަކާތުގެ ސަބަބުންނެވެ. 

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ރޯދަ ވީއްލާ ވަގުތު ބޭނުންކުރާ ކާބޯތަކެތި އާދައާއި ޚިލާފަށް  މީރުކަމުގައި އިޙްޞާޞް ކުރެވުމެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައި ރޯދަ ވީއްލާ މީހާއަށް އެކަން ވަރަށް ރަނގަޅަށް އިޙްޞާޞްކުރެވޭނެއެވެ. އެއީ އެތަކެތީގައި ﷲ ތަޢާލާ ލައްވަވާ ބަރަކާތުގެ ސަބަބުންނެވެ. 

ރަމަޟާން މަހަކީ ﷲ ތައާލާ އާއި އޮންނަ ގުޅުންތައް އައުކޮށް އިތުރަށް ބަދަހިކުރުމުގެ މައްސަރެވެ. ރަމަމާން މަހުގައި ކުރާ އަޅުކަމުގެ ސަވާބާއި ދަރުމަ އެހެން މަސްތަކަށްވުރެ އެތައް ގުނައަކަށް އިތުރުކޮށްދެއްވަވާފައިވަނީ އެކަމަށްޓަކައެވެ. ވީމާ ރަމަޟާން މަސް އައުމުން ކޮންމެ މީހަކުވެސް އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މުޅި ރަމަމާން މަސް ޚާއްޞަކުރަންވީ އެކަމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައްކޮށް ވީހައި ބޮޑަށް ﷲ ތާޢާލާ އާއި ކުއްތަންވުމަށެވެ. 

ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާ އާއި ކޮންމެވެސް މިންވަރަކަށް ގުޅުން އޮންނާނެ މީހެކެވެ. އެ ގުޅުންތައް އައު ނުކުރާނަމަ އަބަދުވެސް ދާނީ ހީނަރުވުމުންނެވެ. ހީނަރުވަމުން ގޮސް ކެނޑިގެންދާ މިންވަރަށް ކަންކަން ހިނގައިދާނެއެވެ. ވީމާ ރަމަޟާން މަހަކީ އެ ޙާލަތު ބަދަލުކޮށް ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި އޮންނަ ގުޅުންތައް ތާޒާކުރަން ﷲ ދެއްވަވާފައިވާ ރަނުގެ ފުރުޞަތެވެ.

މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން