އަޅުގަނޑަކީ ކޮންމެހެން ލޯބިވެރިއަކު ހޯދަން އަވަސްވެގަނެގެން އުޅުނު އަންހެނަކީމެއް ނޫނެވެ. 30 އަހަރުވީއިރުވެސް މަޑުކޮށްލައިގެން ހުރީ އަޅުގަނޑަށް އިތުބާރުކުރެވޭވަރުގެ މީހަކާއި ބައްދަލުވުމުގެ އުންމީދުގައެވެ. އެހެން ހުއްޓާ ބައްދަލުވި މީހަކު އެތައް ހުވާތަކެއް ކުރުމުން އޭނާދެކެ ލޯބިވެވިއްޖެއެވެ. އޭނާދެކެ އަޅުގަނޑު ލޯބިވެއްޖެކަން އޭނާއަށް ޔަޤީންކުރެވުނުތަނާހެން އުޅުން ބަދަލުވަމުން އައިސް އަޅުގަނޑު ދޫކޮށްލައިފިއެވެ.
އަޅުގަނޑުގެ ސުވާލަކީ ﷲ ތަޢާލާ ގަންދީ ކުރި ހުވާތަކަށްވާނީ ކިހިނެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
"ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. އަހަރެން ކަލާދެކެ ލޯބިވާވަރަށްވުރެ ބޮޑަކަށް އެއްވެސް މީހަކަށް އަނެކަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ! މުޅި އުމުރުގަވެސް އެކަން ދަމަހައްޓާނަމެވެ.!" މިހެން ބުނެ ފައިވެސް ލަނޑުދީ ފިލަިގެން ދެވިދާނެއެވެ!
އެބަސް ބުނި ހިނދު މަލާއިކަތުން ވަނީ ތިބާގެ ފަތުގައި ލިޔުއްވަވައިފައެވެ. މަލާއިކަތުން ލިޔުއްވެވި ތިބާގެ ފަތުން އެބަސްތައް ފުހެލެވޭނެ ހެއްޔެވެ؟ ﷲ ގަންދީ ކުރާ ހުވާ އުވާލުމުން ކައްފާރާ ދޭންޖެހޭނެއެވެ.
ވިސްނަންވީ ތަންކޮޅަކީ ކައްފާރާ ދިނުމަކީ އެކަމުން އަނެކާއަށް ލިބުނު ގެއްލުމާއި އަނިޔާއާއި ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ތިމާ އާ ﷲ ތަޢާލާ އާ ދެމެދުގަ އޮތް މައްސަލައާއި ގުޅިގެން ކުރަންޖެހޭ ކަމެކެވެ.
އެއްވެސް މީހަކު އެހެން މީހަކަށް ކޮށްފައިވާ އަނިޔާއެއް ނުވަތަ ދީފައިވާ ގެއްލުމެއްގެ މާފު ހޯދަން ޖެހޭނީ އެމީހެއްގެ ކިބައިންނެވެ. އެކަން ﷲ ދޫކޮށްލައްވަވާނީ އަނިޔާ ލިބުނު މިހާއަށެވެ.
ކުރުކޮށް ނަމަވެސް މިބުނެދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން