އެންމެ ކާމިޔާބު މީހަކީ އެމީހެއްގެ އަހުލުވެރިން، ޢާއިލާގެ އެންމެން ގޮވައިގެން ސުވަރުގެ ވަދެވޭ މީހެކެވެ. އަދި އެވަރަކުންވެސް ނުފުދެއެވެ. މަސައްކަތްކުރަންވީ ވީހާ ގިނަ ބައަކު ގޮވައިގެން ސުވަރުގެ ވަނުމަށެވެ. ވީމާ ރަމަޟާން މަހާއި ބައްދަލުވުމުން އެމައްސަރުން ލިބެން އޮތް ފައިދާ ވީހާ ބޮޑަކަށް ލިބިގަންނަމުން އެކުވެރިންނަށްވެސް ހިތްވަރުދޭށެވެ. އެއީ އިމެއް ނެތި އިތުރަށް ހޯދެން އޮތް "ބޯނަސް" އެއްކަން ތިރީގައިވާ ލިޔުމުން އެނގިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ
اَلحَمدُالله رَبَِّ الْعَالَمِيْن اَلصَّلاة وَالسَّلام عَلى أشْرَفِ الأنْبِيَاء وَالْمُرْسَلِيْن نَبِيِّنَى مُحَمَّد وَعَلى آله وَصَحْبِه أَجْمَعِيْن :
ލޮބްވެތި މުސްލިމް އަޚުންނާއި އުޚްތުން السّلاَم عَلَيْكُمْ وَرَحْمَة اللهِ وَبَرَكاتًه:
އާދެ! އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވަނީ ވަރަށް ޚާއްޞަ މައްސަރެއް، އަޅުގަނޑުމެން މުސްލިމުންގެ ހިތުގާ ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ އަދި އެމައްސަރަކާ މެދުގާ އަޅުގަނޑުމެން ވަކިން ޚާއްޞަ ސަމާލު ކަމެއް ދީގެން ހެޔޮ ޢަމަލުތައް ގިނަކުރުމަށް އަޅުގަނޑުމެން ކޮންމެހެންވެސް އަމިއްލަ ނަފްސަށް ބާރުއަޅާ އަދި އަޅުގަނޑުމެންގެ އަހުލުވެރިންނާއި، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް ވެސް އެކަމަށް ބާރުއަޅަންޖެހޭ މައްސަރެއް.
އާދެ! ކީރިތި ރަސޫލާ ﷺ އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އަދި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި އެހެން ޤަރުނުގެ ބޭކަލުންވެސް ރަމަޟާން މަހާ ބައްދަލުވުމުގެ ކުރިން އެމައްސަރާ ބައްދަލުވުމުގެ ތަޥްފީޤު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގާ ދުޢާ ކުރައްވާ އަދި އެމައްސަރުގާ ވީހާވެސް ގިނަ ހެޔޮ ޢަމަލު ކުރުމަށްޓަކައި ފުރިހަމަ ޞިއްޙަތެއްގާ ވަނިކޮށް އެމައްސަރާ ބައްދަލު ވުމުގެ ތަޥްފީޤު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގާ އެބޭކަލުން ދުޢާ ކުރައްވާ އަދި ހަމަ އެހެންމެ އެމައްސަރާ ބައްދަލުވެއްޖެ ކަމަށްވަނީނަމަ އެމައްސަރުގެ ދުވާލުގެ ވަޤުތުގާ ރޯދަޔަށް ތިއްބަވާ އަދި އެރޯދަޔަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންތައްތަކުން އެބޭކަލުން ދުރުހެލިވެ ރައްކާތެރިވެ ލައްވާ އަދި ރަމަޟާންމަހުގެ ރޭގަނޑުގެ ވަގުތުތައް ރޭއަޅުކަމުގަ އަދި ޤުރްއާން ކިޔެވުމުގަ އެބޭކަލުން ހޭދަ ކުރައްވާ.
އެހެންވީމާ، އެބޭކަލުން ނަމޫނާއަކަށް ބަލައިގެން އަޅުގަނޑުމެންވެސް އެބަޖެހޭ ރަމަޟާން މަހުގެ ބޭނުން ފުރިހަމަގޮތުގާ ހިފުމަށްޓަކައި މަސައްކަތްކުރަން އަދި އަޅުގަނޑުމެންނަށް މިފަދަ ފުރްޞަތުތައް ތަކުރާރުވާނީ ކިހާ މިންވަރަކަށް ކަމެއް އަޅުގަނޑުމެން އެއްވެސް މީހަކަށް ނޭނގޭ އަޅުގަނޑުމެންގެ އުމުރު އެއީ ކިހާ ދިގުމިނެއްކަމެއް އެއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ކަނޑައެޅިގެން ބުނަން އެނގޭ އެއްޗެއްނޫން.
އެހެންވީމާ، އަޅުގަނޑުމެން މިދުނިޔޭގައި ހެޔޮޙާލުގައި ފުރިހަމަ ސިއްޙަތުގާ ﷲގެ ރަޙްމަތާއެކުގާ ވީހިނދުގާ މިފަދަ ރަނުގެ ފުރުޞަތުތައް އަޅުގަނޑުމެނަށް ލިބި އެފުރުޞަތުގެ ބޭނުން ނުހިފާ ދޫކޮށްލުމަކީ އެއީ އެއްވެސް ޙާލެއްގައި ރަގަޅު ގޮތަކަށް ނުވާނެ. އެހެންވީމާ، ކޮންމެހެންވެސް މިރަމަޟާން މަހުގެ ދުވަސްތަކާއި، ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް އަދި މިޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށްވެސް އަދި އެންމެހާ ލޮބްވެތިމުސްލިމް އަޚުންނާއި، އުޚްތުންނަށް އަޅުގަނޑު ހަމަ ވަޞިއްޔަތްކުރަން އަދި އަޅުގަނޑުގެ އަމިއްލަ ނަފްސަށް މިނަޞޭޙަތް ލިބިގަންނަ ޙާލުގާ އަޅުގަނޑުމެންގެ އެހެން އަޚުންނާއި، އުޚްތުންނަށްވެސް މިނަޞޭޙަތް ދިނުމަށް އަޅުގަނޑު މިފަޚްރު ލިބިގަންނަން.
ރަމަޟާން މަހަކީ އެއީ ތިޔަ އެންމެ ބޭކަލުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން الله سُبْحَانَهُ وَتَعَالَى އެމައްސަރެއްގައި ކީރިތި ޤުރްއާން ބާއްވާލެއްވި މައްސަރު! އެހެންވީމާ އެމައްސަރަކީ އެއީ ޤުރްއާނުގެ މައްސަރު ވީމާ، ވީހާވެސް ގިނައިން ޤުރްއާން ކިޔެވޭތޯ ޤުރްއާން ކިޔަވާ އެހެން ދުވަސްތަކުގާ އަޅުގަނޑުމެން ޤުރްއާން ކިޔަވާ އުޅުނު މިންވަރަށްވުރެވެސް ރަމަޟާން މަހުގާ ޤުރްއާން ކިޔަވާ މިންވަރު އަޅުގަނޑުމެންވާނެ އިތުރު ކުރަން.
އާދެ! ޤުރްއާނުން އަޅުގަނޑުމެން ކިޔަވާ ކޮންމެ އަކުރަކަށް الله سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ނަށް 10 ޘަވާބު ދެއްވާނެކަން އަންގަވާފަވޭ، الم އެއީ އެންމެ އަކުރެއްނޫން އޭގެ ބަދަލުގާ "އަލިފް" އަކީވެސް އަކުރެއް "ލާމް" އަކީވެސް އަކުރެއް އަދި "މީމް" އަކީވެސް އަކުރެއް އެހެންވީމާ ޤުރްއާނަށް ޚާއްޞަ ސަމާލުކަމެއް ވަކިން ޚާއްޞަ ގޮތެއްގާ ރަމަޟާންމަހުގާ ދޭންވާނެ، އަޅުގަނޑުމެންގެ މަސައްކަތްތައް ހަމަޖެހިފަ އޮންނަގޮތުންވެސް ﷲ ގެ ރަޙްމަތާއެކުގާ އޮފީހުގެ މަސައްކަތްތައްވެސް މިހުންނަނީ ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ވަރަށްބޮޑަށް ކުރުކޮށްލެވިފަ އެހެން ދުވަސްތަކާބަލާފަ. އެހެންވީމާ އެލިބޭ ހުސްވަޤުތުގެ ބޭނުން އަޅުގަނޑުމެން ފުރިހަމަގޮތުގާހިފާ ވީހާވެސް ގިނައިން ޤުރްއާން ކިޔަވާ ﷲގެ ޙަޟްރަތަށް ދުޢާކޮށް ކަންތައް ކުރުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް