"އަޅުގަނޑުގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ވަރަށް ހެޔޮކޮށް ހިތައިގެން އުޅެމުން އަންނަނިކޮށް ވަރިކޮށްލައިފިއެވެ. ނުވަތަ ގަދަކަމުން ވަރިވެގެން ހިނގައްޖެއެވެ! މިއުޅެނީ އެކަމުން ލިބުނު ހިތްދަތިކަމުން އަރައިނުގަނެވިގެންނެވެ. ޙައްލަކީ ކޮބައިތޯ؟"
މިއީ އެންމެ ގިނައިން ކުރެވޭ އެއް ސުވާލެވެ.
ޖަވާބަކީ ކިތަންމެ ވަރަށް ހެޔޮކޮށް ހިތިނަމަވެސް ލޯބިދިންނަމަވެސް ވަރިކޮށްފާނެއެވެ. އަދި ގަދަކަމުން ވަރިވެގެންވެސް ހިގައިދާނެއެވެ. ވަރިކުރަން ނުވަތަ ވަރިވާން މަޖުބޫރު ޙާލަތެއް ކުރިމަތިވެ ކައިވެނި ރޫޅައިލުން ނޫން ގޮތެއް ނެތިވެސް ހިނގައިދާނެއެވެ.
މިއިން އެއްވެސް ޙާލަތެއް ކުރިމަތިވުމަކީ ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ. ބަލަންވީ ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރެވޭތޯއެވެ. ބައިވެރިޔާއަށް އިޚްލާޞްތެރިވެ، ހެޔޮކޮށް ހިތޭތޯއެވެ. އެގޮތުގައި ހުއްޓައި އަނެކާ ނިންމާ ނިންމުމަކާއިމެދު ކަންބޮޑުނުވާށެވެ! ނުބައި ގޮތަކަށް ކަންކަން ކުރިނަމަ އެކަން އޮތީ އެމީހަކަށެވެ! އެމީހަކު ކުލަކަމަކަށް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާނެތެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ސައުދި އަރަބިޔާގައި އުމުރުން 60 އަހަރުންގެ މަތީގެ ފިރިހެނަކު 30 އަހަރުގެ އަންހެނަކާއި ކައިވެނި ކުރިއެވެ. ކައިވެންޏަށްފަހު އަންހެން ކުއްޖާގެ މައްޗަށް އިންތިހާއަށް ލޯބި ޖެހި އެކުގައި އުޅެން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ވަރިވާށެވެ. އެހެންކަމުން ފިރިމީހާ އާދޭސްކޮށްކޮށް ހުއްޓައި އޭނާ ވަރިވެގެން ދިއައީއެވެ.
ދެން އެ ފިރިހެންމީހާ ހުރީ އޭނާއަށް އެ އަނބި މީހާ ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ހުއްޓައި ޚަބަރު ލިބުނީ ހަމަ އޭނާގެ ޢާއިލާގެ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހަކު އޭނާ ވަރިކުރި އަންހެން މީހާ އާއި ކައިވެނި ކުރި ޚަބަރެވެ. ލިބުނު މާޔޫސްކަން ވަރަށް ބޮޑުވިއެވެ.
ނަމަވެސް ކަންކަން ވެގެންދިއައީ ކިހިނަކުން ހެއްޔެވެ؟ މަހެއްހައި ދުވަސް ފަހުން ހެދި ޓެސްޓަކުން އެނގުނީ އެ އަންހެންމީހާގެ ދެ އުރަމައްޗަށް ކެންސަރު ޖެހިފައިވާ ކަމެވެ. ފިރިމީހާއަށް ޖެހުނީ އަބަދު އަނބިމީހާ ގޮވައިގެން ހޮސްޕިޓަލުތަކުގައި އުޅޭށެވެ. އޭނާގެ ޓޭސްޓްތައް ހެދުމާއި ފަރުވާ ކުރުމުގައެވެ. އެގޮތަށް އެކަންކަމުގައި އަވަދި ނެތި އުޅެއުޅެ ހުއްޓައި 9 ވަނަ މަހުގައި އަންހެން މިހާ ވަނީ ދުނިޔެ ދޫކޮށްފައެވެ.
ވީމާ ދުޢާ ކުރުމުން އެދޭ ގޮތަށް ކޮންމެފަހަރަކު އިޖާބަ ނުކުރެއްވެވުމަކީ ދުޢާ އިޖާބަ ނުކުރެއްވެވުން ކަމުގައި ނުދެކޭށެވެ. އަހަރެމެންނަށް ރަޙްމަތަކަށްޓަކައި ވެސް ﷲ ތަޢާލާ، އަހަރެމެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ލަސް ކުރައްވަވަތެވެ. ވީމާ އޮތީ ދުޢާ ކުރުމަށްފަހު ކުރިމަތިވާ މިފަދަ ކަންކަމަށް ވިސްނައި ކެތްތެރިވުމެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ދުޢާ އިޖާބަ ނުކުރައްވަވައި ދުލެއް ނުކުރައްވަވާނެތެވެ.
- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން