އަޅުގަޑުމެން ނުކައި ރޯދައަށް ތިބެނީ ނުވަތަ ރޯދަ ހިފަނީ މާތްﷲގެ މަތިވެރި ހަޟްރަތުން ސަވާބާއި ދރުމަ އެދިގެން އެކަމުގެ ބޭނުމުގައެވެ. އެހެންކަމަށްވާއިރު ތިމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ ހިތް ނިޔަތް މާތްﷲއަށް ޚާލިޞްކޮށް، މާތްﷲ އެންގެވި ގޮތުގައެވެ.
"މާތްﷲ އެންގެވި ގޮތްތައް އަޅުގަނޑުމެންނަށް މިފެންނަނީ ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން. ރަމަޟާން މަހު ކާންވީ ވަގުތުތައްވެސް އެއޮތީ ސުންނަތުން ހާމަވާން. މަތިވެރި ޙިކުމަތަކަށްޓަކައި މެނުވީ ކައު އިތުރު ރަސޫލާ މުޙައްމަދު ހަމަ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ކަމެއް ނުކުރައްވަވާނެ. އެހެނީ ކައުއިތރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކޮންމެ ކަމެއް ކުރައްވަވާފައިވަނީ މާތްﷲގެ އެންގެވުމަށް. ހާރު ކެއުން ވީހައި ފަސްކުރުމަށް ސުންނތުގައި އެއޮތީ އެކަމަށް މާތްﷲ އެންގެވުމުން. އެހެން ނޫނީ ސުންނަތުގައި އެކަމެއް ނުއޮންނެ."
ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގައި ކިތަންމެ މޮޅު ތަކެތި ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަމުން ހަށިގަޑަށް ފައިދާ ކުރާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުން ހަށިގަނޑަށް ފައިދާކުރާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ވަރަކަށެވެ. ހާރުކެއުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުންނެވެ. އެހެންކަމުން ހާރުކެއުމުގެ ފައިދާ ހަށިގަނޑަށް ކުރާނީ ވީހައި ލަސްކޮށް ހާރުކެއުމުންނެވެ.
"ކޮންމެހެން ނުޖެހޭނެ ނިދާފައި ތެދުވެ ގިނަ ސާމާނުތަކެއް ނުކެވިދާނެތީ ކަންބޮޑުވާކަށް. ހަމަ ލުއިލުއި އެއްޗެއް ކައިލުމަށްފަހު ފެން ފޮދެއް ބޯލުމުން ސުންނަތް ހާޞިލުކުރެވުނީ. މުހިންމީ ސުންނަތަށް އަމަލުކުރުން.."
ހާރު ކެއުމަށްޓަކައި މުހިންމީ ގިނަ ބާވަތްތައް ހިމެނޭ ބޮޑު ކެއުމެއް ކައިގެން އަވަހަށް ނިދުމެއް ނޫނެވެ. ކިތަންމެ ލުއި، އާދައިގެ ކެއުމެއް ނަމަވެސް ސުންނަތް ވަގުތު، ފަޖުރުލުމާއި ވީހައި ގާތްކޮށް ހާރު ކެއުމުގައި މާތް ﷲ ލައްވަވާ ބަރަކާތް މާވަރުގަދަވާނެ އެވެ. އިން ޝާ ﷲ
ރޯދަ ހިފަނީ މާތް ﷲ އަށްޓަކައިކަން ހިތުގައި ބާއްވައިގެން ރޯދަ ހިފާމީހަކަށް އެއީ އެއްވެސް ބުރަކަމެއް ނޫނެވެ. އަދި ތިމާ ރޯދަ މިހިފަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންކަން ޙޯދަންކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މިފަދަ މަތިވެރި ސުންނަތެއް ދޫކޮށެއް ނުލާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން