ލޯބިވެރިޔާއަކީ ވަޒީފާއަދާނުކުރާ، އަދި އާމްދަނީ ހޯދަން މަސައްކަތް ނުކުރާ މީހަކުނަމަ ވަލީދޭން ގިން ބައްޕައިން ދެކޮޅުހަދާނެއެވެ. ފަސްޖެހޭނެއެވެ. އެއީ ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އާމްދަނީ ނުހޯދައި ދިރނުއުޅެވޭނެތީއެވެ. ދެމަފިރިން ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭނެތީއެވެ.
ބައިންބަފައިން ދަރިން ބަލައި ބޮޑުކުރަނީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އެމީހުން މުސްކުޅިވާ ދުވަހު އަޅާލައި އެހީތެރިވެދޭނެކަމުގެ އުންމީދަކީ އެންމެ ބޮޑު އުންމީދެވެ. ހަމައެއާއިއެކު ވިސްނާލަންޖެހޭނެ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ މާލީ ގޮތުން ދަތިޙާލަތެއްގައި ދަރިފުޅަށް އުޅެންޖެހިފައިވުމުން މައިންބަފައިންނަށް އެހީތެރިނުވެވޭތީ ކުރާ އަސަރަށްވުރެ ދަރިން ދަތި ހާލުގައި އުލެންޖެހޭނަމަ މައިންބަފައިންނަށް ކުރާ އަސަރު މާބޮޑުވާނެ ކަމެވެ.
މިފަދަ އެތައް ބައިވަރު މައްސަލަތަކެއް ހުއްޓައިވެން ލޯބީގެ އަވާގައި ޖެހި ދިރިއުޅެން މަސައްކަތްނުކުރާ މީހަކާއި ކައިވެނިކުރަން ބޭނުންވެގެން ބައެއް ކުދިން ޝަކުވާތައް ކުރެއެވެ. ވަލީޑޭން ބައްޕަ ދެކޮޅު ހަދާކަމުގެ ޝަކުވާތަކެވެ.
މިފަދަ މައްސަލަތަކަށް ޖަވާބު ދެއްވަމުން ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ކައިވެނިކުރުމަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމާއި ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެކަންކަން ކުރަން ނުކުޅެދޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ދެވަނަކަމަކީ ވަޒީފާއެއް ނެތުމެވެ. ވަޒީފާއެއް ނެތް ނަމަވެސް ކުރެވިދާނެ މަސައްކަތްހުންނާނެއެވެ. ވީމާ އެމީހަކީ އާމްދަނީ ހޯދަން މަސައްކަތްކުރާ މީހަކަށްވާންޖެހޭނެއެވެ. ލިބޭ އާމްދަނީ މަދުވުމަކީ މައްސަލައެއް ނޫނެވެ. މައްސލައަކީ އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރުމެވެ.
ތިންވަކަމަކީ ލޯބިވެގެން އުޅޭއިރު އެމިހާގެ ކިބައިގައި ހުންނަ އުނިސިފަތައް ނުފެންނާނެ ކަމެވެ. ލޯބްބަކީ ކަނުއެއްޗެއްކަމަށް ބުނަނީ އެހެންވެގެންނެވެ. މިހާރު ފާހަގަ ނުކުރެވޭ ވަރަށް ގިނަ ކަންކަން ކައިވެނިކުރުމަށްފަހު ފާހަގަކުރެވެން ފަށާނެއެވެ.
ހަތަރުވަނަކަމަކީ ކައިވެނި ރޫޅިއްޖެނަމަ އެނބުރިދާންޖެހޭނީ މައިންބަފައިންގެ ގާތަށެވެ. ވީމާ މައިންބަފައިންގެ ރުހުމާއި ނުލައި ކައިވެނިކުރުމަކީ ފަހުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. ވީމާ މައިންބަފައިންނާއި އަލުން ކުރިމަތި ނުލެވޭނެ ގޮތަކަށް ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އެންމެ ބޮޑު މައްސަލައަކަށްވަނީ މައިންބަފައިންނާއި ދެކޮޅަށް ކުރާ ކައިވެނި ރޫޅިގެން އެނބުރި ދާންޖެހިއްޖެ ނަމަ ބަލައިގަންނަން ގިނަ މައިންބަފައިން ދެކޮޅުހަދާކަމެވެ.
- އަލަފް / މިއަދުނޫސް