ދަތުރުވެރިންނަށް ރޯދަދޫކޮށްލުން ހުއްދައެވެ. ހަމައެއާއިއެކު އޭނާއަށް ދަތުރުމަތީގައިވެސް ތަކްލީފަކަށް ނުވެ ރޯދަ ހިފޭނެނަމަ ރޯދަހިފުމުން ލިބޭނެ ފައިދާތަކެއްވެސް އެބަހުއްޓެވެ. ތިރީގައިވާ ޝައިޚް އަޙްމަދު ރިމާޒްގެބަސްފުޅުން އެކަން އެނގިގެންދެއެވެ.
ޝައިޚް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
ދަތުރުގެ ދަތި އުނދަގޫކަމާއި ފަސޭހަކަމަށް ބަލާއިރު ހަމަވެގެންވާނަމަ އައުލާކަން ބޮޑީ ރޯދަ ހިފުމެވެ. ސަބަބަކީ: ނަބިއްޔާ ﷺ ދަތުރުމަތީގައި ރޯދަ ހިއްޕެވިކަން ޘާބިތުވާތީ އާއި ކޮނޑުގައި އެޅިފައިވާ ޝަރުޢީ ތަކުލީފުން ބަރީއަވެވުންން އަވަސްވާނެތީ އާއި ރަމަޟާންމަހުގައި ހިފޭ ރޯދަ މާތްވެގެންވާތީ އެވެ.
ދަތުރުމަތީގައިވާ ރޯދަވެރިޔާ ފަހުން ރޯދަ ޤަޟާކުރާގޮތަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވާކަމަށް ދަންނަބޭކަލުން އިއްތިފާގުވެފައިވެއެވެ. ދަތުރުމަތީގައިވާ ރޯދަވެރިޔާ ރޯދަ ހިފުންވެސް ހުއްދަވެގެންވެއެވެ.
މާތް ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީން ބައެއް ދަތުރުމަތީގައި ރޯދަ ހިތްޕެވިކަމަށާއި، އަނެއްބައި ދަތުރުމަތީގައި ރޯދަ ދޫކޮށްލެއްވިކަން ޘާބިތުވެގެންވެއެވެ.
--ޝައިޚް އަޙްމަދު ރިމާޒް