ޚާއްޞަ ގޮތެއްގާ ރަމަޟާން މަހުގާ އަޅުގަނޑުމެން ރޯދަހިފަމުން ނުވަތަ އަޅުކަމުގާ ހޭދަކުރާއިރުގާ އަޅުގަނޑުމެން ހަނދާނުގާ އަބަދުވެސް ބަހައްޓަންވާނެ އަޅުގަނޑުމެންގެ ތެރޭގާތިބި ނިކަމެތި ފަޤީރުންގެ ޙާލަތާމެދުގާ އެމީހުންނަށް އެހީތެރިވެ އެމީހުންނަށް މާލީ ގޮތުންވިޔަސް އަދި އެމީހުންނަށް އެނޫން ގޮތްގޮތުންވެސް އެހީތެރިވެ އެމީހުންވެސް ހިތް އުފާކޮށްދީ ހެދުމަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއްކަމުގައި، އުފަލެއްކަމުގައި، ފަޚްރެއް ކަމުގައި ހަދަންވާނެ. އާދެ! އެގޮތަށް އެމީހުންގެ ހިތްހަމަ ޖައްސާދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީވެސް އެއީ އެކަމުގެ ސަބަބުން الله سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދަރަޖަ މަތިވެރި ކުރައްވާނެ ކަންތައްތައް.
ހަމައެފަދައިން އަޅުގަނޑުމެން ރޯދަޔަށް ތިބޭ ވަޤުތުތަކުގާ ވަކިން ޚާއްޞަ ގޮތެއްގާ ރޯދަޔަށް ބާޠިލުކަން އަތުވެދާނެ ނުވަތަ ރޯދައިގެ ފުރިހަމަ ކަމަށް އުނިކަން އަތުވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާންޖެހޭނެ. އެގޮތުން ބޭކާރު ވާހަކަ ދެއްކުމާއި، ދޮގުހެދުމާއި، ދޮގުހެކި ދިނުމާއި، މީސްމީހުންގެ ނެތިނުބައި ވާހަކަ ދެއްކުމާއި، މިފަދަ އެންމެހައި ކަންކަމުން ދުރުހެލިވާން ޖެހޭނެ.
ސަބަބަކީ: އެފަދަ ކަންތައްތަކަށް އަރައިގަނެވޭ ކަމަށް ވަނީނަމަ ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނީ އެހެންކަމަށް ވަނީނަމަ އެމީހަކު ކެއިން ބުއިން ދޫކޮށްލައިގެން ރޯދައަށޭ ކިޔާފަ ހުރުމުގެ މާނައެއްނެތޭ، މާނައަކީ އޭނަ ކޮންމެހެން ރޯދައަށޭ ކިޔާފަ ނުކައި ނުބޮއި ހުރިކަމުގައި ވީނަމަވެސް އޭނަގެ ދުލުން ދޮގުހެކި ދިނުމާ މީސްމީހުނަށް އެއްޗެތި ގޮވުމާ، މިފަދަ ކަންތައްތައް ނުހުއްޓޭ ކަމަށް ވަނީނަމަ އޭނަގެ ރޯދައިން އޭނަޔަށް ލިބޭނެ ދަރުމައާއި ޘަވާބެއް ނެތޭ.
އާދެ! އަޅުގަނޑުމެން ރޯދަޔަށް ހުއްޓާ މީހަކު އަޅުގަނޑުމެންނާ ދިމާލަށް ހަޑިހުތުރު އެއްޗެއްކީ ކަމުގައިވީނަމަވެސް އެމީހަކަށް ރައްދު ނުދިނުމަށް ރަސޫލުﷲ ﷺ އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފަ ވަނީ ޙަދީޘް ކުރައްވަނީ އެފަދަ އެއްޗެއް މީހަކު ރޯދަޔަށް ހުއްޓާ ކިޔައިފި ނަމަ ބުނާށޭ " إنِّى صَائمٌ " ތިމަންނަ މިހުރީ ރޯދައަށޭ އާދެ! ރޯދަޔަށް ނުހުރިކަމުގައި ވީނަމަވެސް މިފަދަ ކަމެއް މެދުވެރި ވެއްޖެ ކަމަށް ވަނީނަމަ މީހަކު ހަޑިހުތުރު އެއްޗެއް ކިޔައިފި ކަމަށް ވަނީނަމަ އެމީހަކަށް ރައްދު ދިނުމުގެ ބަދަލުގާ އެމީހަކަށް ސަލާމާއޭ ބުނުން އެއީ މުއުމިނުންގެ ސިފައެއްގެ ގޮތުގާ ﷲ ބަޔާން ކުރައްވާފައި ވަނީ ވަޙީ ކުރައްވަނީ " وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا " ޖާހިލުންގެ މީހުން އެމީހުންނަށް މުޚާޠަބުކޮށް ބަސްމޮށެން ފަށައިފި ކަމަށްވަނީނަމަ ޖަވާބުގާ އެމީހުން ބުނެއޭ "ސަލާމާ" ތިޔަބައިމީހުންނަށް ސަލާމް ހުއްޓޭ، އެހެންވީމާ، ގަދަބަސް ދެއްކުމަށްޓަކައި ނުވަތަ އެމިހުންނަށް ވުރެން ގަދަ ވުމަށްޓަކައި، އެމިހުންނާ ދެކޮޅަށް އެއްޗެއް ބުނުމަށްޓަކައި ކޮންމެހެން ބުނުމަށްވުރެން އަޅުގަނޑުމެން އެއްޗެއް ނުބުނެ ދޫކޮށްލުން އެއީ މާރަގަޅު ގޮތެއް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް