ރޯދަ އާއި ގުޅިފައިވަނީ ހަމައެކަނި ނުކައި ނުބޮއިހުރެގެން މުސައްލަމަތީގައި ނުވަތަ މިސްކިތުގައި އަޅުކަންކުރުމަކާއިއެއް ނޫނެވެ! ރޯދައާއި ގުޅިލާމެހިފައިވާ ކަންކަން މާގިނައެވެ. އެކަންކަން އޮޅުންފިލުވައި ޢަމަލުކުރުމަކީ ރޯދަ ފުރިހަމަކުރަން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ރޯދަ އާއި ގުޅިފައިވާ އެންމެ ބޮޑު އިޙްޞާޞަކީ ބަނޑުހައިކަމުގެ އިޙްޞާޞްތަކެވެ. ތިބާއަށް ބަނޑުހައިކަން އިޙްޞާޞް ކުރެވުމުން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ މީހުން ދިރިއުޅޭނެ ޙާލު އިޙްޞާޞް ކުރެވޭނެއެވެ. ރޯދައިގެ އެންމެ ބޮޑު އެއް ޙިކުމަތަކީވެސް އެއީއެވެ.
ވީމާ ރޯދައެއް ހިފައި ދުވަސް ނިމިގެންދާއިރު ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެއެވެ. ރެސްޓޯރަންޓްތަކަށް އަގު ބޮޑު ތަކެތި ގެނެގެން ގެންގޮސްދިނުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޞަދަޤާތް ލިބިގަންނަ މީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް އެކަން ކުރުމެވެ.
އެ އުޞޫލުން ބަލާއިރު ފިހެފައި އޮތް ކުކުޅެއް ގަންނަން މިލިބެނީ 10 ޑޮލަރާއި 20 ޑޮލަރާއި ދެމެދުގެ އަގަކަށެވެ. އެ އަދަދަށް ފަޤީރަކަށް ފައިސާ ދީފިނަމަ އެމީހަކާއި އެމީހެއްގެ ޢާއިލާ އެދުވަހު ތިބޭނީ ކައިގެންނެވެ.
ހަމަ އެޢާއިއެކު ތިމާގެ ގޭގައި ކައްކާ ކާބޯތަކެތިން ވެސް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ހަދިޔާކުރަން އެންމެ ރަނގަޅީ ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބާކީވެފައި ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި ޞަދަޤާތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ޞަދަޤާތް އެންމެ ފުރިހަމަވާނީ ޞަދަޤާތް ކުރުމަށް މިންވަރެއް އިތުރުކޮށްގެން ކައްކައި އެބައި ޞަދަޤާތް ކުރުމުންނެވެ.
މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާންދިނުމެވެ. ތަނަވަސްކަން ހުރި މިންވަރަކުން ކާން ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ ކިތަންމެހައިވެސް ފައިދާހުރި ކަމެކެވެ. ވީމާ މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް ކިރިޔާވެސް ފުދުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދޭ ދުވަހަކަށް ހަދާށެވެ. އެކަމުގެ ސަބަބުން ތިބާ ހިފާ ރޯދައިގެ ފެންވަރު މަތިވެ ލިބޭ ސަވާބު އިތުރުވެގެންދާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން