ރަމަޟާން މަސް އައިންސުރެ ތިބާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ސްޕަމާކެޓްގައެވެ. މުދައު އަގުހެޔޮ ކަމުން ހަމަ ގަނެ ޖަމާކުރަނީއެވެ. އެންމެފަހުން ގަތް ހުރިހާ މުދަލަކަށް އަގުވެސް ދެއްކީއެވެ. ނަމަވެސް ސްޕަމާކެޓުން ނުކުތީ ގަތް ހުރިހާ މުދަލެއް އެތަނަށް ދޫކޮށްލާފައި ކަމަށް ވެއްޖެ ނަމަ ގެއަށް ގެންދަން ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟
ރަމަޟާން މަހުގެ ރޯދަ ހިފުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ކުރާ އަޅުކަމަށް ﷲ ތަޢާލާ ގިނަގުނަ ސަވާބު ދެއްވަވާތީ ހަމަ އަޅުކަންކުރަނީއެވެ. މަސް ނިމޭއިރަށް ވީހާ ގިނަ އަޅުކަން ކުރެވޭތޯ ބަލަނީއެވެ. ގިނަ ބައަކު ހަމަ ވަރަށް ގިނަ އަޅުކަން ކުރެއެވެ. ބުރަތައްވެސް އުފުލައިގެންނެވެ.
މައްސަލަ ކުރިމަތިވަނީ ރަމަޟާން މަސް ނިމުމާއިއެކު ރަމަޟާން މަހު އުފުލި ބުރަތައްމަތިން ހަނދާން ނުހުންނާތީއެވެ. ރަމަޟާން މަހު ލިބިގަތް ތަޤްވާވެރިކަން ދޫކޮށްލެވޭތީއެވެ. އެގޮތަށް އެކަން މެދުވެރިވެއްޖެނަމަ އެލިބުނީ ވަރަށް ބޮޑު ދެރައެކެވެ. ރަމަޟާން މަހު ކުރި ހުރިހާ މަސައްކަތެއް ބާކީވެގެން ހިނގައިދާނެތީއެވެ. އެއްވެސް ފައިދާއެއް ނުކުރި މަސައްކަތަކަށްވެދާނެތީއެވެ. ބައެއް މީހުންނަށް ޢީދު އައުމާއިއެކު ރަމަޟާން މަހު ކުރި ހުރިހާ މަސައްކަތްތަކެއް އަތުން ދޫކޮށްލެވެއެވެ.
މިކަން މިގޮތަށް މެދުވެރިވިއަ ނުދިނުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ރަމަޟާން މަހުގެ މިހައި ކުރީކޮޅު މިކަން ހަނދުމަކޮށްދިނުމުގެ ބޭނުމަކީ ރަމަޟާން މަސް ނިމުމުން ވެސް ރަމަޟާން މަސް ފަދައިން އަޅުކަން ކުރުމުގައި ދެމިހުރުމުގެ ސާބިތުކަން ދެއްވެވުން އެދި ދުޢާކުރަން ޖެހޭނެ ކަން ހަނދާންކޮށްދިނުމެވެ. ޝައިޠާނާ ތިމާ އާއި ކައިރިވުމުގެ ފުރުޞަތު ނުދެއްވަވާތޯ ގިނަގިނައިން ދުޢާކުރަންވާނެއެވެ. އަދި އެކަމަށްޓަކައި ގަދައަޅައި މަސައްކަތްވެސް ކުރަންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން