ތިމާއަށް މިހާރު ކުރެވެމުންދާ ނުވަތަ ކުރެވިފައި އޮތް ފާފައިގެ ސަބަބުން ފައިދާ ކުރާ ބައަކުވެސް އުޅެއެވެ. އެ ފާފަ ކުރެވުނުކަން އިޙްޞާޞްކުރެވި ހިތުގައި ބިރުވެތިކަން އުފެދި ތައުބާވެ ﷲ ތަޢާލާ އާއި އޮންނަ ގުޅުން އެތައް ގުނައަކަށް އިތުރުވެފައިވާ އެތައް މިލިއަން ބައަކު ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިއްބެވެ.
ބައެއް މީހުންނަށް ފާފައެއް ކުރެވުމުން އެކަމާއިމެދު ދެރަވެ ހިތާމަ ކުރެއެވެ. އަދި އެ ފަދަ ހިތާމަ ތަކުގެ ސަބަބުން ތަޤްވާވެރިކަން ކުރިއަށްވުރެ އިތުރުވެގެން ދެއެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއި އޮންނަ ގުޅުންތައް އެތައް ގުނައެއް އިތުރަކަށް ބަދަހިވެގެންދެއެވެ.
ފާފައެއް ކުރެވުމަކީ ﷲ ތަޢާލާ ޢާއި އިތުރަށް ކުއްތަންވުމަށް ފަހިވާ ފުރުޞަތަކަށް ވެސް ވެފައި އެބަހުރިކަމަށް މިބުނަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. މިހެން ބުނުމުން ވިސްނަންވީ ފާފަކޮށްގެން ﷲ ތަޢާލާ އާއި ކުއްތަން ވެވޭ ކަމަކަށް ނޫނެވެ. ޔަޤީން ކަމަކީ ފާފަ ކުރި ވަރަކަށް އެމީހަކާއި ﷲ ތައާލާ އާއި ދުރުހެލިވާނެ ކަމެވެ. ފާފައެއް ކުރެވުމާއި ފާފަ ކުރުމާއި އެއީ ހަމަ މުޅިން ދެ ކަމެކެވެ.
މީސްތަކުންނެވެ! މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން މިއަދު އަހަރެމެން މިތިބީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައެވެ. ﷲ ތަޢާލާ މީސްތަކުންނަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވެވިތާ 3 ހަފްތާ ވެގެން ދަނީއެވެ. ބަލަން ނުތިބެ އަވަސްކުރަމާ ހިނގާށެވެ! އަވަސްވާންވީ ކޮން ކަމެއް ކުރަން ކަމަށް ހެއްޔެވެ؟ ފިރުކެމުން ދުވަމުން ގޮސް ނަމަވެސް، އަދި ކޮރައި އުފުލިގެން ނަމަވެސް އެއިން ދޮރުކޮޅަކުން އެތެރެއަށް ދެމިގަނެވޭތޯއެވެ.
އެކަން ކުރުމަށްޓަކައި ހަމަ އެންމެ މުހިންމު ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އާދޭސް ދެންނެވުމެވެ. މިއީ އެކަމަށް ހުޅުވިފައިވާ ރަނުގެ ފުރުޞަތެވެ. ރަމަޟާން މަހުގެ ދުވަސްތަކަކީ ﷲ ތަޢާލާ އެންމެ ގިނައިން، އެންމެ ގިނަ ބައަކަށް ފާފަ ފުއްސަވާ ދުވަސްތަކެވެ. ވީމާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް މިއީ ލިބޭނެ އެންމެ އަގުހުރި ފުރުޞަތެވެ.
މި އިބާރާތުން ވާހަކަ ދެއްކުމުން "އަބަދު ފާފަ ފުއްސެވުމާ ތައުބާވުމުގެ" ވާހަކަ ދައްކަނީ ކީއްކުރަން ތޯ ސުވާލު އެބަ ކުރެއެވެ. ޖަވާބަކީ މުޅި ރަމަޟާން މަސް ބާވައިލެއްވެވުނު މަޤްޞަދުގެ ތެރޭގައި ފާފަ ފުއްސެވުމާއި ތައުބާވުން ހިމެނޭ ކަމަށެވެ. އަދި އަހރެންގެ ވިސްނުމުގައި އެންމެ ބޮޑު މަޤްޞަދަކީވެސް އެއީ ކަމެވެ. ވީމާ ހަމަ ތަކުރާރުކޮށް ވެސް މި ހަނދާންކޮށް ދެނީ ކަމުގެ މުހިންމުކަން ބޮޑުކަމުނެނެވެ. އެދެކަންތައް ޙާޞިލު ނުވިނަމަ ރަމަޟާން މަހުން ކުރާނެ އެއްވެސް ފައިދާއެއް ނެތުމުންނެވެ! އެއިރުން ވެގެންދާނީ އެމީހަކަށް މިއަހަރުގެ ރަމަޟާން މަސް ނުއަންނަ ކަމަށެވެ. އެއީ އަދި މާދެރަ ނިކަމެތި ގޮތެކެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން