ޢާއިޝަތު ރަފާޙް ޢަލީ
· މައިންބަފައިންނަށް އޯގާތެރިވުން:
މައިންބަފައިންނަށް ކަމޭހިތާ އެބައިމީހުންނަށް އޯގާތެރިވުމަކީ އިސްލަމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެކެވެ. އެގޮތުން މައިންބަފައިންނާ ވަކީން އުޅޭނަމަ އެބައިމީހުންނަސް ޒިޔާރަތްކޮށް އެމީހުންގެ ޙާލުބަލަންވާނެއެވެ. އެގޮތުން އެބައިމީހުންނާ ރީތިކޮށް ވާހަކަދައްކާ، އެމީހުންނާ އެކީގައި ވަގުތު ހޭދަކޮށް އެމީހުން ހިތްހަމަޖައްސައި ދިނުމަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބޭނެ ކަމެކެވެ.
ﷲ ތަޢާލާ އިސްރާ ސޫރަތުގެ23 އަދި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾
މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)
. ރަޙިމުގެ ގުޅުން ދެމެހެއްޓުން:
ﷲ ތަޢާލާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
އެގޮތުން އިސްރާ ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾
މާނައީ: "ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ! (26)"
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
މާނައީ: “ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ.”