ޢިބްރަތްތެރި ވާހަކަ: އެކަނި ގެންގުޅެ ބޮޑުކުރީމަ ލޯބިވެރިއެއްގެ ބަހަށް ހެއްލި މަންމަ ރޮއްވާފަ ދިއުމުން ކުރިއަނިޔާތަކުން ހަށިގަނޑު ގިރިގެން އެނބުރި މަންމަ ގާތަށް އަންނަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޢިބްރަތްތެރި ވާހަކަ: އެކަނި ގެންގުޅެ ބޮޑުކުރީމަ ލޯބިވެރިއެއްގެ ބަހަށް ހެއްލި މަންމަ ރޮއްވާފަ ދިއުމުން ކުރިއަނިޔާތަކުން ހަށިގަނޑު ގިރިގެން އެނބުރި މަންމަ ގާތަށް އަންނަންޖެހުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑަކީ އެކަނިމާއެކި ވަރަށް ބުރަ މަސައްކަތްކޮށްގެން އަންހެން ދަރިއަކު ބަލައި ބޮޑުކުރި މަންމައަކީމެވެ. ފިރިމީހާ ނިޔާވީ ދަރިފުޅުގެ ޢުމުރުން އެންމެ 3 އަހަރުގައެވެ. އެއިރު ކައިވެންޏަށް 6 އަހަރެވެ. ޢުމުރުން 28 އަހަރެވެ.  

ދިރިއުޅެމުން އައީ ޢާއިލާއާއިއެކުގައެވެ. ނަމަވެސް މައިންބަފައިންނަކީ ވަރަށް ފަޤީރުބައަކަށްވާތީ އެހީތެރިނުވެވުނީއެވެ. ދަރިފުޅަށް ކިޔަވައިދީ ބަލައިބޮޑުކުރީ ގޭގޭގައި ނޯކިރީކޮށްދީގެންނެވެ. ގޭގޭގައި މަސައްކަތްކުރަން ދެވުނީ މަންމަ ދަރިފުޅު ބަލައިދިނީތީއެވެ.  

އިތުރު ކައިވެންޏެއް ނުކުރަމެވެ. އަޅުގަނޑަކީ ފިރިއަކަށް ވަރަށް ބޮޑަށް ބޭނުންވާ އަންހެނަކު ނަމަވެސް ކައިވެނި ނުކުރީ ވެސް ހަމަ ދަރިފުޅަށްޓަކައެވެ. ކައިވެނިކޮށްފިނަމަ ދަރިފުޅަށް ދޭންޖެހޭ ލޯބި ނުދެވިދާނެތީއެވެ.  

ކޮންމެއަކަސް ދަރިފުޅު އޯލެވެލް ނިންމިތަނާހެން ފިރިހެން ކުއްޖަކު އޭނާގެ ފަހަތުން އަޅައިގެންފިއެވެ. އެކަމަކާހުރެ އިތުރަށް ނުވެސް ކިޔެވިއެވެ. ހުރިހާ ބުރައެއް އުފުލައި ގެންގުޅެ ބޮޑުކުރި މަންމަގެ ނަޞޭޙަތަށްވުރެ އޭނާއަށް މުހިންމުވީ ނުބައި ނަޞޭޙަތްދޭ އެކުވެރިންނެވެ.  

18 އަހަރު ކިރިޔާ ފުރުނުތަނުން ކައިވެނިކޮށްގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެއީ ގޯސްކަމަކަށްވީނަމަވެސް އެހިސާބުން އަޅުގަނޑު ދަރިފުޅު ހޯދާކަށް ނުދަމެވެ. އުޅޭގޮތެއްވެސް ނުބަލަމެވެ. ނަމަވެސް އޭނާއަށްޓަކައި ހެޔޮދުޢާކުރަމުން ގެންދިއައިމެވެ.  

މިހެން ބުނި ނަމަވެސް އެކަމާއި ދެރަވީވަރުން ރޮވި ކަރުނައެޅުވަރެއް ނުއެނގެއެވެ. ކާހިތް ނުވާތީ ކިރިޔާ ހައިހޫނުކަން ފިލާވަރަށް ކައިގެން ހުރެވުނީ ކިހައި ދުވަހަކުކަމެއް ބުނާކަށް ނުއެނގެއެވެ. ކިރިޔާވެސް ހިތްވަރެއް ލިބެނީ ދުޢާކުރެވުނު ވަރަކުންނެވެ.  

އެކަމުގެ ހިތާމައިގާ ހުއްޓައި ބައްދަލުވި އެކަނިވެރި ފިރިހެނަކު އެދުނު އެދުމަށް ކައިވެނިކުރީމެވެ. އެއީ ސިކުނޑިއަށް ހަމަޖެހުން ހޯދުމުގެ ބޭނުމުގައެވެ. މުސްކުޅިވާދުވަހު އެހީތެރިވެދޭނެ މީހަކަށް ބޭނުންވާތީއެވެ.  

ފިރިމީހާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ. އޭނާއަކީ މާލޭގައި ގެދޮރުވެސްހުރި މީހެކެވެ. އެހެންވެ ކައިވެނިކޮށްގެން ގެންދިއައީ އޭނާގެ ގެއަށެވެ. ދެމަފިރިން ދިރިއުޅެމުން ދިއައީ ހަމަ އުފަލުގައެވެ.  

ދަރިފުޅު ގެއިން ދިއަތާ 7 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެނބުރި އަޅުގަނޑު ގާތަށް ގެއަށް އައެވެ. ކުޑަކުޑަ ދެ ކުދިންވެސް ގޮވައިގެންނެވެ. ވީއުފަލުން ގެއަށް ވައްދައި އެއްފަހަޜާ ދެކުދިން އުނގަށް އެރުވީމެވެ. އަޅުގަނޑަށް ލިބުނު އުފަލުގައި ފިރިމީހާވެސް ބައިވެރިވިއެވެ.  

ދަރިފުޅު ރޮމުން ކިޔައިދިނެވެ. "ކައިވެންޏަށް އަހަރެއްހައިދުވަސްވެސް ނުވަނީސް ތަޅާ އަނިޔާކުރަން ފަށައިފިއެވެ. ވޭން އެޅިނަމަވެސް މަންމަ އާއިމެދު ކަންކަން ކުރެވުނު ގޮތުން ލަދުން މަންމަ ގާތަށް އަންނަން ނުކެރި މަޑުކުރީއެވެ. މަނަމް ގާތަށް އަޔަސް އޭނާގެ ނުބައިކަމުން ސަލާމަތް ނުވެވޭނެތީއާއިވެސް އެކުގައެވެ. ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރެއެވެ. ޑީލްވެސް ކުރެއެވެ. އެކަން އެނގުނީ ފުރަތަމަ ދަރިފުޅުވެސް ލިބުނު ފަހުންނެވެ. މިއަދު ލަދުކަނޑާލާފައި މަންމަ ގާތަށް މިއައީ ފިރިމީހާ ހައްޔަރުކޮށް 15 އަހަރުގެ ޖަލު ޙުކުމެއް އިއްވީމައެވެ. މަންމަ ގާތަށް އައިނަމަވެސް އުނދަގޫކުރަން އޭނާއަށް ނައުދެވޭނެ ގޮތް މެދުވެރިވީމައެވެ." 

އަޅުގަނޑު ދަރިފުޅުގެ ގައިގަ އަތްލީމެވެ. ތެޅިވަރުން އެއިރުވެސް ބައެއް ތަންތަން ހުރީ ގަނޑުލައިފައެވެ. އަނެއްބައި ތަންތަން ހުރީ ވެލާ ބިހެއްފަދައިން މަޑުވެފައެވެ. ހަށިގަނޑުވަނީ ގިރިފައެވެ.  

ވާހަކަތައް އަޑުއިވުމުން ފުރަތަމަ ވަރަށް ރުޅި އާދެވުނެވެ. ނަމަވެސް އަނިޔާ ލިބެމުން އައިވާހަކަ ބުނުމުން ކަމްދަރުދީ އުފެދި ފިރިމީހާގެ އިޒުނައާއެކު ދަރިފުޅަށް މަރުޙަބާކީމެވެ. އެ 3 މައިން ބަލަހައްޓާތާވެސް މިހާރު 5 އަހަރުވީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެންދަރިންނަށް ބުނެލަން އޮތީ މީހަކު ތިއަދަރިންދެކެ ކިތަންމެ ބޮޑަކަށް ލޯބިވާކަމަށް ބުނި ނަމަވެސް މައިންދޭ ނަޞޭޙަތުގައި ކޮޅުފައިން ނުޖަހާށެވެ. ޚާއްޞަކޮށް ބައްޕައަކާއި ނުލައި ތިއަކުދިން ބޮޑެތިކުރާ މައިންގެއެވެ. މައިމިހާއަށްވުރެ ދަރިން ދެކެ ލޯބިވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ވަކިން ޚާއްޞަކޮށް ކިޔެވުން ހުއްޓައިނުލާށެވެ. އެކަނިވެރިވާ ދުވަހު ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބޭނީ ވަޒީފާއެއް އަދާކުރެވޭވަރަށް ކިޔެވިފައިވާނަމައެވެ. ނުވަތަ އަމިއްލައަށް މަސައްކަތެއް ކުރެވޭނެ ވަރަށް މަސައްކަތެއް ދަސްވެފައިވާނަމައެވެ.  

- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން