ސުވަރުގެ ދާން ބޭނުންވާ މީހާއަށް ހުޅުވިފައިވާ މަގުތައް ވަރަށް ގިނައެވެ. ރޯދަ ހިފުމަކީވެސް އެއިގެ ތެރެއިން އެއް މަގެވެ. ވީމާ ލިބިފައިމިވާ ރަނުގެ ފުރުޞަތު ނަގައި ނުލާށެވެ. ރޯދަ ހިފައިގެން ހުންނަ ދުވަސްތަކާއި ރޯދަ ނުހިފާ ދުވަސްތައް އެމީހެއްގެ އަމަލުތަކުން ތަފާތުކުރަންވާނެއެވެ. ނޫން ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ރޯދަ ހިފުމަށްޓަކައި ރޯދައަށް ބަހައްޓަން ޖެހޭނީ ހަމައެކަނި ބަނޑެއް ނޫނެވެ. ހަމައެކަނި ބަނޑު ރޯދައަށް ބަހައްޓައިގެން ރޯދައެއް ނުހިފޭނެއެވެ. ރޯދަ ހިފަން ޖެހެނީ ހަމައެކަނި ބަނޑަކުން ނޫނެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންނެވެ.
ކަންފަތުން އަހާ އަޑުތަކާއި ލޮލުން ބަލާ މަންޒަރުތަކާއި ދުލުން ދައްކާ ވާހަކަތަކުންވެސް ރޯދަހިއްޕުވަން ޖެހެއެވެ. ރޯދައަށް ހުރެ ހަށިގަނޑުގެ އެއްވެސް ގުނަވަނަކުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެ އަމަލެއްވެސް ނުކުރާށެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްވެސް ރޯދަ ހިއްޕުވައިގެން ނޫނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގަ ރޯދައެއް ނުހިފޭނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރާނަމަ ބުރަ އުފުލަން ޖެހޭނެ އެވެ. އެކަމުގެ ލަކުނުތައް ހަށިގަނޑުގައިލާނެއެވެ. އަހަރެމެން ދުނިޔޭގައި މިހޭދަކުރާ ކޮންމެ ވަގުތުކޮޅަކީވެސް ހެޔޮ އަމަލެއް ނޫނީ ނުކުރަން ގަދައަޅައި މަސައްކަތްކުރާ ވަގުތުކޮޅަކަށް ހަދާށެވެ. އެންމެ ކުޑަމިނުން އާފުރިލާ ވަގުތުކޮޅުވެސްމެއެވެ. މާނައަކީ އެހައި ކުޑަ ވަގުތު ކޮޅެއްވެސް ބޭކާރުކޮށް ނުލާށެވެ.
މިއީ ކޮންމެ ރޯދަވެރިއަކުވެސް ވިސްނައިލުން ރަނގަޅު ބައެއް ކަންކަމެވެ. ރޯދައަށް ހުރުމަކީ ތަކުލީފެކެވެ. ރޯދަ ވެރިންނަށް ދެއްވަވާ ނިޢްމަތްތައް އެހައި ގިނަގުނަވެފައިވެފައި ދަރަޖަ މަތިވެރިވެގެންދަނީ ވެސް އެކަމުގެ ތަކްލީފް ބޮޑުކަމުންނެވެ. ވީމާ ރޯދައަށް ހުންނަ ކޮންމެ ވަގުތުކޮޅަކީވެސް ރޯދަ ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރާ ވަގުތުކޮޅަކަށް ހަދާށެވެ! ނަތީޖާ ފޮނިވާނެއެވެ. އިން ޝާ ﷲ!
--މުފްތީ މެންކުގެ ދަރުސަކުން