ދުނިޔޭގައި ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބިފައިވީނަމަވެސް އެމީހަކީ އުޑުތަކުގައި މަޝްހޫރު ކަމެއް ނެތް މީހަކުނަމަ ޤިޔާމަތް ދުވަހުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މަޙްޝަރުގެ މައިދާނުގައި ހުންނަންޖެހޭނީ ބީރައްޓެހި، ނިކަމެތި، އެކަނިވެރިއެއްގެ ގޮތުގައެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ދަރިންނާއިމެދު ފަޚުރުވެރިވާނެ މީހެކެވެ. އެހެންކަމަށްވާއިރު ތިބާވެސް ތިބާގެ ދަރިންނާއިމެދު ފަޚުރުވެރިވާނެއެވެ. އެހެންކަމުން ތިބާ އާއި ތިބާގެ ދަރިފުޅު ހިމެނެނީ މިތަނުން ކޮންބައެއްގައިކަން ނިކަން ބުނެބަލާށެވެ!
"އަހަރެންގެ ދަރިފުޅަކީ މިހާރު ވަރަށް މަޝްހޫރު މީހެކެވެ. ވަރަށް މުއްސަނދި މީހެކެވެ. އަތުގައި 2،3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވެސް އެބަހުއްޓެވެ. އޭނާ ލަވަކިޔާލެއް ރީތިކަމުން މިހާރުވެސް އެތައް ސަތޭކަ މިލިއަން ބައަކު އޭނާގެ ފޭނުންގެ ގޮތުގައި އެބަ ތިއްބެވެ." ބައްޕައަކު ފަޚުރުވެރިވެލާފައި ބުނެލިއެވެ.
"އަހަރެންގެ ދަރިފުޅަކީ އެހައި މަޝްހޫރު މީހެއް ނޫނެވެ. ފޭނުން ތިބޭ ވަރެއް ނުއެނގެއެވެ. އޭނާއަށް އެނގެނީ ދަރުސް ދޭށެވެ. އޭނާ ދިން ދަރުސްތަ އަޑުއަހާފައި މިހާރުވެސް ވަރަށް ގިނަ މީހުން އިސްލާމް ވެއްޖެއެވެ. އިސްލާމް ދީނާއިމެދު ޝައްކުތައް އުފެދިފައި ތިބި އެތައް ހާސްބައަކަށް ޙައްޤު މަގު އޮޅުން ފިލައިފިއެވެ." ޖަވާބުގައި ބުންޏެވެ.
އަދިވެސް ބުންޏެވެ. "އަހަރެން އުންމީދުކުރަނީ އަހަރެންގެ ދަރިފުޅަށްޓަކައި ވަރަށް ގިނަ މަލާއިކަތް ބޭކަލުން ހެޔޮ ދުޢާ ކުރައްވަވާނެ ކަމަށެވެ. އެއީ ކިތައް ބޭކަލުން ކަމެއް ނުއެނގެއެވެ."
މީސްތަކުންނޭވެ! ދުނިޔެ ދޫކޮށްފައިދާއިރު ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކޮންމެވެސް މީހަކަށް އިސްލާމް ދީނަށް ދައުވަތު ދިނުމެވެ. އެހެނީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމަކަށްވާތީއެވެ. ޣައިރުން މުސްލިމުން އަވަށްޓެރިންގެ ގޮތުގައި ތިބިނަމަ އެންމެ ކުޑަމިނުން އިސްލާމް ދީނާއިމެދު ޞައްޙަ މައުލޫމާތު ފޯރުކޮށްދެވޭނެ ލީފްލެޓެއް ފަދަ އެއްޗެއް ދިއްކޮށްލާށެވެ. އަދި ތިމާއަކީ މިކަންކަން ޤަބޫލުކޮށް އަމަލުކުރާ މީހަކު ކަމަށް ބުނެލާށެވެ.
މުސްލިމުންގެ ތެރެއިން އިސްލާމް ދީނާއި ދުރުހެލި މީހަކު އިސްލާމް ދީނާއި ކައިރި ކުރުވުމަކީވެސް ހަމަ އެހައިމެ ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަމެކެވެ. އެމީހެއްގެ ސަބަބުން މީހަކު އިޞްލާޙްވެ ހެޔޮ އަމަލުކުރަން ފަށައިފިނަމަ އެމީހަކު ކުރާ އަމަލުގެ ސަވާބުން އެއްވެސް އުނިވުމެއް ނެތި އެކަމަށް މަގުފަހިކޮށްދިން މީހަކަށް ސަވާބު ދެއްވަވާނެތެވެ. ވީއިރު މިއީ ކިހައި ބޮޑު ރަޙްމަތެއް އަދި ނިޢްމަތެއް ހެއްޔެވެ؟
މިގޮތުން ބަލައިފި ނަމަ އެކުވެރިންނަށް ނަމާދަށް ދައުވަތު ދިނުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ވަރަށް މަތިވެރި ކަމެކެވެ. އަދި މިނޫން ކަންކަން ވެސް ބައިވަރެވެ. އަހަރެން ދަންނަ ވިޔަފާރިވެރިއަކާ ބައްދަލުކުރަން ގިނަ ބައަކު އަބަދުވެސް ގުޅައެވެ. ހަމަ ގުޅާއިރަށް ބުނާނީ ޖެހިގެން އަންނަ ނަމާދުގެ ޖަމާއަތަށް މިސްކިތަށް އައުމަށެވެ. ކޮންމެހެން ވިޔަފާރިވެރިއަކަށް ނުވި ނަމަވެސް މިއީ ކުރެވިދާނެ ކަމެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.
އެއިރުން ޢާންމުކޮށް ނަމާދު ނުކުރާ މީހަކު ނަމަވެސް އެމީހަކާއި ބައްދަލުކުރަން ބޭނުން ނަމަ ޖެހޭނީ ނަމާދަށްދާށެވެ. އެގޮތުން ދާދިއުމެއްގެ ސަބަބުން ނަމަވެސް އެމީހެއްގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖެހިއްޖެ ނަމަ އެ ލިބުނީ ކިހައި ބޮޑު ފައިދާއެއް ހެއްޔެވެ؟
ދުނިޔޭގެ ވަރަށް މަޝްހޫރު މީހުންތައް ބައިވަރެވެ. އެމީހެއްގެ "ފޭނުން"ތައް ގިނަވެ މިލިއަން މިލިއަނުން ގުނައިލެވޭ އެތައް ހާސް ބައެކެވެ. އެމީހުންނަށް ލިބިފައިވާ ތަނަވަސްކަންވެސް ހަމަ އެހައިމެ ބޮޑެވެ. ސުވާލަކީ އެއީ އެއްވެސް ބައެއްކަން މަލާއިކަތުން ދެނެވަޑައިގަންނަވާ ހެއްޔެވެ؟
ހަމަ އެއާއިއެކު ދުނިޔޭގެ އެއްވެސް މީހަކު ނުވެސް ދަންނަ އެތައް ހާސް ބައަކު މަލާއިކަތްބޭކަލުން ވަރަށް ގާތުން ދެނެވަޑައިގަންނަވައެވެ. އެމީހުންނަށްޓަކައި މަލާއިކަތްބޭކަލުން ހެޔޮ ދުޢާ ކުރައްވަވަތެވެ. އަދި އެމީހުން ނަރަކައިން ސަލާމަތް ކޮށްދެއްވެވުމަށާއި އެމީހުންނަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ތަކުރާރުކޮށް ދަންނަވަމުން ގެންދަވަތެވެ.
މީސްތަކުންނޭވެ! މަސައްކަތް ކުރަންވީ ތިމާއަކީ މިދުނިޔޭގައި މަޝްހޫރު މީހަކަށް ވުމަކަށް ނޫނެވެ. އަދި ތިމާގެ އަނބިދަރިންނަކީވެސް މިދުނިޔޭގައި މަޝްހޫރު ބައަކަށް ހެދުމަކަށް ނޫނެވެ. މަސައްކަތް ކުރަންވީ ތިމާ އާއި ތިމާގެ އަނބިދަރިންނަކީ އުޑުތަކުގައި މަޝްހޫރު ބައަކަށް ހެދުމަށެވެ. މަލާއިކަތްބޭކަލުންގެ ހެޔޮ ދުޢާ ލިބޭ ބައަކަށް ހެދުމަށެވެ.
ދުނިޔޭގައި ކިތަންމެ ބޮޑު މުއްސަނދި ކަމަކާއި މަޝްހޫރުކަމެއް ލިބުނު ނަމަވެސް އާޚިރަތް ދުވަހު ނަރަކައަށް ދާންޖެހޭ މީހެއް ކަމުގައި ވެވިއްޖެ ނަމަ ދުނިޔޭގައި ލިބުނު މަޝްހޫރުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން