ދުޢާ ކުރާއިރު ދުނިޔޭގަ ތިބި މީހުންނާ މަރުވެ ގޮސްފައިވާ އެންމެންވެސް ހިމަނައިގެން އެންމެންގެ މައްޗަށް ހެޔޮ ދުޢާކުރުން- ރަމަޟާން މަހު ސަމާލުކަން އިތުރުކުރަންޖެހޭނެ ފައިދާ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދުޢާ ކުރާއިރު ދުނިޔޭގަ ތިބި މީހުންނާ މަރުވެ ގޮސްފައިވާ އެންމެންވެސް ހިމަނައިގެން އެންމެންގެ މައްޗަށް ހެޔޮ ދުޢާކުރުން- ރަމަޟާން މަހު ސަމާލުކަން އިތުރުކުރަންޖެހޭނެ ފައިދާ ބޮޑު ކަމެއް!

އަހަރެމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި އާއި ފާފަ ފުއްސެވުން އެދި ދުޢާކުރާއިރު އެހެން މީހުންގެ މައްޗަށްވެސް ހަމަ އެފަދައިން ދުޢާކުރަން ވާނެއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށް ކުރާ މަސައްކަތުގައި މިކަމަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުކުރަން ވާނެއެވެ.

އެންމެ ދީލަތިވަންތަކަން ބޮޑު ގޮތެއްގައި ﷲ ތަޢާލާ މީސްތަކުންނަށް މަޢާފްކުރައްވަވައި ނަރަކައިން ސަލާމަތް ކުރައްވަވަނީ ރަމަޟާން މަހުގައެވެ. އެންމެ ގިނަ ބައެއްގެ ފާފަތައް ފުއްސަވައި ދެއްވަވަނީ ރަމަޟާން މަހުގައެވެ. އެހެންކަމުން އަހަރެމެން މުސްލިމުންވެސް ތިބެންވާނީ މަޢާފްކުރާ ބައެއްގެ ގޮތުގައެވެ. އެހެން މީހުންގެ މައްޗަސްވެސް ހެޔޮ ދުޢާ ކުރާ ބައެއްގެ ގޮތުގައެވެ.

މިސާލަކަށް ބުނާނަމަ ރަމަޟާން މަހު އަހަރެމެން އެންމެ ގިނައިން ދުޢާ ކުރާނީ އަހަރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. ނަމަވެސް އަހަރެމެން އެހެން މީހުންނަށް މަޢާފްކޮށް ހެޔޮ ދުޢާ ނުކުރީމާ ކަމަކު ނުދޭ ނޫންހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭއިރު އަހަރެމެންނަކީ މީސްތަކުންނަށް މަޢާފްކުރާ ބައަކަށްވާން އެބަ ޖެހެއެވެ. އެހެން މީހުންނަށް ވެސް ހެޔޮ ދުޢާކުރާ ބައަކަށް ވެސް ވާން އެބަޖެހެއެވެ.

އިސްލާމް ކަމުގެ ފުރަތަމަ ރުކުނަކީ އީމާންކަމެވެ. އީމާންކަން ފުރިހަމަވަނީ ތިމާއަށް އެދޭ އެންމެހައިކަންކަން އެހެން މީހުންނަށްވެސް ލިބުން އެދިގެންނެވެ. މިއީ އެންމެން ވެސް ދަންނަ އެންމެ އަސާސީ އެއް ކަންތަކެވެ. ނަމަވެސް އަމަލުކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެވިފައިވާ ކަމެކެވެ.

ވީމާ އަހަރެންގެ ނަޞޭޙަތަކީ ކޮންމެ މުސްލިމަކުވެސް ދުޢާ ކުރާއިރު އެންމެންގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. ދުނިޔޭގައި ތިބި މީހުންނާއި މަރުވެ ގޮސްފައިވާ އެންމެންވެސް ހިމަނައިގެންނެވެ. ޚާއްޞަކޮށް އެމީހެއްގެ މައިން ބަފައިންނާއި ޢާއިލާގެ މީހުންގެ މައްޗަށް ހެޔޮ ދުޢާކުރަންވާނެއެވެ. އެއިން މީހަކު މަރުވެފައިވާނަމަ ހެޔޮ ދުޢާކުރުން އިތުރުކުރަންވާނެއެވެ. އެހެނީ އެމީހަކު މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތް ވެފައެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި އެމީހަކަށް އަމިއްލައަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން