އެކި މީހުންނަށް ހުންނާނީ އެކި މައްސަލަތަކެވެ. އެކި މިންވަރަށެވެ. ދިރިއުޅުމުގައި ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައި ނުވާ މީހަކު ހުންނާނެ ކަމަށް ބުނަން އުނދަގުލެވެ. ކިތަންމެ ކުޑަނަމަވެސް އަދި ބޮޑު ނަމަވެސް އެއްވެސް ބާވަތެއްގެ މައްސަލައެއް އެއްވެސް މިންވަރަކަށް ކުރިމަތިވެއްޖެނަމަ އެކަމަކަށް ޙައްލު ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ﷲ ތައާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭނީ ފަރުޟު ނަމާދަށް ރައްކައުތެރިވާ މީހާއަށެވެ. ބަންގިއަށް ވަގުތުން އިޖާބަދޭ މީހުންނަށެވެ. ފަރުޟު ނަމާދަށް އިސްކަންދޭ މީހާގެ އެހެން އަމަލުތައްވެސް ދާނީ ފުރިހަމަވަމުންނެވެ.
ނަމާދު ބަރާބަރަށް ކުރާމީހާ ކީރިތި ޤްރުއާން ކިޔަވާ ހިތްވާނެއެވެ. މިސްކިތުގައި މަޑުކޮށްލަން ބޭނުންވާނެއެވެ. އަދި ތަނަވަސްކަން ހުރި ނަމަ ޞަދަޤާތް ކުރަން ވެސް ބޭނުންވާނެއެވެ. އެހެނިހެން ހެޔޮ އަމަލުތައް ކުރުން ވެސް އިތުރުކުރަން ބޭނުންވާނެއެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް ނަމާދުތަކަށް ސަމާލުކަން ދިނުން އިތުރުކުރަން މަސައްކަތްކުރާށެވެ! ތަފާތު ފެންނާނެއެވެ! ތަޖުރިބާކޮށްލާށެވެ!
ރަމަޟާން މަސް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއްކަމަކީ ތިމާ ކުރާ ހެޔޮ އަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ މަގުން ކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް އަމަލެއް ނުކުރުމެވެ. ﷲ ތައާލާގެ އޯގާތެރިވަންތަކަން ހިތް މައްޗަށް ގެނެވޭނީ އެއިރުންނެވެ. ތިމާ މިކުރާ އަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެނެސް އަބަދުވެސް އެކަމަށް ބިރުން ހުންނަ މީހަކަށް ހުރިހާ ކަމެއްވެސް ކުރެވޭނީ ހަމަ އެންމެ ފުރިހަމައަށެވެ.
ރަމަޟާން މަސް އައުމުން ކޮންމެ މުސްލިމަކު ވެސް އެންމެ ބޮޑަށް ބޭނުންވާނީ ރަމަޟާން މަހަކީ އެމީހަކަށް ކާމިޔާބު މަހަކަށް ހެދުމަށެވެ. އަދި އެކަމަށްޓަކައި ގިނަ ބައަކު ވަރަށް ގިނަ މަސައްކަތްތައް ވެސް ކުރެއެވެ. އެއް ބައަކު މަސް ފެށުމާއިއެކު ވަރަށް ވަރުގަދަ އަޒުމުގައި ގަދައަޅައި މަސައްކަތްކުރެއެވެ. ނަމަވެސް އަނެއް ބައަކު މަސައްކަތް ކުރަނީ އެހައި ބޮޑު ޔަޤީން ކަމަކާއިއެކުގައެއް ނޫނެވެ. ރަމަޟާން މަސް ބައްދަލުކުރުމުން ކޮންމެވެސް އުންމީދެއްގައި މަސައްކަތްކުރަނީއެވެ.
ދެން ވިސްނައިލަންވީ މިހައި ބޮޑު ތަފާތެއް މިއަންނަ ސަބަބަށެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރަމަޟާން މަހަށް އެމީހާ ވެފައިވާ ތައްޔާރީއެވެ. އެމީހާ ހުރީ ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް ވެއްޖެނަމަ އެމީހާ ރަމަޟާން މަހާއި ކުރިމަތިލާނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކުގައެވެ. އެމީހާގެ ހިތުގައި އޮންނާނީ ކޮންމެ ގޮތަކުން ނަމަވެސް ރަމަޟާން މަސް ކާމިޔާބުކުރުމުގެ ޢަޒުމެވެ.
ރަމަޟާން މަސް އައުމުން ގިނަ ބައަކު ޖަމާއަތުގައި ނަމާދުކުރާކަން ފާހަގަ ކުރެވޭނެއެވެ. އެއިގެ ތެރެއިން ގިނަ މީހުންނަކީ ކުރިން މިބުނި އަޒުމުގައި މަސައްކަތްކުރާ މީހުންނެވެ. ބަންގީގެ އަޑު އިވުމުން އެމީހުން މިސްކިތަށް ދިއުމަށް އަވަސްވެގަންނާނެއެވެ. އެހެނީ ހިފާ ރޯދަ ކާމިޔާބު ކުރެވުން ވެސް އަދި އެހެނިހެން އަޅުކަންކުރުންވެސް ގުޅިފައި ވަނީ ނަމާދާއިކަމަށްވާތީއެވެ. ނަމާދަށް ސަމާލުކަން ނުދީ އެހެން އެއްވެސް އަޅުކަމެއް ކާމިޔާބު ނުކުރެވޭނެތީއެވެ.
އަނެއް ބައަކު ހަމަ މި ރަމަޟާން މަހުގައިވެސް ނަމާދަށް އެވަރަށް ސަމާލުކަމެއް ނުދެއެވެ. ފަހުން ކޮށްލަން އެބަ މަޑުކުރެއެވެ. ދެ ނަމާދު އެއްކޮށްލަން ބޭނުންވެއެވެ. އެކަމުން އެނގިގެންދަނީ އެމީހަކަށް އެހުރީ ރަމަޟާން މަހާއިމެދު ވަރަށް ބޮޑަށް އިހްމާލުވެވިފައި ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން