މަލާއިކަތުންނަށް އުނދަގޫވާގޮތަށް ނަމާދުކުރުން- ގިނަ ބައަކަށް އިހްމާލްވެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މަލާއިކަތުންނަށް އުނދަގޫވާގޮތަށް ނަމާދުކުރުން- ގިނަ ބައަކަށް އިހްމާލްވެވޭ ކަމެއް!

އަބަދުހެން މިވާހަކަ ދައްކާއިއރުވެސް މި ރަމަޟާން މަހުގައިވެސް މަޣްރިބް ނަމާދަށް މިސްކިތަށްދާ ބައެއް މީހުން، ބަންގިގޮވަން ފެށުމާއިއެކު ކުރާ ކަމަކީ މަގުމަތީގައި ތިބެގެން ސިގިރޭޓެއް ރޯކުރުމެވެ. އެއިރު ތިބެނީ ވުޟޫވެސްކޮށްގެންނެވެ. ސިގިރޭޓްބޯން ހަދައިގެން އިހު ސުންނަތް ނުކުރެވޭ ބައަކުވެސް އުޅެއެވެ. 

ވުޟޫކޮށްގެން ތިބޭތީ ބައެއް މީހުން މިސްކިތަށް އަރަނީ އަނގަވެސް ދޮވެނުލައެވެ. އަރައި ހަރަމްބަނދެ ކިޔަވަން އަނގަހުޅުވުމުން ނުކުންނަ ނުބައިވަހުން ކައިރީގައި ތިބޭ މީހުންނަށް ހޮޑުނުލެވެނީވެސް ހަމަކިރިޔާއެވެ. 

ވީމާ ހަނދުމަކޮށްދިނުމުގެ ގޮތުން މިގެނެސްދެނީ މިކަމާއި ގުޅިގެން މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

ސިގިރެޓް ބޯ މީހުން މަލާއިކަތުންނަށް އުނދަގޫކުރެއެވެ! 

ބައެއް މީހުން ދީނީ ޢިލްމުވެރިން ފެނުމުން ބޯންތިބޭ ސިގިރޭޓް ބިންމައްޗަށް ވައްޓައިލައެވެ. ކިތަންމެ ގިނައިން ސިގިރޭޓްބޯ މީހަކު ނަމަވެސް ޙައްޖަށް ގޮސް ޙަރަމްފުޅުގައި ވަގުތުތައް ހޭދަކުރާއިރު އަދި މިސްކިތުގައި ވަގުތުތައް ހޭދަކުރާއިރު ސިގިރޭޓެއް ނުބޮއެވެ. ބޯން ބޭނުމެއްވެސް ނުވެއެވެ. ވީއިރު އެނޫން ތަންތަނުގައި ސިގިރޭޓް ބޮނީ ކީއްވެގެން ހެއްޔެވެ؟ 

ޖަވާބުގައި ބައެއް މީހުން ބުނެފާނެއެވެ. އެއީ އެހެން މީހުންނަށް އުނދަގޫވެދާނެތީއެވެ. އެހެންކަމަށްވާނަމަ މިކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟ 

މީސްތަކުންނަށް އުނދަގޫވާ ކަންކަން ކުރުމުން މަލާއިކަތުންނަށް އުނދަގޫވެއެވެ. ވީއިރު އަބަދުވެސް ތިމާގެ ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވާއިރު އެބޭކަލުންނަށް އުނދަގޫކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ މުސްލިމުން ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟ 

މުފްތީ މެންކް ވަނީ ސިގިރެޓްބޯ މީހުންނާއި ކައިވެނިނުކުރަންވެސް އިލްތިމާސްކުރައްވައިފައެވެ. "ކޮންމެ ސިގިރެޓްފޮށްޓެއްގެ ބޭރުގަވެސް ލިޔެފަ އެބައޮވޭ- ދުންފަތުގެ އިސްތިޢްމާލްކުރުމަކީ ފުރާނައަށް ގެއްލުން ހުރި ކަމެއް ކަމަށް! އެހެން އެލިޔަނީ ދީނީ ޢިލްމުވެރިން ވިދާޅުވެގެނެއް ނޫން. އެޤައުމުތަކުގެ ސަރުކާރުން އަންގައިގެން. ދީނީ ގޮތުން ޙަރާމްކަމެއްގެ އިތުރުން ސަރުކާރުތަކުންވެސް މަނާކުރާ މީހުންނާއި ކައިވެނިކުރާކަށް ނުވާނެ! އެއީ ހެދޭ ވަރަށް ބޮޑު ގޯހެއް!" ކަމަށް މުފްތީ މެންކް ވަނީ ވިދާލުވެފައެވެ. 

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނައިލުން މުހިންމު ކަމެކެވެ. ސިގިރެޓް ބުއިން ފަދަ ކަންކަން ކުރާ މީހުންނަށް އެކަންކަން ކުރުން ހުއްޓައިލަން އެންމެ ފަސޭހަވާނީ އެމީހަކު އަމިއްލައަށް އެއީ ރަނގަޅު ނޫން ކަމެއްކަން ވިސްނި ހުޓާލަން މަސައްކަތްކުރުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން