މުސްލިމް އަޚުންނޭވެ! ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެން ވާ މައްސަރެކެވެ. މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވެއެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރެވެ. އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހެވެ. އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ "يَوْمُ الْفُرْقَان" އެވެ. މި ޙާދިޘާއާ ބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައިވެއެވެ. ---- މާނައީ: "އެކަލާނގެ حَضْرَةُ ން އައި أَمَانْ ކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طَاهِرُ ކުރެއްވުމަށާއި، شَيْطَان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ مَلَائِكَةُ ންނަށް وَحِى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބޭކަލުންނާ އެކުގައެވެ. ފަހެ، إِيْـمَان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كَافِرُ ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބޭކަލުން (ކަނޑިން) ޖައްސަވާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖައްސަވާށެވެ!"
މުސްލިމް އަޚުންނޭވެ! މި ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅެވެ. މާތް ނަބިއްޔާ z އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވިއެވެ. މި ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބުކުރެއްވި ވަގުތު، އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެން ހުންނެވި ތަން ފެނިވަޑައިގެން "އޭ ސަވާދެވެ! ސަފުތެރެއަށް ވަދެވަޑައިގަންނަވާށެވެ." މިހެން ޙަދީޘް ކުރައްވައި ސަވާދުގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައިއޮތް ބޮންތިކޮޅުން ޖެއްސެވިއެވެ. އެހިނދު ސަވާދު ދެންނެވިއެވެ. "އޭ اللهُ ގެ ރަސޫލާއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އެހެންވީމާ އެކަމުގެ ޤިޞާޞް ނުހިއްޕަވައި ދޫނުކުރައްވާހުށީމެވެ." އެހިނދު ރަސޫލު الله z ވަރަށް ތަވާޟުޢުވެރިކަމާއެކު ބަނޑުފުޅު ކަޝްފުކުރައްވައި ޤިޞާޞް ހިފުމަށް ސަވާދު އަރިހު އެދިވަޑައިގެންނެވިއެވެ. ދެން ސަވާދު އެކަލޭގެފާނުގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. ރަސޫލު الله z ސަވާދާ ސުވާލުކުރެއްވިއެވެ. ތިޔަ ހެއްދެވީ ކިހިނެއްހެއްޔެވެ؟ ސަވާދު ދެންނެވިއެވެ. "މާތް اللهُ ގެ ރަސޫލާއެވެ! އަޅުގަނޑުމެން މިތިބަ ޙާލު ދެނެވަޑައިގަންނަވަމު ނޫންތޯއެވެ! މިދުނިޔޭގެ އެންމެ ފަހު ކަމަކަށް އަޅުގަނޑު އެދެމުން އައީ ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގައި ބޮސްދީ ކަލޭގެފާނުގެ ހަށިކޮޅުގައި އަޅުގަނޑު ބީހުމެވެ. ދެން އެކަލޭގެފާނު ސަވާދަށްޓަކައި ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި ސަފުގައި އެއްވަރުވެ ހުރުމަށް އެންގެވިއެވެ."