މުސްލިމް އަޚުންނޭވެ! މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅެވެ. ރަސޫލު الله z ގެ މައްޗަށް ވަޙީ ބާވައިލައްވަމުން ދިޔަ އިރުވެސް، އެކަލޭގެފާނު ދެއްކެވި ނަމޫނާ އަކީ، އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަންކުރައްވާ ބޭކަލެއް ނޫންކަމެވެ. މީސްތަކުންނަށް ޢަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނެވެ. މި ހަނގުރާމަޔަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނު ވަރަށް ފުރިހަމައަށް ވާހަކަފުޅު ދެއްކެވިއެވެ. ޢުމަރުގެފާނު ހަމަ އެފަދައިން ޚިޔާލު ހުށައެޅުއްވިއެވެ. اَلْمِقْدَادُ بْنُ عَمْرو ތެދުވެވަޑައިގެން ދެންނެވިއެވެ. މާތް اللهُ ގެ ރަސޫލާއެވެ! މާތް اللهُ އަމުރުކުރެއްވި ގޮތަކަށް ކުރިއަށް ވަޑައިގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނާއެކު ކޮންމެ ޙާލަތެއްގައިވެސް ހަނގުރާމަ ކުރާށެވެ. ބަނީ އިސްރާއީލު މީހުން މޫސާގެފާނަށް ދެންނެވި ﮋﭛ ﭜ ﭝ ﭞ ﭟ ﭠ ﭡﮊ މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ." މިފަދައިން އަޅުގަނޑުމެން ނުދަންނަވާނަމެވެ. އަޅުގަނޑުމެން ދަންނަވާނީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާއި، ކަލޭގެފާނާއި އެކު އަޅުގަނޑުމެން މިތިބީ ހަނގުރާމަ ކުރާށެވެ! މިފަދައިންނެވެ.
މުސްލިމް އަޚުންނޭވެ! މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަމެވެ. ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާ އަޚުން އަޚުންނާ، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ، ހަނގުރާމަ ކުރިއެވެ. މިވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައި މާތް ﷲ وَحِى ކުރައްވާފައި ވެއެވެ. --- މާނައީ: "الله އަށާއި، آخِرَة ދުވަހަށް إِيْـمَان ވާ މީހުންނީ، الله އާއި، އެކަލާނގެ رَسُوْل އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أَخُ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إِيْـمَان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حَضْرَةُ ން ލިބިފައިވާ رُوْح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللهُ އެއުރެންނަށް ރުއްސަވާވޮޑިގެންވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللهُ ގެ جَـمَاعَة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللهُ ގެ جَـمَاعَةُ ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."
މުސްލިމް އަޚުންނޭވެ! ނިކަން ވިސްނާށެވެ! މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުއްޓެވެ. ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި ޢަޒުމުގެ ވަރުގަދަކަން ނިކަން ދެކޭށެވެ! ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން ޢިބުރަތް ލިބިގަންނާށެވެ! މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެކެވެ! "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުމެވެ."
މުސްލިމް އަޚުންނޭވެ! މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަޙަކުރެއްވުމުގެ ކާމިޔާބީއެވެ. މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެވެ. ނަމަވެސް މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަޞްޙާބު ބޭކަލުންނާއިގެންނެވެ! މި މަތިވެރި ކާމިޔާބީ ލިބިވަޑައިގަތުމަށްފަހު، މައްކާގެ ރައްޔިތުން އެއްކުރައްވައި ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ހީކުރަނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ދޭތެރޭ ކޮން ގޮތަކަށް ޢަމަލުކުރައްވާނެ ކަމަށް ހެއްޔެވެ؟" އެބައިމީހުން ދެންނެވޫއެވެ. "ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ! ކަލޭގެފާނަކީ ދީލަތި އަޚެއްގެ ދީލަތި ދަރިކަލަކީމުއެވެ." އެހިނދު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ދާށެވެ! ތިޔަބައިމީހުންނީ މިނިވަނުންނެވެ!" އެކަލޭގެފާނާ މެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިމެ، އެބައިމީހުންނަށް މަޢާފު ކުރެއްވީއެވެ. އެކަލޭގެފާނަކީ އޯގާވެރިކަމާއި ހިތްޕުޅު ތިރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ.
މުސްލިމް އަޚުންނޭވެ! މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުޞަތެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑެވެ. އެރެޔާބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައި ވެއެވެ. ﮋ ﭝ ﭞ ﭟ ﭠ ﭡ ﭢ ﮊ މާނައީ: "لَيْلَةُ الْقَدْرِ ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ. މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވާށެވެ! ރަސޫލު الله z ޙަދީޘް ކުރައްވާފައި ވެއެވެ. (تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ) މާނައީ: "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަންނާށެވެ!"
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިމައްސަރުގައި މާތް اللهُ ލައްވަވާފައިވާ ކާމިޔާބީތަކުން ފިލާވަޅާއި ޢިބުރަތް ލިބިގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި ރަމަޟާންމަހުގައި ލައްވަވާފައިވާ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރުމުގެ ހީވާގިކަމާއި ހިތްވަރު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!