ރަވާތިބް ސުންނަތްކުރާ ވަގުތު ވުޟޫކޮށްގެން މިސްކިތަށް އަރާމީހާއަށް 3 ނަމާދަކަށް ނިޔަތްގަނެގެން ސުންނަތުގެ 2 ރަކްޢަތް ކުރެވޭނެ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 5ސ
ރަވާތިބް ސުންނަތްކުރާ ވަގުތު ވުޟޫކޮށްގެން މިސްކިތަށް އަރާމީހާއަށް 3 ނަމާދަކަށް ނިޔަތްގަނެގެން ސުންނަތުގެ 2 ރަކްޢަތް ކުރެވޭނެ!: ޝައިޚް ޝާފިޢު

މިސްކިތަށް ނަމާދަށް ދާ މީހާއަށް ސުންނަތް ވެގެންވާ ގޮތަކީ، ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުމެވެ. ގިނަ ޙަދީޘްތައް ހުރީ މިކަމަށް ބާރު އަޅުއްވާފައެވެ. ގެއިން ވުޟޫކޮށްގެން މިސްކިތަށް ދާ މީހާ، ނަމާދުގެ ވަޤުތުގެ ކުރިން މިސްކިތަށް ދެވުނު ނަމަ އެންމެ ރަނގަޅު ގޮތަކީ އެންމެ ފުރަތަމަ މަސްޖިދު ސުންނަތުގެ ދެ ރަކްޢަތް ކުރުމެވެ. އޭނާ ބޭނުންނަމަ މި މަސްޖިދު ސުންނަތް ކުރާއިރު ވުޟޫގެ ދެ ރަކްޢަތާ އެއްކޮށް ނިޔަތް ގަނެވިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

(إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ ) {رواه البخاري (1167) ومسلم (714)} .

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ، އިށިއިނުމުގެ ކުރިން ދެރަކްޢަތް ކުރާހުށިކަމެވެ." އޭގެ ފަހުގައި އޭނާ މިސްކިތުގައި އިށިއިންނާނީ އެވެ. ދެން ބަންގި ގޮވައިފިނަމަ ބަންގިއަށް އިޖާބަ ދިނުމަށްފަހު، ރަވާތިބު ސުންނަތް ކުރާނީއެވެ. 

ގެއިން ވުޟޫނުކޮށް، މިސްކިތަށް ދިޔަ މީހާ، މިސްކިތުން ވުޟޫކުރުމަށްފަހު މިސްކިތަށް ވަދެ، ފުރަތަމަ ކުރާނީ ވުޟޫގެ ދެރަކްޢަތް ތޯ ނުވަތަ މަސްޖިދު ސުންނަތް ތޯ؟ 

މި ޙާލަތުގައި އެ ދެކަމަށް ނިޔަތް ގަތުމަށްފަހު އެންމެ ނަމާދެއްކޮށްލުމުން (ދެ ރަކްޢަތުގެ އެންމެ ނަމާދެއް ކޮށްލުމުން) ފުދޭނެއެވެ. ދެ ރަކްޢަތް ކުރާއިރު ނިޔަތް ގަންނާނީ ވުޟޫގެ ދެރަކްޢަތް އަދި މަސްޖިދު ސުންނަތުގެ ދެ ރަކްޢަތް ﷲ ގެ ވަޖުހަފުޅު އަދައިގެން ކުރަން ކަމަށެވެ. 

ވުޟޫގެ ދެ ރަކްޢަތަކީ އެއީ ވަކި ޚާއްޞަ މަޤްޞަދަކަށްޓަކާ ކުރަން އޮންނަ ދެ ރަކްޢަތެއް ނޫނެވެ. އޭގެ މަޤްޞަދަކީ ވުޟޫގެ ފަހުން ނަމާދެއް ކުރުމެވެ. އެހެންކަމުން، މިސާލަކަށް ފަރުޟު ނަމާދަކަށް ވުޟޫކުރާ މީހާ، ވުޟޫ ކުރާ ތަނުން ފަރުޟު ނަމާދު ކުރާނަމަ، ވުޟޫގެ ދެ ރަކްޢަތޭ ކިޔާފައި ވަކި ޚާއްޞަ ދެރަކްޢަތް ކުރާކަށް ނުޖެހޭނެއެވެ.

ސީދާ މަޤްޞަދަކާ ގުޅިފައިނުވާ ސުންނަތް ރަކްޢަތްތައް، އެއީ އެއް ބާވަތެއްގެ ނަމާދުތައް ކަމުގައިވާތީ، އެބާވަތުގެ ނަމާދު ތަކުގައި ނިޔަތް ޖަމްޢުކުރެވޭނެއެވެ. މިސާލަކަށް، ވުޟޫކޮށްގެން މިސްކިތަށް އަރާ މީހާ، މިސްކިތަށް އެރި ވަޤުތަކީ ރަވާތިބު ސުންނަތް ކުރާ ވަޤުތެއްނަމަ، ވުޟޫކޮށްގެން މިސްކިތަށް އެރުމަށްފަހު، ދެ ރަކްޢަތް ކުރާއިރު ނިޔަތުގައި، ވުޟޫގެ ދެ ރަކްޢަތާއި، މިސްކިތު ސުންނަތާއި ރަވާތިބު ސުންނަތް މި ތިންކަންތައް އެއްކޮށް ހިތަށް އެރުވުމުން ފުދޭނެއެވެ. 

އޭރުން މި ތިން ނިޔަތްވެސް ހަމައެކަނި ދެ ރަކްޢަތުން ފުދޭނެއެވެ. އެދެ ރަކްޢަތުގެ ނަމާދުން، އޭނާއަށް ވުޟޫގެ ދެ ރަކްޢަތުގެ ސަވާބާއި، މިސްކިތު ސުންނަތުގެ ދެރަކްޢަތުގެ ސަވާބާއި ރަވާތިބު ސުންނަތުގެ ސަވާބު ލިބޭނެއެވެ.

ތަޙިއްޔަތުލް މަސްޖިދު ނުވަތަ މިސްކިތު ސުންނަތުގެ ދެ ރަކްޢަތަކީވެސް ސީދާ މަޤްޞަދާ ގުޅިފައިނުވާ ސުންނަތް ނަމާދެކެވެ. غير مقصودة لذاتها ( prayers that are not intended for their own sake.) އެހެންކަމުން، ނަމާދު ވަޤުތެއްގައި މިސްކިތަށް ވަދެ ޖަމާޢަތުގެ ނަމާދުގައި ބައިވެރިވާ މީހާ، އެމީހާ އެ ނަމާދުގައި ބައިވެރިވުމުން އެމީހާއަށް މިސްކިތު ސުންނަތްވެސް ކުރެވުނީއެވެ. އަދި ބަންގިގޮވާފަހުން މިސްކިތަށް ވަދެވޭ މީހާ، ރަވާތިބު ސުންނަތް ކުރުމުން، މިސްކިތު ސުންނަތްވެސް ކުރެވުނީއެވެ. ނަމާދެއް ކުރަން ވެފައި އޮއްވާ، ވަކިން ޚާއްޞަކޮށް ވަކި ދެ ރަކްޢަތް ސީދާ ތަޙިއްޔަތުލް މަސްޖިދޭ ކިޔާފައި ކުރާކަށް ނުޖެހޭނެއެވެ. ނަމާދެއް ކައިރިވެފައިނުވާނަމަ، ވަކީން ދެ ރަކްޢަތް ތަޙިއްޔަތުލް މަސްޖިދުގެ ގޮތުގައި ކޮށްލާފައި އިށިއިންނާނީއެވެ.  

(ބައްލަވާ: ” العقد الثمين ” (ص161 للشيخ خالد المشيقح)
ވީމާ މިސްކިތަށް ވުޟޫކޮށްގެން އަރާފައި، ވުޟޫގެ ދެ ރަކްޢަތާއި ތަޙިއްޔަތުލް މަސްޖިދާއި ރަވާތިބު ސުންނަތް މި ތިން ކަންތަކަށް އެއްކޮށް ނިޔަތް ގަނެ ދެ ރަކްޢަތް ކުރުމުން ފުދޭނެއެވެ. ވަކިވަކިން މި ތިން ނަމާދު ކުރާކަށް ނުޖެހޭނެއެވެ. 

މަރްޖިޢު
https://islamqa.info/ar/answers/220914

 

މިއަދު އޮންލައިން