މިއީ އެންމެންވެސް އަޅުކަމާއިގެން އެންމެ ފޯރީގައި ތިބި ދުވަސްވަރުކަމަށްވާތީ ޝައިޚުގެ ބަސްފުޅަށް ފެށުމުގެ ކުރިން ކުޑަކުޑަ ބަހެއް ބުނެލާނަމެވެ! ޝައިޚް އެވިދާޅުވާ ކަންތަކަށް ކުރިން ސަމާލުކަން ނުދެވި ތިބި މީހުންވެސް އަވަހަށް އެކަމަށް ކުރިމަތިލާށެވެ! ހިތްވަރުކޮށްލާށެވެ! ސުވަރުގެއަކީ ޖާގަފުރިގެން އިންތިޒާރުކުރަންޖެހޭނެ ތަނެއް ނޫނެވެ.
ގަނޑުވަރު ލިބެން ކުރަން އޮތް ހަމައެކަނި ކަމަކީ މަސައްކަތްކޮށްގެން ޝަރުޠު ހަމަކުރުމެވެ. ޝަރުޠު ހަމަކުރެވިއްޖެނަމަ ގަނޑުވަރު ޔަޤީނެވެ. އެކަމަށް ބޭނުންވާ ފޯމަކީ ތިބާ ކުޅަ ޢަމަލުތަކުގެ ފަތެވެ. އެހެން ލިޔެކިޔުމެއް އައިޑީކާޑެއް އަދި އީފާހެއްވެސް ބޭނުމެއް ނުވާނެއެވެ. އެދުވަހުގެ އީފާހަކީ ﷲ ތަޢާލާގެ ނިންމެވުމެވެ.
- ޝައިޚުގެ ބަސްފުޅު:
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ދުނިޔެއިން އަމިއްލަ ގެދޮރު ހޯދުމުގެ ކުޅަދާނަކަން ނުލިބޭ ބައެކެވެ. (މިހާރު އެންމެ ގިނަ ބައަކު ކަންބޮޑުވަނީ ޝަރުޠު ހަމަނުވާތީ ފްލެޓް ނުލިބިގެންނެވެ. ޝަރުޠު ހަމަވިޔަސް ފްލެޓެއް ނުލިބިގެންނެވެ.)
އެހެނަސް ކިތަންމެ އަތްމަތި ދަތި މީހަކަށް ނަމަވެސް ސުވަރުގެއިން ގަނޑުވަރެއް ހޯދިދާނެއެވެ. އެކަން ކަށަވަރުކުރަން އޮތް ކަމަކީ ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރަމުން ގެންދިއުމެވެ.
ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތަކީ ފަތިސް ނަމާދުގެ ކުރިން ކުރާ 2 ރަކްއަތާއި މެންދުރު ނަމާދުކުރިން ކުރާ 4 ރަކްޢަތާއި މެންދުރު ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި މަޣްރިބް ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި ޢިޝާ ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތެވެ. މި 12 ރަކްޢަތަކީ ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތެވެ. ވީމާ ސުވަރުގެއިން ގެއެއް ލިބުމަށް އެދޭ މީހާ މި 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ. މިއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ.
މީގެ އިތުރުން ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް (2 ރަކްޢަތުން) ކޮށްފި މީހަކަށް ﷲ ތައާލާ ރަހްމަތް ލައްވަވާނެ ކަމަށް ހަދީޘްގައި ބަޔާންވެގެންވެއެވެ. އަދި މަޣްރިބް ނަމާދުގެ ކުރިންނާއި ޢިޝާ ނަމާދުގެ ކުރިން 2 ރަކްޢަތް ކުރަން ބޭނުން މީހަކަށް އެކަން ކުރަން ވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. ނަމަވެސް މި 8 ރަކްޢަތް ރަސޫލް (ﷺ) ކުރެއްވެވިކަން އެނގޭކަށް ނެތެވެ.
- ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގެ ދަރުސަކުން