މީސްތަކުންނޭވެ! ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނާއި ބައްދަލުކުރާނެ އެންމެ މުހިންމު ރޭތައް މިއަހަރުވެސް މިވަނީ ބައްދަލުކޮށްފައެވެ. މިރެއަކީ މި ރަމަޟާންމަހުގެ ފަހުދިހައިގެ ފުރަތަމަ އޮނަހިރިރެއެވެ. ވީމާ ރޭތަކުގެ ހެޔޮގޮތުގައި ބޭނުންކުރަން ސަމާލުކަންދޭށެވެ. އިރުއޮއްސުމުން ފެށިގެންވެސް ފައިދާއެއް ނުކުރާނެ ހަމައެއްވެސް ކަމެއްގެ އަވާގަޖެހި ނަމަނަމަ ހިނދުކޮޅެއްވެސް ބޭކާރުނުކުރާށެވެ!
ތިމާއަށް އެއްވެސް ފައިދާއެއް ނެތް ޕްރޮގްރާމްތަކުގެ އަވާގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް ނުޖެހޭށެވެ! ފޯނުގެ ބޭނުންވެސް ޘަވާބު ލިބޭނެ ކަމަކަށް މެނުވީ ބޭނުން ނުކުރާށެވެ! ރޭ އަޅުކަމުން ހިނދުކޮޅަކަށްވެސް މަޙްރޫމް ނުވާށެވެ!
ވެވުނުހައި ގިނައިން ޞަދަޤާތްކުރާށެވެ! ހިނިތުންވުން ގިނަކުރާށެވެ! ސަލާމްކުރުން ގިނަކުރާށެވެ! ހެޔޮބަސްތައް ބުނެ އަޅުކުރުން އިތުރުކުރަން އެކުވފެރިންނަށްވެސް ހިތްވަރުދޭށެވެ!
ރަމަޟާން މަހުގެ ރޭތައް ފާއިތުވެގެންދަނީއެވެ. ފަހު ދިހަ ފެށުނީއެވެ. އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަނީ ޣާފިލުކަމުގައެވެ. ރޭއަޅުކަމުގައި ބައިވެރިވަނީ މަދު ބައެކެވެ. ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ އެންމެ ކުޑަމިނުން ތަރާވީޙް ނަމާދުކުރަނީ ވެސް ގިނަ ބައަކު ކަމަކަށް ނުބުނެވޭނެއެވެ. ތަރާވީޙް ނަމާދަށް ދާ މީހުންގެ ތެރެއިން އިމާމާ ނިންމަންދެން މަޑުކުރަނީ ވެސް މަދު ބައެކެވެ. ގިނަ ބައަކު ވަކި ހިސާބަކުން ފައިބައިގެންދަނީއެވެ. މުޅި ރޭ އަޅުކަންކުރިކަމުގެ ސަވާބު ލިބޭނީ އިމާމާ ނިންމަންދެން އިޤްތިދާވެގެން ހުރެއްޖެ މީހަކަށެވެ.
ރޭގަނޑު ނުނިދައި މަޑުކުރާނަމަ މަޑުކުރަންވީ ފައިދާއެއް ނެތް ކަންކަންކުރާކަށް ނޫނެވެ. ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާކަށް ނޫނެވެ. ގޭމްތަކާއި ކުޅިވަރު ކުޅުމަކަށް ނޫނެވެ. ކުރަން އޮތް ކަމަކީ ތިމާއަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއް ކުރުމަށެވެ. މާނައަކީ ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކޮންމެވެސް އަމަލެއް ކުރުމަށެވެ.
ފާއިތުވި ރަމަޟާން މަހުގެ ހަނދާންތައް އިއްޔެވީކަމެއްހެން ހުއްޓައި އަހަރެއް ފާއިތުވެ އަނެއްކާވެސް ރަމަޟާން މަހެއް މިވަނީ ބައްދަލުކޮށްފައެވެ. 365 ދުވަސް ފާއިތުވެގެން ދިއަކަން ނުއެނގުނު ފަދައިން ނުވެސް އެނގި ތިއްބައި ރަމަޟާން މަހުގެ 30 ދުވަސް (ދެން އޮތް 10 ދުވަސްވެސް) ފާއިތުވެގެން ހިނގައިދާނެއެވެ. ވީމާ ރަމަޟާން މަހުން ދެން އޮތް 10 ދުވަހަކީ މާ ގިނަ ދުވަސްތަކެއް ކަމަށް ބަލައިގެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ނުކުރާށެވެ! ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ބޭނުންވެސް ތިމާގެ އާޚިރަތަށް ފައިދާކުރާނެ ގޮތަށް ހިފާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން