ޔަޤީންކުރާށެވެ! އަނެކާއާމެދު ދޮގު ވާހަކަ ފެތުރުމަކީވެސް އަނިޔާއެވެ! ތިބާ އެއްވެސް މީހަކަށް އަނިޔާވެރިވަމުން ﷲ ގެ ރަހްމަތަށް އެދުމެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޔަޤީންކުރާށެވެ! އަނެކާއާމެދު ދޮގު ވާހަކަ ފެތުރުމަކީވެސް އަނިޔާއެވެ! ތިބާ އެއްވެސް މީހަކަށް އަނިޔާވެރިވަމުން ﷲ ގެ ރަހްމަތަށް އެދުމެއް ނެތެވެ!

މުސްލިމުން އަބަދުވެސް މިތިބެނީ ﷲ ތަޢާލާގެ ރަހްމަތަށް އެދިއެދިއެވެ. އެކަލާނގެ ރަހްމަތަށް ނުހަނު ބޮޑަށް ބޭނުންވެފައެވެ. އެހެންކަމަށްވާއިރު ފުރުތަމަ ކަމަކަށްވެސް އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ.

އެހެން މީހުންނަށް އަނިޔާވެރިވަމުން ﷲ ތަޢާލާގެ ރަޙްމަތަށް އެދުމެއް ނެތެވެ. އެހެނީ އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ޢަމަލުތަކުގެތެރެއިންވާކަމެކެވެ.

މީސްތަކުންނޭވެ! އަނިޔާވެރިވުމަކީ ހަމައެކަނި ތަޅައި ޖިސްމާނީ އަނިޔާކުރުމެއް ނޫނެވެ. ނެތިމޮށުމާއި ދެބައުޑުވުމަކީވެސް ކުރެވޭ އަނިޔާއެވެ. އަނބިދަރިންނަށް ނުބައި ބަސްތައް ބުނެ ހިތުގައި ޖެއްސުމަކީވެސް އަނިޔާކުރުމެވެ. މިކަންކަމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާކުރާ ކަންކަމުގައި ބަރަކާތް ލެއްވެވުމަށް، ރަޙްމަތް ލެއްވެވުމަށް އެދޭމީހާ މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ބައެއް މީހުން ބުރަމަސައްކަތުން އަލުކަންކުރެއެވެ. ނަމަވެސް އެހެން މީހުންނަށް އަނިޔާކުރުން ހުއްޓައެއް ނުލައެވެ. ވީމާ ކުރެވޭ އަޅުކަން އެދަނީ ފަނުފުލުންނެވެ. އެހެންވުމަކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

އެތައް ބައިވަރު ބައަކު ކަންބޮޑުވެގެން އުޅެނީ ތަނަވަސްކަން ނުލިބިގެންނެވެ. އަނެއްބައަކު ކަންބޮޑުވެގެން އުޅެނީ ބަލިމަޑުކަމެއްގައި އުޅެންޖެހިގެންނެވެ. އަނެއްބައަކު ކަންބޮޑުވެގެން އުޅެނީ ޢާއިލީ ދިރިއުޅުމުގައި އުފާވެރިކަމެއް ނެތިގެންނެވެ. ލޯބިބޭނުންވާ މީހުންގެ ކިބައިން ލޯތްބާއި އަޅައިލުން ނުލިބިގެންނެވެ. މިފަދަ ކޮންމެ މީހަކުވެސް ވިސްނައިލާށެވެ! އެކަންކަން މެދުވެރިވެފައިވަނީ ތިމާގެ ސަބަބުން އެހެން މީހަކަށް އަނިޔާދެވިފައިވާތީ ކަމަށްވެދާނެއެވެ. އެހެން މީހެއްގެ ހިތުގައި ޖެއްސިފައިވާތީކަމަށްވެދާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން