ނަމާދަށާ ރޯދައަށް ނުދަރަން ދަރިންނަށް ދަސްކޮށްދެވިއްޖެނަމަ ދެންހުރި ދަރަނިތަކުން އެކުދިން އަމިއްލައަށް ސަލާމަތްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނަމާދަށާ ރޯދައަށް ނުދަރަން ދަރިންނަށް ދަސްކޮށްދެވިއްޖެނަމަ ދެންހުރި ދަރަނިތަކުން އެކުދިން އަމިއްލައަށް ސަލާމަތްވާނެ! އިން ޝާ ﷲ

އިވޭ އަޑުތަކަށާއި ވަށައިގެން ފެންނަ ބައެއް ކަންކަމަށް ބުރަވެ ބައެއް މީހުން އެމީހުންގެ ދަރިން ބާލިޣްވެ ނަމާދުކޮށް ރޯދަހިފުން ވާޖިބުވުމުންވެސް އެއީ ކުޑަކުއްޖެކަމަށް ބަލައި ރޯދަ ނުހިއްޕުވައި އެބަ ބައިތިއްބައެވެ.

ފުރަތަމަވެސް ވިސްނާލަން އޮތް ކަމަކީ ޝަރުޢީ އަޅުކަންތައް ވާޖިބު ކުރައްވަވައި ތަކްލީފް ޖެއްސެވުމުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކުއްޖާގެ އުމުރުން ފާއިތުވި އަހަރުތަކަށް ނޫންކަމެވެ. އެކަލާނގެ ކަނޑައަޅުއްވަވާފައިވާ ޝަރުޠަކީ ބާލިޣުވުމެވެ. ބުއްދި ފުރިހަމަވުމެވެ.

10 އަހަރުގެ ކުއްޖަކު ނަމަވެސް ބާލިޣްވެފައިވާނަމަ ގެއްލޭ ރޯދަތައް ޤަޟާކުރަން ވާޖިބު ވާނެއެވެ. އަދި ބާލިޣް ނުވާނަމަ ރޯދަ ހިފުން ވާޖިބު ނުވާނެއެވެ. އަދި ގެއްލޭ ރޯދަ ވެސް ޤަޟާކުރާކަށް ނުޖެހޭނެއެވެ. ހަމައެފަދައިން ބާލިޣްވުމުން ނަމާދުނުކުރާނަމަ ދާނީ ނަމާދަށް ދަރަމުންނެވެ. ރޯދައަށް ދަރަމުންނެވެ.

ކޮންމެ ބެލެނިވެރިއަކުވެސް ރަނގަޅަށް ވިސްނައިލާށެވެ! ކުޑައިރުންސުރެ ރަނގަޅު ގޮތުގައި ގެންގުޅެ، ހެޔޮވިސްނުން ވިސްނައިދީ ނަމާދަށާއި ރޯދައަށް ނުދަރަން ކުއްޖާ ތަރުބިއްޔަތުކުރެވިއްޖެނަމަ ދެންހުރި ދަރަނިތަކުން ކުއްޖާ އަމިއްލައަށް ސަލާމަތްވާނެއެވެ. ޚާއްޞަކޮށް ނަމާދަށް ނުދަރަން ތަރުބިއްޔަތުކުރެވިއްޖެނަމަ ރޯދައަކަށްވެސް ނުދަރާނެއެވެ. އެކުއްޖާ އަމިއްލައަށް އިސްނަގައިގެން ރޯދަވެސް ހިފާނެއެވެ. އެހެން ވާޖިބުތައްވެސް އަދާކުރާނެއެވެ. އިން ޝާ ﷲ

ކަން މިހެން އޮތް ނަމަވެސް އަދި އެންމެ މުހިންމު ކަމަކީ ނަމާދުކުރުން ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވަން ސަމާލުކަން ދެނީ ވަރަށް މަދު ބެލެނިވެރިންނެވެ. ދަރިފުޅަށް ހެޔޮ އެދޭނަމަ، ދަރިފުޅު ދެކެ ލޯބިވާނަމަ، ފުރަތަމަ ކަމެއްގެ ގޮތުން ކުއްޖާ ލައްވައި ނަމާދުކުރުވައި އެކަމުގެ އާދަ ހިއްޕުވާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން