ދިރިއުޅުމުގެ ޙާލަތު ތަނަވަސްވުމަށް އެދޭމީހާ ޘާބިތުކަމާއެކު ހިފަހައްޓަންޖެހޭނެ 3 ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިރިއުޅުމުގެ ޙާލަތު ތަނަވަސްވުމަށް އެދޭމީހާ ޘާބިތުކަމާއެކު ހިފަހައްޓަންޖެހޭނެ 3 ކަމެއް!: މުފްތީ މެންކް

ދުނިޔަވީ މިޘާލަކުން ބެލިނަމަވެސް ކަންކަމަށް އެދޭމީހާ އެކަމެއް ޙާޞިލްކުރަން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެކަން އެގޮތަށް ލައްވަވާފައިވަނީ މީސްތަކުންނަށް ޢިބްރަތަކަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭއިރުވެސް އެމީހަކު ފުރިހަމަކުރަންޖެހޭނެ ކަންތައްތަކެއް އެބަހުރިކަން އަންގަވައިދެއްވެވުން އެއީވެސް އެއް ސަބަބެވެ.

ކޮންމެ ދުވަހަކު ތަކުރާރުކޮށް 20 ފަހަރު އިވޭ އަޑެއްވެއެވެ. ކޮންމެ ފަހަރަކު އެއަޑު 10 ފަހަރު ތަކުރާރުވާގޮތަށެވެ. ވީމާ އެއީ އާދައިގެ ވާހަކައެއް ކަމަށް ހީނުކުރާށެވެ. "ނަމާދުކުރަން އަވަހަށް އަންނާށެވެ! ފަލާޙް ލިބިގަންނަން އަވަހަށް އަންނާށެވެ!" މިއަޑެވެ.

ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނަންވާނެއެވެ. އަދި ގޭގައި ތިބި އެންމެންނަށް ހަނދާންކޮށްދީ ނަމާދުކުރަން ބާރުއަޅަންވާނެއެވެ. އެކަން ނުކުރާނަމަ އެގެއަކަށް ﷲ ތަޢާލާ ރަޙްމަތެއް ނުލައްވަވާނެއެވެ. ނަމަވެސް މިބުނަނީ އެމީހުން އިމްތިޙާން ކުރެއްވެވުމަށްޓަކައި ކަންތައްތަކެއް މިންވަރުނުކުރައްވަވާނެ ވާހަކައެއް ނޫނެވެ.

އަހަރެމެން ބޭނުންވެގެން މިއުޅެނީ ތަނަވަސްކަމެވެ. ތަނަވަސްކަމަކީ ކިތަންމެ ގިނައިން ލިބުނަސް ހިތްފުރޭނެ ކަމެއް ނޫނެވެ. ހިތްފުރޭނީ ކެތްތެރިވެ ނަމާދުކުރުމުންނެވެ.

ތަނަވަސްކަމަށް އެދޭ މީހާ މި 3 ކަންތައް ކުރުމުގައި ސާބިތުވާށެވެ.

1 ނަމާދުކުރުން

2. ނަމާދުކުރަން އެހެން މީހުންނަށް ހަނދާންކޮށްދިނުން

3. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމާއިއެކު ގިނަގިނައިން ތައުބާވުން

ތައުބާވުމުގެ ވާހަކަދައްކާއިރު ހަދާންކުރާށެވެ! ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތް ނުކުރާ ޙާލު ތައުބާވުމަކީ ބަހާއި އަމަލުދިމާވާނެ ކަމެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށް ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން