ހޭލާށެވެ! އަދި ތަންކޮޅެއް ދުވަސްކޮށްލާފަ ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ހޭލާށެވެ! އަދި ތަންކޮޅެއް ދުވަސްކޮށްލާފަ ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް ގިނަ!

އަޅުގަނޑުމެންގެ ކައިވެންޏަށް 2 އަހަރުވެއްޖެއެވެ. އެންވާސަރީވެސް ފާހަގަކުރެވުނެވެ. ނަމަވެސް އެދުވަހަކު ނޫނެވެ. މާފަހުންނެވެ. ސަބަބަކީ އަޅުގަނޑުގެ ފިރިމީހާ ގާތު ކޮންމެ ކަމަކަށް އެދުނަސް އެކަމެއް ކޮށްދެނީ އޭނާއަށް ވަޤުތުވީ އިރަކުންނެވެ. އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ފަހުންނެވެ.

މިކަމާއިހުރެ މިހާރު ފިރިމީހާގެ މަތިން ފޫހިވާން ފަށައިފިއެވެ. އެކަގައި އުޅޭހިތް ކުޑަވާން ފަށައިފިއެވެ. އެކަމަކު ތުއްތު ދަރިފުޅަކު އޮތުމުން ވަރިވުމަކީވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނެ ކަމެއް ބުނެދެއްވަފާނަންތޯ؟

ޖަވާބުގައި ބުނެލަން އޮތީ ތިއަ ވިދާޅުވާ ފަހުން ތިއައީ ވަރަށް ބޮޑު މައްސަލައަކަށްވެފައި އޮންނަ ކަމެކެވެ. އެހެންކަމުން ފިރިމީހާއަށް ތިރީގައިވާ ލިޔުން ޙިއްޞާކޮށްލައްވާށެވެ! ފަހަރެއްގައި އިޞްލާޙްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިން ޝާ ﷲ

ފަހުން ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް މަދުނޫންކަމެވެ. ކަންކަން ވިސްނި، ބައިވެރިޔާގެ އަގު ވަޒަންކުރެވިގެން ކަންކަން ރަނގަޅުކުރަންބަލާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ.

ލިޔުމުގެ ތިރީގައި އެވަނީ "މުޙައްމަދު އަސްލަމް" ސޯޝަލްމީޑިއާގައި ޙިއްޞާ ކުރައްވާފައިވާ ޕޯސްޓެކެވެ. މިވާހަކަކޮޅު ކުރުނަމަވެސް މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނާއިވެސް ޙިއްޞާކޮށްލީއެވެ.

ފަހުން" ދޯ؟

- ފަހުން ވާހަކަ ދައްކާލާނަން!

- ފަހުން ގުޅާލާނަން!

- ފަހުން ބައްދަލު ކޮށްލާނަން!

- ފަހުން ގޮވައިގެން ހިނގާލަން ދާނަން!

- ފަހުން އެ ވާހަކަ ކިޔައިދޭނަން!

މިހާރު އަހަރެމެންނަށް ހުރިހާ ކަމެއް ވެސް ބެހެއްޓެނީ ފަހަށެވެ. އެކަމަކު 'ފަސް' އެއީ އަހަރެމެންނާ އެކީގައި ވާ ވަގުތެއް ނޫން ކަމެއް އަހަރެމެން ހަނދާނެއް ނުހުރެއެވެ.

ފަހުން - އަހަރެމެން ލޯބިވާ ފަރާތްތައް އަހަރެމެންނާ އެކީގައި ނުވާނެއެވެ.

ފަހުން - އަހަރެމެން ކިތަންމެ ބަލަން ބޭނުންވިޔަސް، އެމީހުންގެ ސޫރަ އަހަރެމެންނަށް ފެންނާކަށެއް ނުހުންނާނެއެވެ.

ފަހުން - އަހަރެމެން އަޑު އަހަން ބޭނުންވިޔަސް އެމީހުންގެ އަޑެއް ނީވޭނެއެވެ.

ފަހުން - އެމީހުން ވާނީ ހަމައެކަނި އަހަރެމެންގެ ހަނދާން ތަކަކަށެވެ.

ފަހުން - ދުވާލުގެ އަލިކަން ފަނޑުވެ ރޭގަނޑުގެ ކަނު އަނދިރި ކަމަށް ބަދަލުވެއެވެ.

ފަހުން - އަހަރެމެންގެ އާރާއި ބާރު ނެތި ހިނގައިދެއެވެ.

ފަހުން - އަހަރެމެންގެ ހިނިތުންވުން މިލައި މޯޅިވެދެއެވެ.

ފަހުން - ހަށިގަނޑާއި ފުރާނަ ވަކިވެ ކަށްވަޅުގެ ފަސްގަނޑު ދަށުވެދެއެވެ.

"ފަހުން" - މާ "ފަސް" ވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ.

~ ތަރުޖަމާ ~

--މުޙައްމަދު އަސްލަމް

 

މިއަދު އޮންލައިން