ފަހު ދިހަ ފެށުނީ: ފުރަތަމަ ކަމަކަށްވެސް ސުންނަތާއިއެކު ރޯދަވީއްލުމަށްފަހު މަޣްރިބް ނަމާދު ނުކޮށް ނާސްތާ ނުކުރަމާހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފަހު ދިހަ ފެށުނީ: ފުރަތަމަ ކަމަކަށްވެސް ސުންނަތާއިއެކު ރޯދަވީއްލުމަށްފަހު މަޣްރިބް ނަމާދު ނުކޮށް ނާސްތާ ނުކުރަމާހެއްޔެވެ؟

މުސްލިމުންނަށް ދުވަސް ފެށެނީ އިރުއެރުމަކުން ނޫނެވެ! ފަޖުރުލުމުންނެވެ. ރޯދަވެރިންގެ ރޯދަވެސް ފެށިގެންދަނީ ފަޖުރުލުމުންނެވެ. ހަމައެއާއިއެކު އިރުއޮއްސުމާއިއެކު އަވަސްވެގަތުން އޮތީ ރޯދަވީއްލުމަށެވެ. ވީމާ ބަންގިގޮވުމުން ލުއިގޮތަކަށް ރޯދަވީއްލައިލާށެވެ! މަޣްރިބް ނަމާދުގެ އިހުސުންނަތްކޮށް، މަޣްރިބް ނަމާދުކޮށް އަދި ފަހުސުންނަތްވެސް ކޮށްގެން ނާސްތާކުރާށެވެ! 

މީސްތަކުންނޭވެ! މަޣްރިބްނަމާދަށް ބަންގިގޮވުމާއިއެކު ލިބެންހުރިނަމަ ފިރިހެނުން ކަދުރުކޮޅަކާ ފެންފޮދަކުން ރޯދަވީއްލައިގެން 2 ސުންނަތާއިއެކު މަޣްރިބްނަމާދުކުރާށެވެ! އަންހެނުން ހަމަ މިބުނި މަގުން ރޯދަވީއްލުމާއިއެކު ގޭގައި ނަމާދުކުރަން އަވަސްވެގަންނާށެވެ. 

ރަމަޟާން މަހުގައި ޚާއްޞަކޮށް ފަހުދިހައިގައި ބަލަންވީ މީރުކޮށް ވީހައި ގިނައިން ކެއުމަކަށް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ކުރީގެ 20 ދުވަހަށްވުރެވެސް ގިނައިން އަޅުކަންކުރެވޭތޯއެވެ! 

ރަމަޟާން މަސް ފެށުނީންސުރެ އިރުއޮއްސުމުގެ ކުރިން މިސްކިތަށްގޮސް ގިނަ ބައަކު ތިބެއެވެ. އެމީހުން ރޯދަވީއްލަނީ މިސްކިތުގައެވެ. ލުއިގޮތަކަށް ރޯދަވީއްލައިގެން އެމީޙުން ބަލަނީ ސުންނަތްކޮށް ނަމާދު ފުރިހަމަކުރެވޭތޯއެވެ. ފަހު ސުންނަތް ކުރުމަށްފަހު އިތުރު އެއްޗެތި ކައިވެސް ހަދައެވެ. ކައިގެންވެސް އެމީހުން ތިބެނީ މިސްކިތުގައެވެ. ޤުރްއާންކިޔެވުމާއި އެހެންވެސް ޛިކުރުތައްކުރާށެވެ! ޢިޝާނަމާދަށް ގޮވުމުން އެމީހުން ޢިޝާނަމާދުކުރެއެވެ. ތަރާވީޙްކުރެއެވެ. މިސްކިތުން ފައިބަނީ އެހުރިހާ ކަންކަން ކުރުމަށްފަހުގައެވެ. 

މިއީ އެންމެ ރަނގަޅު ގޮތެވެ! މަޣްރިބް ނަމާދު ނިމުމުން މިސްކިތުން ފައިބާ މީހުންނަށްވެސް ބުނެލަން އޮތީ ވީހާ އަވަހަކަށް ޢިޝާނަމާދަށް އަންނާށެވެ! ތަރާވީހްކުރާށެވެ! ބަރަކާތްތެރި ރަމަޟާން މަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން