ޙަރާމް ކަންކަމުން އަތްފައި ރައްކާތެރިކުރުން-

ކިޔުމަށް ހޭދަވާނީ 1މ 53ސ
ޙަރާމް ކަންކަމުން އަތްފައި ރައްކާތެރިކުރުން-

ޢާއިޝަތު ރަފާޙް ޢަލީ

 

· ޙަރާމް ކަންކަމުން އަތްފައި ރައްކާތެރިކުރުން: 

ޙަރާމް ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް މުސްލިމުން، ﷲ ތަޢާލާ އާއި ގާތްވެ މާތްالله ގެ ދީނުގައި ސާބިތުވެ ހުރުމަށްޓަކައި، ﷲ ތަޢާލާ އަމުރުކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، ދުޢާ ކުރުމާއި އިސްތިޢްފާރު ކުރުން ގިނަކުރުން މަތީގައި ދެމިހުރުން ވަރަށް މުހިއްމެވެ. 

އަދި ﷲ ތަޢާލާ އަމުރުކުރެއްވި ގޮތަށް ރަމަޟާން މަހުގައި ރޯދަ ހިފާނަމަ، ފާފައާ ދެކޮޅަށް އަހަރެމެންގެ ބާރު ވަރުގަދަކޮށްދީ، ކެތްތެރިކަމާއި ދިރިއުޅުމުގެ ދަތިތަކަށް ކެތްތެރިވުމަށް ދަސްކޮށްދީ، އެދުންތަކާއި، ގޯސްތަކާއި ނުބައި އެކުވެރިންނާއި އެކީގައި ނުވުމަށް ދަސްކޮށްދޭ އެންމެ ބާރުގަދަ އެއް އަޅުކަމަކަށް މިކަން ވެގެން ދެއެވެ. 

މީގެ އިތުރުން ކީރިތި ޤުރްއާނުގެ ތަފްސީރު ކިޔައި އޭގެ ހުރިހާ މާނައެއް ވިސްނައި ހަދާނަމަ، ހެޔޮކަން ހުރި ތަނާއި ނުބައިކަން އެނގޭނެ ގޮތާއި، މުސްލިމަކު ހެޔޮކަމުގެ މަގުގައި ކުރިއަށް ގޮސް ޙަރާމް ކަންކަމުން ދުރުހެލިވާ ގޮތް އެނގިގެންދާނެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

الصيامُ جُنَّةٌ ، فإذا كان أحدُكم صائمًا فلا يَرفُثْ ولا يَجهلْ ، فإنِ امْرُؤٌ شاتَمَه أو قاتَلَهُ فَليَقُلْ إنِّي صائمٌ 

މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއް ނަމަ، ފަހެ ޝަހްވާނީ އެދުންތަކުން އެމީހަކު ދުރުވާށެވެ. އަދި ބޭކާރު ވާހަކަ ދެއްކުމުން ރައްކާތެރިވާށެވެ. އަދި މީހަކު އޭނައާއި ޒުވާބުކޮށް ފުރައްސާރަކޮށް ހަދަނީނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިހުރީ ރޯދައަށެވެ."

މިއަދު އޮންލައިން