މިކަންކަން އެނގޭނަމަ ކޮންމެ މުސްލިމަކުވެސް ފަހު ދިހައިގެ ކޮންމެ ރެއަކުވެސް ލައިލަތުލްޤަދްރްވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 24ސ
މިކަންކަން އެނގޭނަމަ ކޮންމެ މުސްލިމަކުވެސް ފަހު ދިހައިގެ ކޮންމެ ރެއަކުވެސް ލައިލަތުލްޤަދްރްވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރާނެ! އިން ޝާ ﷲ

- ލައިލަތުލް ޤަދްރީގެ މާތްކަން: 

ލައިލަތުލް ޤަދްރީގައި އަޅުކަންކުރުމުގެ މާތްކަމާއި މަތިވެރިކަން ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެ ރެއަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްކަން ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ. އީމާންކަމާއެކު ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ހުރެ ލައިލަތުލް ޤަދްރީގައި ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވާނެކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. 

- ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއް؟ 

ލައިލަތުލް ޤަދްރިއަކީ ކަނޑައެޅިގެން ކޮން ރެއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. فتح الباري ގައިވާ ގޮތުން މިކަމުގައި ސާޅީހަށް ވުރެ ގިނަ ބަސްފުޅުވެއެވެ. މި ބަސްފުޅުތަކުގެ ތެރެއިން އެންމެ ރަނގަޅު ބަސްފުޅަކީ އެ ރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެކެވެ. 

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ، مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2017)]

މާނައީ: "ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރާށެވ". 

އިމާމް އަލްބުޚާރީ رحمه الله މި ޙަދީޘް ގެންނަވާފައިވަނީ "ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރުން ނަންގަތް ބާބު" ގައެވެ.

އެ ރޭ ވަންހަނާވެގެންވުމުގެ ޙިކުމަތްތަކީ ފަހުދިހައިގެ ހުރިހާ ރެއެއްގައި ދުޢާކުރުމާއި ޛިކުރުކުރުމާ އަދި އެނޫންވެސް އަޅުކަންތަކުގައި ވަގުތުހޭދަކޮށް އެރޭގެ ހެޔޮކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް މުސްލިމުންނަށް ހިއްވަރު ދިނުމެވެ. އެއީ ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތުވެސް ކަނޑައެޅިގެން ބަޔާންކުރައްވާފައި ނުވާ ފަދައިންނެވެ. އަދި ﷲ ތަޢާލާގެ ނުވަދިހަ ނުވަ އިސްމުފުޅުވެސް ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވާ ފަދައިންނެވެ. 

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. 

"(قَوْلُهُ بَابُ تَحَرِّي لَيْلَةِ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ) فِي هَذِهِ التَّرْجَمَةِ إِشَارَةٌ إِلَى رُجْحَانِ كَوْنِ لَيْلَةِ الْقَدْرِ مُنْحَصِرَةً فِي رَمَضَانَ ثُمَّ فِي الْعَشْرِ الْأَخِيرِ مِنْهُ ثُمَّ فِي أَوْتَارِهِ لَا فِي لَيْلَةٍ مِنْهُ بِعَيْنِهَا وَهَذَا هُوَ الَّذِي يَدُلُّ عَلَيْهِ مَجْمُوعُ الْأَخْبَارِ الْوَارِدَةِ فِيهَا”. [فتح الباري 4 / 260]

މާނައީ: ”ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރުން ނަންގަތް ބާބު" ، އެކަލޭގެފާނުގެ (އެބަހީ: އިމާމު އަލްބުޚާރީގެ) މި ބަސްފުޅުން އިޝާރާތްކުރަނީ ލައިލަތުލް ޤަދްރިއަކީ ރަމަޟާންމަހުގައިވާ ރެއެއް ކަމެވެ. އަދި އެރޭވަނީ އެމަހުގެ ފަހުދިހައިގައި ކަމެވެ. އަދި ފަހުދިހައިގެ ތެރެއިންވެސް އޮނަހިރި ރެއެއްގައ ިކަމެވެ. އެއިން ކޮން ރެއެއްކަން ކަނޑައަޅުއްވާ ބަޔާން ނުކުރައްވައެވެ. އެ ރެއާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ބަސްފުޅުތައް އެއްކޮށްލުމުން ދަލީލުކޮށްދެނީ މިފަދައިންނެވެ." 

އަދިވެސް ވިދާޅުވެފައިވެއެވެ.

قَالَ الْعُلَمَاءُ الْحِكْمَةُ فِي إِخْفَاءِ لَيْلَةِ الْقَدْرِ لِيَحْصُلَ الِاجْتِهَادُ فِي الْتِمَاسِهَا بِخِلَافِ مَا لَوْ عُيِّنَتْ لَهَا لَيْلَةٌ لَاقْتُصِرَ عَلَيْهَا”. [فتح الباري 4 / 266]

މާނައީ: "ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ލައިލަތުލް ޤަދްރި ވަންހަނާވެގެންވުމުގެ ޙިކުމަތަކީ މީސްތަކުން އެރޭ ހޯދުމަށް މަސައްކަތްކުރުމެވެ. އެއާ ޚިލާފަށް އެރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން އެނގޭނަމަ ހަމައެކަނި އެރޭ އަޅުކަމަށް ޚާއްޞަކުރާނެއެވެ." 

- ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ކަނޑަައަޅާ ބުނަން އެއްވެސް މީހަކަށް ނޭނގޭނެ! 

އެއީ ކޮން ރެއެއްކަން ކަނޑއަޅާ ބުނަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ﷲ ތަޢާލާވަނީ ނަބިއްޔާ صلى الله عليه وسلم އަށް އެއީ ކޮން ރެއެއްކަން އަންގަވައިދެއްވާފައެވެ. ދެން އެއަށްފަހު، އެކަމުގެ ޢިލްމު އުފުއްލެވިކަމުގެ ޚަބަރު އެކަލޭގެފާނު ދެއްވިއެވެ. 

ޢުބާދާ ބުން އައްޞާމިތު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. 

أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَرَجَ يُخْبِرُ بِلَيْلَةِ القَدْرِ، فَتَلاَحَى رَجُلاَنِ مِنَ المُسْلِمِينَ فَقَالَ: «إِنِّي خَرَجْتُ لِأُخْبِرَكُمْ بِلَيْلَةِ القَدْرِ، وَإِنَّهُ تَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، التَمِسُوهَا فِي السَّبْعِ وَالتِّسْعِ وَالخَمْسِ» [رواه البخاري (49)]

މާނައީ: ލައިލަތުލް ޤަދްރީގެ ޚަބަރު ދެއްވުމަށް ރަސޫލުﷲ صلى الله عليه وسلم ނުކުވެވަޑައިގެންނެވިއެވެ. ފަހެ، މުސްލިމުންގެ ތެރެއިން ދެމީހަކު ދެބަސްވެ އަރައިރުންވިއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ނުކުމެވަޑައިގެންނެވީ ތިޔަބައިމީހުންނަށް ލައިލަތުލް ޤަދްރީގެ ޚަބަރުދެއްވުމަށެވެ. އަދި ހަމަކަށަވަރުން މިވެނި މީހަކާއި އެވެނި މީހަކު ދެބަސްވެ އަރައިރުންވިއެވެ. ދެން (އެކަމުގެ ޢިލްމު) އުފުއްލެވުނެވެ. އަދި އުންމީދުކުރެވެނީ އެއީ ތިޔަބައިމީހުންނަށް އޮތް ހެވެއްކަމަށެވެ. (ފަހުދިހައިގެ) ހަތްވަނަ ރެއާއި، ނުވަވަނަ ރެއާއި ފަސްވަނަ ރޭގައި އެރޭ ހޯދުމަށް މަސައްކަތްކުރާށެވެ". 

މިކަމާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ اللجنة الدائمة ގެ ޢިލްމުވެރިންނާ ސުވާލުދެންނެވުމުން ވިދާޅުވިއެވެ. 

أما تخصيص ليلة من رمضان بأنها ليلة القدر فهذا يحتاج إلى دليل يعينها دون غيرها، ولكن أوتار العشر الأواخر أحرى من غيرها والليلة السابعة والعشرون هي أحرى الليالي بليلة القدر؛ لما جاء في ذلك من الأحاديث الدالة على ما ذكرنا”. [فتاوى اللجنة الدائمة (10 / 415)]

"ރަމަޟާންމަހުގެ ވަކި ރެއެއް އެއީ ލައިލަތުލް ޤަދްރިކަމަށް ކަނޑައެޅުމާމެދު ދަންނައެވެ. އެއީ ސީދާ މިވެނި ރެއެއްކަމާ އަދި އެނޫން ރެއެއް ނޫންކަން ކަނޑައެޅުމަށް ދަލީލު ބޭނުންވާނެއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގެ އަލީގައި ލައިލަތުލް ޤަދްރިއަކީ އޮނަހިރި ރެއެއެއްކަމާ އަދި އެއީ ހަތާވީސް ވިލޭރޭ ކަމަށް އުންމީދުކުރެވެއެވެ." 

އެހެންކަމުން މުސްލިމަކު، ލައިލަތުލް ޤަދްރިއަކީ ސީދާ ކޮން ރެއެއްކަން ކަނޑައަޅައިގެން ނުވާނެއެވެ. އެހެން ކަނޑައަޅައިފިނަމަ އެކަންވާނީ ޔަޤީން ނުކުރެވޭނެކަމެއް އޭނާގެ ނަފްސަށް ޔަޤީންކުރިކަމަށެވެ. އެއީ 21 ވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ 23 ވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ 25 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 29 ވިލޭރެއަށްވެސް ވެދާނެއެވެ. ފަހެ، 27 ވިލޭރޭ އެކަނި އަޅުކަމަށް ޚާއްޞަކޮށްފިނަމަ އޭނާއަށް ބޮޑުވެގެންވާ ހެޔޮކަން ގެއްލިދާނެއެވެ. އަދި އެ ބަރަކާތްތެރި ރޭގެ ނަސީބު ނުލިބިދާނެއެވެ. 

ފަހެ، މުސްލިމުންގެ މައްޗަށް އޮތީ މުޅި ރަމަޟާންމަސް އެއްކޮށް އަޅުކަމުގައި ގަދައަޅާ މަސައްކަތްކުރުމެވެ. އަދި ވަކިން ޚާއްޞަކޮށް ފަހުދިހައިގައެވެ. ނަބިއްޔާ صلى الله عليه وسلم ދެއްކެވި ހިދާޔަތަކީ އެއީއެވެ. 

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. 

«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ» [رواه البخاري (2024) ومسلم (7 – (1174))]

މާނައީ: "(ރަމަޟާންމަހުގެ) ފަހުދިހަ އައުމުން، ނަބިއްޔާ صلى الله عليه وسلم  އެކަލޭގެފާނުގެ ކަމަރު ބާރުކޮށްލައްވައެވެ. (އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެ ވަޑައިގަންނަވައެވެ). އަދި ރޭތައް އިޙުޔާ ކުރައްވައެވެ. (އެބަހީ: ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުން ހޭލައްވައެވެ."

والله أعلم . 

އަލް އުޚްތު އުންމު ޢަބްދިލްޢަފުއްވު

 

މިއަދު އޮންލައިން