ލައިލަތުލްޤަދްރްވިލޭރެއާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަމާ ކުރުން ޝަރުޤުވެގެންވާ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ލައިލަތުލްޤަދްރްވިލޭރެއާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަމާ ކުރުން ޝަރުޤުވެގެންވާ ކަންކަން-

ލައިލަތުލް ޤަދްރި ފެށޭނީ އެރޭ އިރުއޮއްސުމުންނެވެ. ނިމޭނީ ފަތިސް ވަޤުތާއި ހިސާބަށެވެ. (ފަޖުރު ފާޅުވުމުންނެވެ.) 

* ލައިލަތުލް ޤަދްރިގެ މަތިވެރިކަން: 

(1)އެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުން

(2)ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އެރޭ މިންވަރުކުރައްވައި ކަނޑައެޅުއްވުން

(3)އެރެއަކީ ބަރަކާތްތެރި ރެއެއްކަމުގައި ލެއްވުން

(4)އެރޭގައި ކުރާ އަޅުކަން 1000 މައްސަރުގައި ކުރާ އަޅުކަމަށްވުރެ ޘަވާބުގެ ގޮތުން އިތުރުވެގެންވުން (1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ.)

(5)ޖިބްރީލްގެފާނާއި މަލާއިކަތްބޭކަލުން ރަޙްމަތާއި ބަރަކާތާއިގެން އެރޭ ފައިބައިވަޑައިގަތުން

(6)އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެއް

*ލައިލަތުލް ޤަދްރީގައި ކުރުން ޝަރުޢުވެގެންވާ ކަންތައްތައް:  

(1)ރޭ އަޅުކަން ކުރުން. އެ ޝަރަފުވެރި، މަތިވެރި ރޭގައި ދަމުނަމާދު ކުރުން ޝަރުޢުވެގެންވެއެވެ.

(2) އިޢުތިކާފްކުރުން. ލައިލަތުލް ޤަދްރީގައި އިޢުތިކާފުކުރުން ޝަރުއުވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ފަހު ދިހައިގައި އިޢުތިކާފުކުރެއްވިއެވެ. އެއީ ލައިލަތުލް ޤަދްރި ޙާޞިލްކުރެއްވުމަށްޓަކައެވެ. 

(ނޯޓް: އިޢުތިކާފްކުރުމަކީ ﷲ އާއި ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި މަޑުކުރުމެވެ. ރޭގަނޑު ނުވަތަ ދުވާލު ކަމުގައިވިޔަސްމެއެވެ. އިޢުތިކާފްކުރުމަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ސުންނަތެއްކަމަށް 4 މަޛްހަބު އިއްތިފާޤްވެފައިވެއެވެ. ކިތަންމެ ކުޑަ ވަޤުތުކޮޅަކަށްވެސް އިޢުތިކާފް ކުރެވިދާނެއެވެ. މިއީ ޙަނަފީ މަޛްހަބު އަދި ޝާފިޢީ މަޛްހަބުގެ ބަސްފުޅެވެ. އަދި އިބްނު ޙަޒްމް، ޝައުކާނީ އަދި އިބްނު ބާޒް އިޙްތިޔާރު ކުރައްވަނީ މިގޮތެވެ. (رحمهم الله الجميع)))  

(3)ދުޢާކުރުން. އެރޭ ދުޢާކުރުން ޝަރުޢުކުރެއްވިއެވެ. އަދި ދުޢާކުރުމުން ﷲ އާއި ކުއްތަންވުން ޝަރުޢުވެގެންވެއެވެ.

(ނޯޓް: ލައިލަތުލް ޤަދްރިއަކީ އެރެއެއްގައި ދުޢާ އިޖާބަކުރެއްވޭނެކަމުގައި އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން އެރޭ ގިނައިން ދުޢާކުރުން އެދެވިގެންވެއެވެ. މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވިއެވެ.

(قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)

މާނައީ: “ކަމަނާ މިފަދައިން ވިދާޅުވާށެވެ. “اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي” (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)" 

(4)ހެޔޮޢަމަލުތައް ކުރުން. އެންމެހާ ހެޔޮޢަމަލުތައް އެރޭގައި ކުރުން ޝަރުޢުވެގެންވެއެވެ. (މިސާލު: ސަދަޤާތް ކުރުން، ޤުރުއާން ކިޔެވުން، ރަޙިމުގެ ގުޅުން ދެމެހެއްޓުން) 

ލައިލަތުލް ޤަދްރީގެ ވަޤުތާއި އެރޭގެ ޢަލާމާތްތައް

 ލައިލަތުލް ޤަދްރީގެ ވަޤުތު:

ލައިލަތުލް ޤަދްރިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ. ޝަފްޢު ރޭތަކަށްވުރެ (އެބަހީ: 22، 24، 26، 28، 30 ފަދަ ދޭކުން ގެއްލޭ ރޭތަކަށްވުރެ) ވިތުރި ރޭތަކުން (އެބަހީ: 21، 23، 25، 27، 29 ފަދަ ރޭތަކުން) ރެއެއް ލައިލަތުލް ޤަދްރި ކަމުގައިވުމަށް ގާތްކަން ބޮޑެވެ. މިއީ ޝާފިޢީ މަޛްހަބު، ޙަންބަލީ މަޛްހަބު އިޚްތިޔާރު ކުރައްވާ ގޮތެވެ. އަދި މާލިކީ މަޛްހަބުގައިވެސް އެފަދަ ބަސްފުޅެއް އައިސްފައިވެއެވެ. އަދި އިބްނު ތައިމިއްޔާ، އައްޞަންޢާނީ، އިބްނު ބާޒް އަދި އިބްނު އުޘައިމީން (رحمهم الله الجميع) އިޙްތިޔާރުކުރައްވަނީ މިގޮތެވެ. 

ލައިލަތުލް ޤަދްރިއަކީ އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ހެއްޔެވެ؟ ނުވަތަ އެއީ ބަދަލުވާ ރެއެއް ހެއްޔެވެ؟ ( މިސާލަކަށް: މިދިޔަ އަހަރު 23 ވަނަ ރެއަށްވެފައި، މިއަހަރު 25 ވަނަ ރެއެއްވެފައި، އެގޮތަށް ބަދަލުވާ ރެއެއް ހެއްޔެވެ؟)

ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅި ޘާބިތުވެގެންވާ ރެއެއް ނޫނެވެ.

(މިސާލު: ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި 27 ވިލޭރޭ ކަމުގައިވުން ލާޒިމުވެގެން ނުވެއެވެ.) އަދި ކިއެއް ހެއްޔެވެ. އެރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ބަދަލުވާ ރެއެކެވެ. (މިސާލަކަށް: އެއް އަހަރު 25 ވަނަ ރެއަށްވެފައި، އަނެއް އަހަރު 27 ވަނަ ރެއަށްވެފައި، އެގޮތަށް ބަދަލުވާ ރެއެކެވެ.) މިއީ ޖުމްހޫރުންގެ މަޛްހަބެވެ. މިއީ މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން އަދި ގިނަ ޢިލްމުވެރިންގެ މަޛްހަބެވެ. (رحمهم الله الجميع) 

ލައިލަތުލް ޤަދްރި ދެމިއޮތުން: 

ލައިލަތުލް ޤަދްރި އުފުލިގެން ނުވެއެވެ. އެރޭ ޤިޔާމަތާއި ހަމަޔަށް ދެމި އޮންނާނެއެވެ. (އެބަހީ: ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި އެރޭ އަންނާނެއެވެ.) މިކަމަށް އިމާމު ނަވަވީ (رحمه الله) އިޖްމާޢު ނަޤުލު ކުރައްވާފައިވެއެވެ. 

ލައިލަތުލް ޤަދްރީގެ ޢަލާމަތް:  

ލައިލަތުލް ޤަދްރީގެ ޢަލާމާތްތަކުގެ ތެރޭގައި އެދުވަހު ހެނދުނު އިރުއަރާއިރު އިރުގެ ދޯދިތައް ނުހުރުން ހިމެނެއެވެ. އިރު ހުންނާނީ ދޯދިނެތި ސާފުކޮންނެވެ.

)ނޯޓް: ބުއްދިވެރިއަކީ ލައިލަތުލް ޤަދްރި ޙާޞިލްކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ އިންސާނާއެވެ.)

____________________

މަޞްދަރު: ملخص فقه العبادات (ص: 485 – 487) 

--އައްޝައިޚް ޙުސައިން ޠޯރިޤް

 

މިއަދު އޮންލައިން