ނަމާދުކުރުމާއި، ރޯދަހިފުމާއި، ގެފުޅު ވަށައިގެން ޠަވާފުކުރުމާ އަދި މިސްކިތުގައި އިޢުތިކާފަށް އިނުން ފިޔަވާ އެހެން ހުރިހާ އަޅުކަމެއް ޙައިޟުވެރިޔާއަށް އަދާކުރެވޭނެއެވެ.
ރަމަޟާން މަހުގެ ފަހުދިހައިގައި ނަބިއްޔާ صلى الله عليه وسلم ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރެއްވިކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ» [رواه البخاري (2024) ومسلم (7 – (1174))]
މާނައީ: "(ރަމަޟާންމަހުގެ) ފަހުދިހަ އައުމުން، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކަމަރު ބާރުކޮށްލައްވައެވެ. (އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެ ވަޑައިގަންނަވައެވެ). އަދި ރޭތައް އިޙުޔާ ކުރައްވައެވެ. (އެބަހީ: ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުން ހޭލައްވައެވެ."
ރޭތައް އިޙުޔާކުރެއްވުމުގެ މުރާދަކީ ނަމާދުކުރުން އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، ކިޔަމަންތެރިކަން އަދާކުރުމުގެ އެންމެހާކަމެއް އޭގައި ހިމެނެއެވެ.
«وَأَحْيَا لَيْلَهُ» ގެ ޝަރަޙައިގައި ޢިމްލުވެރިން ވިދާޅުވެފައިވަނީ މިފަދައިންނެވެ.
އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވިއެވެ.
“أَي سهره فأحياه بِالطَّاعَةِ”. [فتح الباري لابن حجر (4 / 269)]
މާނައީ: "އެބަހީ: އެކަލޭގެފާނު ރޭގަނޑު ހޭލާ ހުންނަވައެވެ. ފަހެ، އެކަލޭގެފާނު ރޭގަނޑު އިޙްޔާކުރައްވަނީ ކިޔަމަންތެރިކަން އަދާކުރެއްވުމުގައެވެ."
އައްނަވަވީ رحمه الله ވިދާޅުވެފައިވިއެވެ.
“أَيِ اسْتَغْرَقَهُ بِالسَّهَرِ فِي الصَّلَاةِ وَغَيْرِهَا”. [شرح النووي عل مسلم (8 / 71)]
މާނައީ: "އެބަހީ: ނަމާދާއި އެހެނިހެން އަޅުކަންތައް ކުރެއްވުމަށް އެކަލޭގެފާނު ރޭގަނޑުގެ ހޭލާ ހުންނަވައި އެ ވަގުތުތައް ހޭދަކުރައްވައެވެ."
އަދި عون المعبود ގައި ވެއެވެ.
“أَيْ غَالِبَهُ بِالصَّلَاةِ وَالذِّكْرِ وَتِلَاوَةِ الْقُرْآنِ”. [عون المعبود شرح سنن أبي داود (4 / 176)]
މާނައީ: "އެބަހީ: ރޭގެ ބޮޑުބައިގާ ނަމާދުކުރައްވާ، ޛިކުރުކުރައްވާ، ޤުރުއާން ކިޔަވާވިދާޅުވުމަށެވެ."
ދަމުނަމާދު ކުރުމަކީ ލައިލަތުލްޤަދްރީގައި މީހަކަށް އަދާކުރެވޭނެ އެންމެ މަތިވެރި އަޅުކަމެވެ. އެއީ ނަބިއްޔާ ޙަދީޘްކުރައްވާފައިވަ ފަދައިންނެވެ.
«وَمَنْ قَامَ لَيْلَةَ القَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» [رواه البخاري (2014) ومسلم (175- (760))]
މާނައީ: "އަދި އީމާންކަމާއެކު ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ހުރެ ލައިލަތުލްޤަދްރީގައި ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވާނެއެވެ."
ޙައިޟުވެރިޔާއަށް ނަމާދުކުރުން މަނާވެގެންވުމުން، ނަމާދު ފިޔަވާ ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރާ އެހެން ކަންކަން ކޮށްގެން އެރޭ އިޙްޔާކުރެވޭނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:
1. ޤުރުއާން ކިޔެވުން.
2. ޛިކުރުކުރުން. އެއީ سُبْحَانَ الله، الحَمْدُ لله، لا إله إلا الله، الله أَكْبَر، سُبْحَانَ الله وَبِحَمْدِه އަދި سُبْحَانَ اللهِ الْعَظِيم ފަދަ ޛިކުރުތައް ކިޔުމެވެ.
3. އިސްތިޣުފާރުކުރުން. ފަހެ، ގިނަގިނައިން اَسْتَغْفِرُ الله ކިޔާށެވެ.
4. ދުޢާކުރުން. ﷲގެ ޙަޟްރަތަށް ދުޢާކުރުން ގިނަކުރާށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި އެއިލާހުގެ ޙަޟްރަތުގައި ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން ދުޢާ ހިމެނެނީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الدُّعَاءُ هُوَ العِبَادَةُ» [رواه الترمذي (2969) وصححه الألباني]
މާނައީ: "އަޅުކަމަކީ ދުޢާއެވެ."
ލައިލަތުލްޤަދްރީގެ ހެޔޮކަން ޙާޞިލުކުރުމަށް ޙައިޟުވެރިޔާއަށް މި ކަންކަމާ އަދި މި ނޫނަސް އެހެން އަޅުކަންތައް އަދާކުރެވޭނެއެވެ.
އަޅަމެން ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ އެއިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކަންކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުމަށެވެ. އަދި އަޅަމެންގެ ޞާލިޙު ޢަމަލުތައް ޤަބޫލުކުރެއްވުމަށެވެ.
- ދިސަލަފިއްޔާ