ކޮންމެ ޙާލެއްގަނަމަވެސް ނަމާދުކުރާނަމަ ހީވެސް ނުކުރެވޭވަރުގެ ރަނގަޅު ގޮތްތައް މެދުވެރިވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކޮންމެ ޙާލެއްގަނަމަވެސް ނަމާދުކުރާނަމަ ހީވެސް ނުކުރެވޭވަރުގެ ރަނގަޅު ގޮތްތައް މެދުވެރިވާކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ބަލިޙާލަތެއް ކުރިމަތިވެއްޖެނަމަ ގިނަ ބައަކަށް ފުރަތަމަވެސް ކުރެވޭ ކަމަކީ ނަމާދުކުރުން ހުއްޓާލުމެވެ. ފަހުން ޤަޟާކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ބުއްދިސަލާމަތުން ހުރިނަމަ ނަމާދު އެޅުމެއް ނެތެވެ. އޮތީ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރުމެވެ. ކޮޅަށް ނުހުރެވޭނަމަ އިށީނދެ އިނދެގެންނެވެ. އިށީނދެ ނުއިނދެވޭނަމަ އޮށޯވެ އޮވެގެންނެވެ. ކޮންމެ ޙާލެއްގައި ނމަވެސް ނަމާދު އެޅުމެއް ނެތެވެ. 

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ކޮންމެ ޙާލެއްގައި ނަމަވެސް ނަމާދުކުރައްވާށެވެ! ހީވެސް ނުކުރެވޭ ގޮތްގޮތަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

އަހަރެންގެ އެކްސިޑެންޓެއް ވިއެވެ. އެކަމުގެ ސަބަބުން ދެފައިގެ ބާރު އެކުގައިހެން ނެތިގެން ދިއައެވެ. އަދި އަހަރެންގެ ދެފައަށް އަލުން ބާރު ލިބި ހިނގައި ގަނެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑައިލިއެވެ. 

އަހަރެން އެންމެ ދެރަވީ އަހަރެންނަށް ދެން ކޮޅަށް ހުރެ ނަމާދު ނުކުރެވިދާނެތީއެވެ. ނަމަވެސް އެކަން އެއްވެސް މީހަކަށް ހިއްޞާއެއް ނުކުރަމެވެ. ބެލީ ކޮންމެ ހާލެއްގައި ނަމަވެސް ނަމާދުކުރެވޭތޯއެވެ. އެނދުގައި އޮށޯވެ އޮންނަން ޖެހުނު ދުވަސްތަކުގައިވެސް ނަމާދެއް ދުލެއް ނުކުރަމެވެ. ގޮނޑީގައި އިނދެލެވޭވަރުވުމުން ގޮނޑީގައި އިނދެ އައީ ނަމާދުކުރަމުންނެވެ. 

އެހާލުގައި އަހަރެން އުޅޭތާ 8 ވަރަކަށް އަހަރުވީފަހުން މިސްކިތުން ބައްދަލުވި މީހަކު އަހަރެންނަށް ހަމްދަރުދީވެ އެއްދުވަހަކު އަހަރެންގެ ހާލު އެހިއެވެ. އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާ އަހަރެންގެ ފައި ވަރަށް ރަނގަޅަށް ބެލިއެވެ. އަދި އެއިގެ 3 ދުވަސް ފަހުން މިސްކިތުން ބައްދަލުކޮށްފައި 1 ލިޓަރުގެ ތެޔޮ ފުޅިއެއް ދިނެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު އާއި ރޭގަނޑު ނިދަމުން ފައިގައި އުނގުޅަން ބުންޏެވެ. 

އަހަރެން އޭނާއަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އަދި ބުނީމެވެ. "ރަހްމަތްތެރިޔާއަށް މާތް ﷲ ހެޔޮ ރަޙްމަތް މިންވަރުފުޅު ކުރައްވަވާށިއެވެ. މީގެ އަގަށް ދޭނެ އެންމެ ދިރުހަމެއްވެސް އަހަރެންގެ އަތަކު މިވަގުތަކު ނެތެވެ. ބަލިހާލުގައި އުޅެން ހަދައިގެން އަތްމަތި އެކުގައި ވަނީ ހުސްވެފައެވެ. ނަމަވެސް ﷲ އިރާދަކުރެއްވެވިއްޔާ ވީހައި ގިނައިން ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްދޭނަމެވެ." 

ޖަވާބުގައި ތިއައީ އެންމެ އަގު ބޮޑު ހަދިޔާ ކަމަށް ބުނެފައި އޭނާ ދިއައީއެވެ. އެރެއިން ފެށިގެން ތެޔޮ އުނގުޅަން ފެށީމެވެ. ކަންތައްތައް މެދުވެރިވީ ވަރަށް އަޖައިބު ކުރުވަނިވި ގޮތަކަށެވެ. ޑޮކްޓަރުންތައް އުންމީދު ކަނޑާލާފައި އޮތް ފައި މަޑުމަޑުން ހަރަކާތް ކުރެވެން ފެށިއެވެ. ތެޔޮފުޅި ހުސްވިއިރު މަޑުމަޑުން ހިނގައި އުޅެވެއެވެ. 

ހިނގައި އުޅެވެން ފެށިތަނާ އަނެއްކާވެސް އެމީހާ އާއި ބައްދަލުވިއެވެ. އޭނާ ވީ ޙަކީމީ ބޭސް ހަދާ ޑޮކްޓަރަކަށެވެ. އޭނާ ދިން ދައުވަތަކަށް އޭނާ ހިންގާ ކްލިނިކަށް ދިއުމުން ކޭޝިއަރެއްގެ ވަޒީފާ ވެސް ދިނެވެ. އަހަރެންގެ ފައިވެސް އަނބުރައި ލިބުނީއެވެ. ދިރިއުޅެލެވޭވަރުގެ ވަޒީފާއެއްވެސް ލިބުނީއެވެ. 

އަހަރެން މިވާހަކަ ހިއްސާ ކޮށްލީ އަހަރެންގެ މިވާހަކައިން ކޮންމެ މީހަކަށްވެސް ކޮންމެވެސް ޢިބްރަތެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ޚާއްޞަކޮށް ނަމާދުކުރުމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. 

ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން